ކާތިކް އާރްޔަންއަކީ މިވަގުތު ބޮލީވުޑްގައި ހަރަކާތްތެރިވާ ޒުވާން ތަރިންގެ ތެރެއިން އެންމެ ވިދުންގަދަ އެއް ތަރިއޭ ބުނުމުން ދޮގަކަށް ނުވާނެ އެވެ.
ފާއިތުވި އަހަރުތަކުގެ ތެރޭގައި ކާތިކްގެ ފިލްމުތަކަށް ބޮޑު ކާމިޔާބީއެއް ލިބިފައިވާއިރު 2024 ވަނަ އަހަރު ރިލީޒް ކުރެވުނު އޭނާގެ މަޖާ ބިރުވެރި ފިލްމު "ބޫލް ބުލައްޔާ 3"އަކީ ވެސް ބޮކްސް އޮފީހުގައި ކާމިޔާބީތަކެއް ހޯދި ފިލްމެކެވެ.
އެ ފިލްމުގެ ޕްރޮމޯޝަންތަކުގެ ތެރެއިން މީޑިއާއަށް ދިން އިންޓަވިއުއެއްގައި ކާތިކް ވަނީ ބޮލީވުޑްގައި މިހާރު ހުރި ހިސާބަށް އަންނަން އޭނާ ކުރި ދަތުރާ ބެހޭގޮތުން ވާހަކަ ދައްކާފަ އެވެ.
ކާތިކް ބުނެފައިވަނީ މިހާތަނަށް ވެސް އޭނާ އައީ އޭނާގެ އަމިއްލަ މަސައްކަތުން ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް ބޮލީވުޑްގެ ފަރާތުން އެއްވެސް އެހީއެއް ލިބޭނެ ކަމަށް އުއްމީދު ނުކުރާ ކަމަށެވެ.
"އަހަންނަކީ އެކަނިވެރިއެއް. އަހަރެންގެ ފިލްމުތައް ކާމިޔާބު ވިޔަސް އަހަރެންގެ ފަހަތުން ދުވާނެ ބަޔަކު މިތާކު (ބޮލީވުޑްގައި) ނެތް" ކާތިކް ބުންޏެވެ.
ކާތިކް އިތުރަށް ބުނީ އެ ދާއިރާގައި އޭނާގެ ނާކާމިޔާބަށް އެދޭ ބަޔަކު އުޅޭކަމުގެ އިހުސާސް ވެސް ކުރެވޭ ކަމަށާއި އޭނާގެ ކުރިއެރުމަށް އެފަދަ މީހުން ހުރަސް އަޅަން މަސައްކަތްކުރާ ކަމަށެވެ.
ކާތިކްގެ ކުރިއަށް ހުރި މަސައްކަތްތަކަށް ބަލާއިރު އޭނާ ދެން އެންމެ އަވަހަށް ފެންނާނީ އަނޫރާގް ބާސޫ ޑައިރެކްޓްކުރާ ރޮމޭންޓިކް ތުރިލާ ފިލްމަކުންނެވެ.
މާ ގިނައިން ކަރު ހިއްކާނަމަ މިކަންކަމަށް ސަމާލުވޭ!
ސިފައިންގެ އަދަދު މަދުވެ، އިޒްރޭލުގެ ލަޝްކަރު ރޫޅި ބައިބައި ވަނީ
ވިނަރެސް ފްލެޓެއްގައި ލޯންޑްރީއެއް ހިންގަނީ، އެޗްޑީސީ ހަނު