ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ޕީއެންސީގެ ގިނަ އަދަދެއްގެ މެންބަރުން ވެސް ނޫނެކޭ ބުނެފި އެވެ.

މި އަހަރުގެ ޖެނުއަރީ 1، ގެ ނިޔަލަށް ޕީއެންސީގެ ދަފްތަރުގައި ތިބީ 74،048 މެންބަރުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަށަވަރުކޮށްދެ އެވެ.

ފެންނަ ނުފެންނަ ވޯޓުގެ ވަގުތީ ނަތީޖާ ދައްކާގޮތުން އެ ވޯޓުގައި އާނއެކޭ ބުނެފައި ވަނީ 67،137 މީހުންނެވެ. މިއީ ޕީއެންސީގެ ޖުމްލަ މެންބަރުންގެ އަދަދަށްވުރެ މަދު އަދަދަދެކެވެ. އެ ވޯޓުގައި 146،112 މީހުން ވަނީ ނޫނެކޭ ބުނެފައެވެ.

ރައީސް މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ 2023 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުން 129،159 ވޯޓާއެކުގަ އެވެ. އޭގެތެރެއިން 55،111 މީހުން ރައީސް މުއިއްޒު ބޭނުންވާގޮތަށް ތާއީދެއް ނުކުރި އެވެ.

ކައުންސިލް އިންތިހާބުގައި ފަސް ސިޓީގެ މޭޔަރު ކަމުގެ ގޮނޑި ވެސް ކާމިޔާބުކުރީ އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓުންނެވެ. އަދި ފަސް ސިޓީންގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމުވެސް ކާމިޔާބުކުރީ އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓުންނެވެ.