ރައީސް މުހައްމަދު މުއިއްޒާ ގުޅޭގޮތުން "އާއިޝާ" ގެ ނަމުގައި "އަދަދު" ނޫހުން ތައްޔާރުކޮށް ނެރުނު ޑޮކިއުމެންޓަރީއާ ގުޅިގެން، އެ ނޫހުގެ އިސްވެރިންނަށާއި ނޫސްވެރިއަކަށް މަރުގެ އިންޒާރު ދީފި އެވެ.
މިކަމާ ގުޅޭ ގޮތުން އަދަދު ނޫހުން ވުނީ މަރުގެ އިންޒާރު ދީފައި ވަނީ އެ ނޫހުގެ ސީއީއޯ ހުސައިން ފިޔާޒް މޫސާގެ އިތުރުން އެ ނޫހުގެ ނޫސްވެރިޔާ މުޙައްމަދު ޝަހުޒާނަށެވެ. މި އިންޒާރުތައް ދީފައި ވަނީ އެ ނޫހުގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ ހަބަރުތަކަށް ކޮމެންޓްކުރާ ބައި މެދުވެރިކޮށެވެ.
ރައީސް މުއިއްޒު ކައިވެނިން ބޭރުން 22 އަހަރުގެ އަންހެނަކާއެކު ބޭއްވެވި ގުޅުމަކާއި ބެހޭގޮތުން އަންހެންމީހާ ކިޔާދީފައިވާ ވާހަކަތަކެއް ކަމަށް ބުނެ އަދަދު ނޫހުގެ އެކްސް އެކައުންޓުގައި ރޭ ވަނީ އާއްމުކޮށްފަ އެވެ. އެ ޒުވާނާ ބުނެފައި ވަނީ ރައީސްއާއެކު ބޭއްވި ގުޅުން ފަސްޓްލޭޑީ ސާޖިދާ މުހައްމަދު އަށް ވެސް އެނގުނު ކަމަށެވެ.
"އަދަދު" ނޫހުން ބުނިގޮތުގައި އެ ނޫހުގެ ކިޔުންތެރިންގެ ޒާތީ މަޢުލޫމާތު ރައްކާތެރިކުރުމުގެ ސިޔާސަތުގެ ދަށުން، ވެބްސައިޓުގައި ހިޔާލުފާޅުކުރާ ފަރާތްތަކުގެ އެއްވެސް މައުލޫމާތެއް ނޫހުގެ ފަރާތުން ރައްކާކޮށްފައެއް ނުވެ އެވެ. އެހެންކަމުން، މި ނުރައްކާތެރި އިންޒާރު ދިން ފަރާތަކަކީ ކޮބައިކަން އެ ނޫހަކަށް ނޭނގެ އެވެ.
މި މައްސަލައާ ގުޅިގެން ނޫސްވެރިންނަށް އަމާޒުކޮށް ދެމުންދާ މަރުގެ އިންޒާރުގެ މައްސަލަ ދިވެހި ފުލުހުންގެ ހިދުމަތަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށް އަދަދު ނޫހުން ވަނީ ބުނެފަ އެވެ. އަދި ނޫސްވެރިންނަށް އެއްވެސް ބިރުވެރިކަމެއް ނެތި، މިނިވަންކަމާއެކު މަސައްކަތް ކުރެވޭނެ ފަހި މާހައުލެއް ޤާއިމުކޮށްދިނުމަށް ދައުލަތުގެ ކަމާބެހޭ ހުރިހާ މުއައްސަސާތަކަށް އެ ނޫހުން ވަނީ ގޮވާލައްވާފަ އެވެ.
ބީއެމްއެލް އިން އަޅާ އިތުރު 182 ފްލެޓެއްގެ ބިންގާ އަޅައިފި
އީރާނުގެ ދިފާއުގައި ހޫތީންގެ ހަމަލާތަކެއް
ގަސް ނުހެދެނީ ސްޓްރެސް ވާތީ!