ހުޅުމާލެ ދެވަނަ ފިޔަވަހީގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން އިމާރާތްކޮށްފައިވާ 4،000 ފްލެޓްގެ ކުއްޔަށް އެއްވެސް ލުޔެއް ދިނުމުގެ ވިސްނުމެއް މިވަގުތު ނެތް ކަމަށް އެ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް މިއަދު ވިދާޅުވެއްޖެ އެވެ.

އެ ފްލެޓްތަކުގެ ހައްގުގައި ވަކާލާތުކުރާ ފަހި ޔޫނިއަން ޖަމިއްޔާއިން ވަނީ، ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި ކަނޑައެޅި އަގަށް ކުލި ބަދަލުކޮށް، އެ ތަންތަނުން ނަގާ ޑައުންޕޭމަންޓު ކުޑަކޮށްދިނުމަށް ސަރުކާރަށް ގޮވާލާފަ އެވެ. ނަމަވެސް، ބައެއް މީޑިއާތަކަށް ހަމްދާން ވިދާޅުވީ، އެ ފުލެޓުތަކުގެ ކުއްޔަށް އިތުރު ލުޔެއް ދިނުމުގެ ވިސްނުމެއް ނެތް ކަމަށެވެ.

އެމްޑީޕީގެ ވެރިކަމުގައި މި ސްކީމްގެ ދަށުން ކަނޑައަޅާފައިވަނީ މެއިންޓަނަންސް ފީއާއެކު ދެ ކޮޓަރީގެ ފްލެޓަކަށް 6،000 ރުފިޔާ އަދި ތިން ކޮޓަރީގެ ފްލެޓަކަށް 8،000 ރުފިޔާ އެވެ. ނަމަވެސް، މިހާރުގެ ސަރުކާރުން އެއްބަސްވުންތައް އެކުލަވާލިއިރު، ދެ ކޮޓަރީގެ ފްލެޓެއްގެ ކުލި ވަނީ 7،000 ރުފިޔާއަށް އަދި ތިން ކޮޓަރީގެ ފްލެޓެއްގެ ކުލި 10،000 ރުފިޔާއަށް ބޮޑުކޮށްފަ އެވެ.

ފަހި ޔޫނިއަނުން ވަނީ ދުނިޔެއަށް ދިމާވެފައިވާ އިގުތިސާދީ ދަތި ހާލަތަށް ރިއާޔަތްކޮށް، ފްލެޓްތަކަށް ދިރިއުޅުން ބަދަލުކުރުމަށް އާންމު ރައްޔިތުން ކުރަންޖެހޭ ބޮޑު ހޭދައަށް ބަލައި، މިހާރު ދީފައިވާ ތިން މަސްދުވަހުގެ ގްރޭސް ޕީރިއަޑް ހަ މަހަށް ނުވަތަ އެއް އަހަރަށް އިތުރުކޮށްދިނުމަށް ވެސް އެދިފަ އެވެ. މީގެ އިތުރުން ޑައުންޕޭމަންޓް އުނިކޮށްދިނުމަކީ ވެސް އެ ޖަމިއްޔާގެ އެދުމެކެވެ.

މި 4،000 ފްލެޓްގެ ތެރޭގައި ހިމެނެނީ ދެ ކޮޓަރީގެ 1،250 ފްލެޓާއި ތިން ކޮޓަރީގެ 2،750 ފްލެޓެވެ. މި ފްލެޓުތަކުގެ ކުލި ބޮޑުކޮށްފައިވާތީ އާންމުންގެ ޝަކުވާތައް ވަނީ އިތުރުވެފަ އެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް ހިޔާ ފުލެޓުތަކުގެ ކުލި ދެ އަހަރަށް ކަނޑާލުމަށް އެޗްޑީސީން ނިންމާފައިވާތީ، އެކަމާ ގުޅިގެން ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް ވެސް އަންނަނީ އަމާޒުވަމުންނެވެ.