ސުންނީ ނުވަތަ ޝީއާ މުސްލިމެކޭ ބުނެ ލޭބަލްކޮށް ވަކިކުރަނީ މުސްލިމުންގެ މެދުގައި ބައިބައިވުން އުފެއްދުމަށް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ ދާދި ފަހުން ސޯޝަލް މީޑިއާގައި މުސްލިމުންގެ މެދުގައި އުފެދިފައިވާ މަޒުހަބީ ބަހުސްތަކާ ގުޅިގެންނެވެ.
ރައީސް މައުމޫން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސުންނީ މުސްލިމަކަށް ވިއަސް، ޝީއާ މުސްލިމަކަށް ވިއަސް ނުވަތަ ސަލަފީ މުސްލިމަކަށް ވިއަސް އެ އެންމެންނަކީ ވެސް މުސްލިމުން ކަމަށެވެ. އަދި އެ ގޮތަށް ވަކިން ލޭބަލްކޮށް އެއްޗެހި ކިޔަނީ މުސްލިމުން ބައިބައިކޮށް ބަލިކަށި ކުރުމަށް އަދުއްވުން ކުރާ ކަމެއް ކަމަށް އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.
އިސްލާމް ދީނުގެ ރިވެތި އުސޫލުތަކަށް އަލިއަޅުއްވާލައްވަމުން މައުމޫން ވިދާޅުވީ، ޖަދަލުކޮށް އެކަކު އަނެކަކު ކުށްވެރިކޮށް ކާފިރު ކުރުމަކީ ރަހުމަތުގެ ދީނުގެ ސިފައެއް ނޫން ކަމަށެވެ. މިއީ މުސްލިމުންގެ މެދުގައި އޮންނަންޖެހޭ އެއްބައިވަންތަކަން ގެއްލިގެންދާނެ ކަމެއް ކަމަށް އެ މަނިކުފާނު އިންޒާރު ދެއްވި އެވެ.
މި ބަހުސް ބޮޑުވެފައިވަނީ އީރާނުގެ އެންމެ އިސް ލީޑަރު އަލީ ހާމަނާއީ އަވަހާރަވުމާ ގުޅިގެން، ދީނީ އިލްމުވެރިޔާ އަހުމަދު ސަމީރު ފޭސްބުކްގައި ކުރެއްވި ޕޯސްޓަކާ ގުޅިގެންނެވެ. ސަމީރު ވިދާޅުވެފައި ވަނީ އީރާނުގެ ލީޑަރުންގެ ފޮތްތަކުން އެ ބޭފުޅުންނަކީ ސަހާބީންނަށް ބަދުބަސް ބުނާ، ޝީއީ މަޒުހަބުގެ ބާތިލް އަގީދާގައި ތިބި ބައެއްކަން އެނގޭ ކަމަށެވެ.
ސަމީރުގެ ޕޯސްޓުގައި އިތުރަށް ވިދާޅުވީ، އީރާނުގެ ލީޑަރުންނަކީ ކީރިތި ރަސޫލާގެ އަނބިކަނބަލުންނާއި ސަހާބީންނަށް މަކަރާއި ހިޔާނާތް ނިސްބަތްކުރާ ބައެއް ކަމަށެވެ. އަދި ޔަހޫދީ ދައުލަތް ސުންނާފަތިވާން އެދުނު ކަމުގައި ވިޔަސް، އިސްލާމްދީނުގެ ނަމުގައި މިފަދަ ފިކުރުތަކުގެ މީހުން މަތިވެރި ކުރުމުގެ އެއްވެސް މާނައެއް ނެތް ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.
މި މައްސަލާގައި ރައީސް މައުމޫންގެ އިރުޝާދަކީ މަޒުހަބީ ތަފާތުތަކަށް ވުރެ ބޮޑަށް އިސްލާމީ އުންމަތުގެ އެއްބައިވަންތަކަމަށް އިސްކަންދިނުމެވެ. އަދި ބޭރުގެ ނުފޫޒުތަކުން މުސްލިމުން ބައިބައިކުރުމަށް ކުރާ މަސައްކަތްތަކަށް ސަމާލުވުމަށް އެ މަނިކުފާނު ވަނީ ގޮވާލައްވާފަ އެވެ.
ޑްރަގް އެތެރެ ކުރި ދެ މީހަކު ހައްޔަރުކޮށްފި
ބޮލީވުޑް: 90ގެ އަހަރުތަކުގައި އެންމެ އަގުބޮޑު ތަރިން!
ރޯނިތުއަށް ހޮލީވުޑްގެ ފުރުސަތު ގެއްލުނީ ކަރަންގެ ސަބަބުން؟