ލޮނަކީ އަހަރުމެންގެ ކެއިންބުއިމުގައި މުހިއްމު މާއްދާއެއް ނަމަވެސް މިނަށްވުރެ ގިނައިން ލޮނު ބޭނުން ކުރުމަކީ ސިއްހަތަށް އޭގެ ނުރައްކާ ކުރުވާނެ ކަމެކެވެ.

ރާއްޖޭގެ އާބާދީގެ 70 ޕަސެންޓް މީހުން ބޭނުން ކުރަންޖެހޭ މިންވަރަށް ވުރެ އިތުރަށް ލޮނު ބޭނުންކުރާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފައިވާއިރު މިއީ ސަމާލުވާންޖެހޭ ކަމެކެވެ.

ގިނައިން ލޮނު ބޭނުން ކުރުމަކީ ސިއްޙީ ގޮތުން ނުރައްކާތެރި ކަމެކެވެ. މިގޮތުން ދުވާލެއްގެ މައްޗަށް ކެއުމަށް ޑޮކްޓަރުން ލަފާ ދީފައިވާ ވަރަށްވުރެ ގިނައިން ލޮނު ބޭނުން ކޮށްފިނަމަ ގިނަ އުނދަގޫތަކެއް ހަށިގަނޑަށް ކުރިމަތިވާކަމަށް އެޗްޕީއޭއިން ބުނެ އެވެ.

މާ ލޮނުގަދަކޮށް ކެއުމުން ލިބޭ ގެއްލުމަކީ ލޭގެ ޕްރެޝަރަށް އަސަރު ކުރުން އެކަންޏެއް ނޫނެވެ. އެއީ ދިފާއީ ނިޒާމަށް ވެސް އޭގެ އަސަރު ކުރުވާ ކަމެއްކަން ދިރާސާތަކުން ދައްކަ އެވެ. އެގޮތުން ތަފާތު އެކި ބެކްޓީރިއާގެ ޒަރިއްޔާއިން ސިއްޙަތަށް އަސަރު ކުރުވާ މިންވަރު އެކަމުގެ ސަބަބުން އިތުރުވެގެންދާ ކަމަށް ދިރާސާތަކުން ދައްކަ އެވެ.

ލޮނު ބޭނުންކުރާ މިންވަރު އިތުރުވުމަކީ ހާޓްއެޓޭކާއި ސްޓްރޯކް ޖެހުމަށް މަގުފަހިވާނެ ކަމެކެވެ. އަދި ލޮނަކީ ކިޑްނީގެ މައްސަލަތައް ހުންނަ މީހުން ވެސް ފަރުވާތެރިވާން ޖެހޭ އެއްޗެކެވެ.

ޑަބްލިއުއެޗްއޯއިން އިރުޝާދު ދޭ ގޮތުގައި ދުވާލަކަށް 5 ގްރާމަށް ވުރެ ގިނައިން ލޮނުގެ ބާވަތްތައް ބޭނުން ކުރުމަކީ ސިއްހަތަށް ގެއްލުންވެދާނެ ކަމެކެވެ.

އެއީ ގާތްގަނޑަކަށް 1 މޭޒުމަތީ ސަމުސާ ފުރެންދެން ލޮނު އެޅުމުން ކިރާލެވޭ މިންވަރެވެ. އެހެން ނަމަވެސް، އާންމު ދިރިއުޅުމުގައި ގިނަ މީހުން ލޮނު ބޭނުން ކުރާ މިންވަރު ގިނަ ފަހަރު އޮންނަނީ ޑަބްލިއުއެޗްއޯގެ މި މިންގަނޑަށްވުރެ އެތައް ގުނައެއް އިތުރުވެފަ އެވެ.

ލޮނު ކެއުން މަދުކުރުމަކީ ހިތުގެ ސިއްހަތަށް ބޮޑެތި ފައިދާތަކެއް ކޮށްދޭނެ ކަމެކެވެ. ލޮނުގެ ބަދަލުގައި ހާބްސް އަދި ހަވާދުގެ ބާވަތްތައް ބޭނުންކުރުމުން ސިއްހަތަށް ފައިދާ ކުރާނެ ކަމަށް ވެސް އެޗްޕީއޭއިން ވިދާޅުވެ އެވެ.

ކަންމިހެން ހުރުމާއެކު، ކެއުމުގައި ލޮނު ބޭނުންކުރާ މިންވަރު އެކަށީގެންވާ މިންގަނޑެއްގައި ކޮންޓްރޯލް ކުރުމަކީ މުހިއްމު ކަމެކެވެ. އެގޮތުން ތައްޔާރީ ކާނާ ގަންނައިރު ވެސް، އޭގައި ލޮނު ހިމެނިފައިވާ މިންވަރު ޗެކް ކުރުމަކީ ކުރެވިދާނެ ކަމެކެވެ.