ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް (އެސްއޯއެމް) އާއި ގުޅިގެން އެންމެން ޝާމިލުވާ ކުޅިވަރުގެ މާހައުލެއް ބިނާކުރުމަށް ޕާޓްނާޝިޕެއް ގާއިމުކޮށްފި އެވެ. މިއީ މުޖުތަމައުގެ ހުރިހާ ފަރުދުންނަށް ހަމަހަމަ ފުރުސަތުތަކެއް ހޯދައިދިނުމަށާއި، ކަންކަމުގައި ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ބޭންކުން ކުރަމުންދާ މަސައްކަތުގެ ދަށުން ނިންމި ނިންމުމެކެވެ.
މި ޕާޓްނާޝިޕްގެ ދަށުން، ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްގައި ރަޖިސްޓްރީވެފައިވާ 500 އަށްވުރެ ގިނަ އެތުލީޓުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ތަމްރީނު ޕްރޮގްރާމްތަކާއި، ސިއްހީ ހަރަކާތްތަކާއި، އާއިލީ ގުޅުން ބަދަހިކުރުމުގެ ހަރަކާތްތަކުގެ އިތުރުން ލީޑާޝިޕް ޕްރޮގްރާމްތަކަށާއި ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެ ތަމްސީލުކުރުމަށް ބޭންކުން އެހީތެރިކަން ފޯރުކޮށްދޭނެ އެވެ. މީގެ އިތުރުން މުޖުތަމައަށް އަމާޒުކޮށްގެން ހިންގާ ތަފާތު ހަރަކާތްތަކަށްވެސް މި ޕާޓްނާޝިޕްގެ ދަށުން އެއްބާރުލުން ދިނުމަށް ވަނީ ނިންމާފަ އެވެ.
ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް އަކީ ދުނިޔޭގެ ސްޕެޝަލް އޮލިމްޕިކްސް ހަރަކާތުގެ ރާއްޖޭގެ ގޮފި ކަމަށްވާއިރު، އެ ޖަމިއްޔާގެ މައިގަނޑު މަގުސަދަކީ އިންޓެލެކްޗްއަލް ޑިސްއެބިލިޓީސް ހުންނަ ކުދިންނާއި ޒުވާނުން ބާރުވެރިކުރުވުމެވެ. އެގޮތުން އަހަރު ދުވަހުގެ މުއްދަތަށް ބަހާލައިގެން ކުރިއަށްގެންދާ ކުޅިވަރު ތަމްރީނުތަކާއި މުބާރާތްތަކުގެ ޒަރީއާއިން އެތުލީޓުންގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުކުރުމަށާއި، ޖިސްމާނީ ދުޅަހެޔޮކަން އިތުރުކުރުމުގެ އިތުރުން ދިރިއުޅުމުގެ މުހިންމު ހުނަރުތައް ތަރައްގީކުރުމަށް އެހީތެރިވެދެ އެވެ.
އަދި މުޖުތަމައުގައި އެފަދަ ފަރާތްތައް ބަލައިގަތުމާއި، އިހުތިރާމް ހޯދައިދިނުމުގެ އިތުރުން ހަމަހަމަ ފުރުސަތުތައް ފަހިކޮށްދިނުމަކީވެސް އެ ޖަމިއްޔާގެ މުހިންމު އަމާޒެކެވެ. ބޭންކް އޮފް މޯލްޑިވްސް އިން ދަނީ ގައުމީ ފެންވަރުގައި ހިންގާ އެކި ހަރަކާތްތަކާއި، ޕާޓްނާޝިޕްތަކުގެ ޒަރީއާއިން ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށާއި، ޒުވާނުންނަށް ފުރުސަތުތައް ހޯދައިދިނުމަށް އަބަދުވެސް މަސައްކަތް ކުރަމުންނެވެ.
މަގާމުން އިސްތިއުފާ ނުދެއްވާނެ ކަމަށް ގަޕޯ ވިދާޅުވެއްޖެ
ގަޕޯގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅައިފި
