ބޭންކް އޮފް މޯލްޑިވްސްގެ ސްޕޯޓްސް ސްކޮލާޝިޕް ލިބޭ އެތުލީޓު ހޮވައިފިއެވެ.

ސްޕޯޓްސް ސްކޮލާޝިޕް ލިބޭ އެތުލީޓަކީ ސާފިންގެ ދާއިރާއިން ސައްޔިދު ސަލާހުއްދީނެވެ. ސްކޮލާޝިޕްގެ ދަށުން ސައްޔިދުގެ ޓްރެއިނިން ކުރިއަށް ގެންދާނީ ޗައިނާ، ފިލިޕީންސް އަދި އިންޑޮނޭޝިއާގަ އެވެ. އަދި އޮސްޓްރޭލިއާގައި ކުރިއަށްދާ މުބާރާތެއްގައި ވެސް ބައިވެރިވާނެ އެވެ. މީގެ އިތުރުން، މުބާރާތާއި ޓްރެއިނިން އަށް ބޭނުންވާ އިކުއިޕްމެންޓް، މި ސްކޮލާޝިޕްގެ ދަށުން ފޯރުކޮށްދޭނެ އެވެ.

މި ސްކޮލާޝިޕް ޕްރޮގްރާމްއަކީ ރާއްޖޭގެ އެތުލީޓުންގެ ހުނަރު ކުރިއަރުވައި، ކުޅިވަރުގައި ފުރިހަމަ ކާމިޔާބެއް ހޯދުމުގައި އެހީތެރިވުމަށް ދޭ ސްކޮލާޝިޕެކެވެ. މި ސްކޮލާޝިޕް ލިބޭ އެތުލީޓުން ހޮވާފައި ވަނީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އާއެކު ގާއިމުކޮށްފައިވާ އެއްބަސްވުމެއްގެ ދަށުން އެމްއޯސީއިންނެވެ. ބޭންކުން ހުރިހާ ހަރަދެއް ފޯރުކޮށްދޭ މި ސްކޮލާޝިޕަށް ހޮވޭ އެތުލީޓުންނަށް ހައި ޕާފޯމަންސް ޓްރެއިނިން ސެންޓަރުތަކުގައި ތަމްރީނުވުމުގެ ފުރުސަތު ލިބޭނެ އެވެ.

ބީއެމްއެލް ސްޕޯޓްސް ސްކޮލާޝިޕްގެ ދަށުން މިހާތަނަށް 8 އެތުލީޓުންނަށް މި ސްކޮލާޝިޕްގެ ދަށުން ތަމްރީނު ހޯދުމުގެ ފުރުސަތު ދީފައިވެ އެވެ. ރާއްޖޭގެ ފުޓްބޯޅަ، ސްވިމިން، ޓެނިސް، ބާސްކެޓްބޯޅަ، ސާފިން ފަދަ ކުޅިވަރުތައް ކުރިއެރުވުމަށް ގައުމީ އެސޯސިއޭޝަންތަކާއެކު ގާއިމްކޮށްފައިވާ އެކި ޕާޓްނާޝިޕްތަކުގެ ދަށުން ބޭންކުން ދަނީ އެ އެސޯސިއޭޝަންތަކަށް އެހީތެރިވަމުންނެވެ.

ދިވެހިރާއްޖޭގެ ކުޅިވަރު ތަރައްގީކޮށް ކުރިއެރުވުމަށް ބޭންކުން ކުރަމުންދާ މަސައްކަތުގެ އަގުވަޒަންކޮށް، ސްޕޯޓްސް މިނިސްޓްރީން ވަނީ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގައި ބޭންކަށް ހާއްސަ އެވޯޑެއްވެސް ދީފަ އެވެ.