ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން 50 ރުފިޔާގެ ކޮންމެ އެއް ހިއްސާއަކަށް ދެ ބޯނަސް ހިއްސާ ދޫކުރަން އާއްމު ޖަލްސާއަށް ހުށަހަޅަން ޑިރެކްޓަރުންގެ ބޯޑުން ނިންމައިފި އެވެ.

އެ ބޭންކުން ބުނީ ހިއްސާއަށް ގެންނަ ބަދަލުތަކުގެ ތެރެއިން ހިއްސާދާރުންގެ އަތުގައި 18 މާޗު 2026 އާ ހަމަޔަށް ހުރި މޫނުމަތީ އަގުގެ 50 ރުފިޔާ ގެ ކޮންމެ 1 ހިއްސާއަކަށް 2 ބޯނަސް ހިއްސާ ދޫކުރުމަށް ބޯޑުން އާންމު ޖަލްސާއަށް ހުށަހަޅަން ނިންމާފައިވާ ކަމަށެވެ.

އެ ބޭންކުން ބުނީ ބޯނަސް ހިއްސާ ދޫކުރުމަކީ މިހާރު ތިބި ހިއްސާދާރުންގެ އަތުގައި ހުރި ހިއްސާގެ ނިސްބަތަށް ބަލައި އެއްވެސް އަގަކާ ނުލައި އިތުރު ހިއްސާ ބެހުން ކަމަށެވެ.

" މިސާލަކަށް 100 ހިއްސާ އޮތް ފަރާތަކަށް އިތުރު 200 ހިއްސާ ލިބޭނެ. އެހެންކަމުން، ޖުމްލަ ހިއްސާގެ އަދަދު 300 އަށް އިތުރުވާނެ،" ބީއެމްއެލް އިން ބުންޏެވެ.

މީގެ އިތުރުން 1 އިޒްޓު 10 ރޭޝިއޯ އިން ހިއްސާ ބައިކުރަން ވެސް އެ ބޭންކުން ނިންމާފައިވެ އެވެ.. ހިއްސާ ބައިކުރުމަކީ ހިއްސާދާރުންގެ އަތުގައި މިހާރު ހުރި ހިއްސާގެ އަދަދު އިތުރުކޮށް ހިއްސާއަކަށްޖެހޭ އަގު ދަށްކުރުމެވެ.

"މި ރޭޝިއޯއިން ބޭންކުގެ ހިއްސާ ބައިކުރުމުން ބޯނަސް ހިއްސާއާއެކު މިހާރު ހުރި ކޮންމެ ހިއްސާއެއް 10 ބަޔަށް ބައިކުރެވޭނެ. އެހެންކަމުން މިސާލަކަށް މިހާރު 100 ހިއްސާ އޮންނަ މީހެއްގެ ޖުމްލަ ހިއްސާ 3،000 ހިއްސާ އަށް ބަދަލުވާނެ،" ބީއެމްއެލް އިން ބުންޏެވެ. "އެއާއެކު ކޮންމެ ހިއްސާއެއްގެ މޫނުމަތީ އަގު 50 ރުފިޔާއިން 5 ރުފިޔާއަށް ކުޑަވާނެ. މި ބަދަލުގެ ސަބަބުން ހިއްސާދާރުންގެ ހިއްސާގެ ޖުމްލަ އަގަކަށް ބަދަލެއް ނާންނާނެ."

ބޭންކުން ހިއްސާ ބައިކުރުމަށް ނިންމި މަގުސަދުތަކަކީ

  • އިންވެސްޓަރުންނަށް ބޭންކުގެ ހިއްސާ ކުޑަ އަގެއްގައި ހޯދުމަށް މަގުފަހިކޮށްދިނުން
  • ހިއްސާގެ ބާޒާރުގައި އިންވެސްޓަރުންގެ ބައިވެރިވުން އިތުރުކުރުމަށް ހިތްވަރުދިނުން
  • މާކެޓް ލިކުއިޑިޓީ އަދި ހިއްސާގެ ބާޒާރުގެ ހަރަކާތްތަކަށް މަގު ފަހިކޮށްދިނުން
  • މުސްތަގުބަލުގައި އިތުރު ހިއްސާ ދޫކުރަން ނިންމައިފި ހާލަތެއްގައި އެކަމަށް ތައްޔާރުވުން

ބީއެމްއެލް އިން ބުނީ ހިއްސާގެ އަގު ކުޑަވުމާއެކު މާކެޓުގައި އިންވެސްޓްރުންނަށް ބައިވެރިވުމަށް ހިތްވަރުދެވި، ލިކުއިޑިޓީ އަދި ޓްރޭޑިން ހަރަކާތްތައް އިތުރުވާނެ ކަމަށެވެ.