ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާމެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނެގުން ހުއްޓުވަން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލާގެ އަޑުއެހުންތައް މިއަދު ނިންމާލައިފި އެވެ.
ރިޔާސީ އިންތިހާބާއި މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ފެންނަ ނުފެންނަ ވޯޓު ނެގުމަށް ނިންމާފައިވަނީ އަންނަ މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާ އެކު އެވެ.
ގާނޫނީ ވަކީލުން ކަމަށްވާ އިބްރާހިމް ޝިޔާމް އާއި އައިކު އަހުމަދު އީސާގެ ފަރާތުން އެ މައްސަލަ ހުށަހެޅީ އެ ވޯޓުގައި ރައްޔިތުންގެ ހިޔާލު ހޯދުމަށް ނެރެފައިވާ ރައީސްގެ ގަރާރާއި އިލެކްޝަންސް ކޮމިޝަންގެ އިއުލާނުގައި އޮތް ސުވާލަކީ ގާނޫނު އަސާސީއާ ހިލާފް ސުވާލެއް ކަމަށް ބުނެ އެވެ.
ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ޝިޔާމާއި އައިކްގެ ފަރާތުން ބުނެފައިވަނީ ވޯޓުގައި ރައްޔިތުންނާ ކުރާ ސުވާލަކީ ގާނޫނު އަސާސީއާ އެއްގޮތަށް އޮތް ސުވާލެއް ނޫން ކަމަށެވެ. އަދި މިހާރު ހިނގަމުންދާ މަޖިލީހުގެ ދައުރު ކުރުވެގެންދާއިރު, އެކަން ސުވާލުން ސާފުނުވާ ކަމަށް އެ ވަކީލުން ބުންޏެވެ. އަދި އެ ބިލު މަޖިލީހުން ފާސްކުރުމުގައި އަމަލުކުރި އިޖުރާއަތްތަކާ މެދު ވެސް އެ ވަކީލުން ކަންބޮޑުވުން ފާޅުކުރި އެވެ.
ނަމަވެސް ދައުލަތުން ބުނީ ސުވާލުގެ އިބާރާތް ފަރުމާ ކުރުމަކީ ރައީސްގެ އިހްތިޔާރެއް ކަމަށާއި އެހެންވެ އެއީ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ބެލޭނެ ކަމެއް ނޫން ކަމަށް ވެސް ދައުލަތުން ބުންޏެވެ. އަދި އެ ސުވާލަކީ ގާނޫނު އަސާސީއާ ހިލާފް ސުވާލެއް ކަމަށް ނުނިންމޭނެ ކަމަށް ދައުލަތުން ބުންޏެވެ.
ދެ ފަރާތުގެ ވާހަކަތަކަށް ފުރުސަތު ދިނުމަށްފަހު ފަނޑިޔާރުންގެ ބެންޗުން އިއުލާން ކުރެއްވީ އިތުރު ކަމެއް ސާފުކުރަން ނުޖެހޭނަމަ ދެން އޮންނާނީ ހުކުމް އިއްވުން ކަމަށެވެ.
ސުޕްރީމް ކޯޓުގައި އެ މައްސަލަ ބައްލަވަނީ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެއީ އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދާއި ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމާއި ފަނޑިޔާރު އަބްދުالله ހަމީދު އަދި ފަނޑިޔާރު ހުސައިން ޝަހީދު އެވެ.
ފެންނަ ނުފެންނަ ވޯޓާ ގުޅިގެން އެހެން ބައެއް މައްސަލަތައް ވެސް ކޯޓަށް ހުށަހެޅި އެވެ. ނަމަވެސް އެ މައްސަލަތައް ބަލައިނުގަތުމަށް އޮތީ ނިންމައިފަ އެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 5 އިންސައްތަ ދަށަށް ހިނގައްޖެ
ބޮލީވުޑްގެ ތަރިންގެ ތައުލީމީ ފެންވަރަށް ނަޒަރެއް!
"ފަލަސްތީނު މުސްލިމުން ގަތުލުކުރާ ތަން ދެކެން ދެން ކެތެއް ނުވާނެ"