އީރާނުގެ ހާރިޖީ ވަޒީރު އައްބާސް އަރާގްޗީ ވަނީ އޮމާނަށް ކުރެއްވި ދަތުރުފުޅަށްފަހު އަލުން އިސްލާމްއާބާދަށް ވަޑައިގެން، އެއަށްފަހު ރަޝިޔާއަށް ފުރާވަޑައިގަންނަވާފަ އެވެ. އެމަނިކުފާނު ރައީސް ލަޑީމިއާ ޕޫޓިންއާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ. ރަޝިޔާގައި ހުންނަވާ އީރާނުގެ ސަފީރު ކާޒިމް ޖަލާލީ ވިދާޅުވީ، އަރާގްޗީ ޕޫޓިންއާ ބައްދަލުކުރައްވަނީ ގައުމީ މަސްލަހަތު ހިމާޔަތްކުރުމަށާއި ބޭރުގެ ނުރައްކާތަކުން ސަލާމަތްވުމަށް ކުރާ ޑިޕްލޮމެޓިކް މަސައްކަތުގެ ތެރެއިން ކަމަށެވެ.

އީރާނުގެ ދައުލަތުގެ މީޑިއާއިން ބުނިގޮތުގައި، އަރާގްޗީ ވަނީ އޮމާނުގެ ރަސްގެފާނު ހައިޘަމް ބިން ތާރިގްއާ ބައްދަލުކުރައްވައި، ބޭރުގެ ނުފޫޒެއް ނެތް ސަރަހައްދީ ސަލާމަތީ އޮނިގަނޑެއް ގާއިމުކުރުމަށް ގޮވާލައްވާފަ އެވެ. އަދި ހުރިހާ ގައުމުތަކަށް ފައިދާވާނެ ފަދަ ރައްކާތެރި ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކުރުމާ ބެހޭގޮތުން ވާހަކަދެއްކެވި ކަމަށް އަރާގްޗީ ވިދާޅުވި އެވެ.

އީރާނުގެ ތަސްނީމް ނިއުސް އެޖެންސީން ބުނިގޮތުގައި، ޕާކިސްތާނުގެ އޮފިޝަލުންނާއެކު ބޭއްވި މަޝްވަރާތަކުގައި ހޮރްމުޒް ކަނޑުއޮޅިއާ ބެހޭ އާ ގާނޫނީ އޮނިގަނޑެއް އެކުލަވާލުމާއި، ލިބުނު ގެއްލުމުގެ ބަދަލު ހޯދުމާއި، އަދި ކަނޑުގެ ބްލޮކޭޑް އުވާލުމާ ބެހޭގޮތުން ވާހަކަދެކެވުނެވެ.

ހޮނިހިރު ދުވަހު ފްލޮރިޑާގައި ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، މަންދޫބުންގެ ދަތުރު ކެންސަލް ކުރީ އީރާނުން ހުށަހެޅި ހުށަހެޅުންތައް އެކަށީގެން ނުވާތީ ކަމަށެވެ. އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ވިދާޅުވީ، ބިރުދެއްކުމާއި ބްލޮކޭޑްގެ ދަށުގައި ތިބެގެން ކުރާ މަޖުބޫރު މަޝްވަރާތަކަކަށް އީރާނުން އެއްބަސްނުވާނެ ކަމަށެވެ.

ސުލްހައިގެ މަސައްކަތްތައް އަލުން ފެށިދާނެ ކަމުގެ އުންމީދުތައް ހޮނިހިރު ދުވަހު ކުޑަވެގެން ދިޔައީ، އެމެރިކާގެ މަންދޫބުން ކަމަށްވާ ސްޓީވް ވިޓްކޮފް އަދި ޖެރެޑް ކުޝްނާ އިސްލާމްއާބާދަށް ކުރައްވަން އޮތް ދަތުރުފުޅު ޓްރަމްޕް ކެންސަލް ކުރެއްވުމާ ގުޅިގެންނެވެ.

"އެމީހުން ވާހަކަދައްކަން ބޭނުންނަމަ، އަހަރެމެންގެ ގާތަށް އާދެވިދާނެ، ނުވަތަ ގުޅިދާނެ. ފޯނެއް އެބަހުރި. އަހަރެމެންގެ އަތުގައި ރައްކާތެރި ފޯނު ލައިންތައް އެބަހުރި،" ފޮކްސް ނިއުސްގެ "ދަ ސަންޑޭ ބްރީފިން" ޕްރޮގްރާމުގައި ޓްރަމްޕް ވިދާޅުވި އެވެ.

ޓްރަމްޕް އިތުރަށް ވިދާޅުވީ، އެއްބަސްވުމެއްގައި ހިމެނެންޖެހޭ ކަންކަން އީރާނަށް އެނގޭނެ ކަމަށާއި، އެއީ ވަރަށް ސާފު ކަމެއް ކަމަށެވެ. އެއީ އެގައުމަށް ނިއުކްލިއާ ހަތިޔާރު ނުއުފެއްދޭނެ ގޮތްވުމެވެ. އެހެން ނޫންނަމަ ބައްދަލުކުރުމުގެ ބޭނުމެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

އީރާނުން ބުނަމުންދަނީ އެގައުމުގެ ޔުރޭނިއަމް މުއްސަނދިކުރުމުގެ ހައްގު އެމެރިކާއިން ބަލައިގަންނަންޖެހޭނެ ކަމަށެވެ. އަދި އެއީ ހަމައެކަނި ސުލްހަވެރި ބޭނުންތަކަށް ކުރާ ކަމެއް ކަމަށް އީރާނުން ބުނި ނަމަވެސް، ހުޅަނގުގެ ބާރުތަކުން ތުހުމަތު ކުރަނީ އެއީ ނިއުކްލިއާ ހަތިޔާރު އުފެއްދުމަށް ކުރާ ކަމެއް ކަމަށެވެ.

ފެބްރުއަރީ 28 ގައި އެމެރިކާއާއި އިޒްރޭލުން އީރާނަށް ދިން ހަމަލާތަކާއެކު ފެށުނު މި ހަނގުރާމައިގައި، ވަގުތީ ގޮތުން ހަމަލާ ބަދަލުކުރުން މެދުކަނޑާލާފައި އޮތް ނަމަވެސް، ހަނގުރާމަ އެއްކޮށް ހުއްޓާލުމުގެ އެއްބަސްވުމަކަށް އަދި އާދެވިފައެއް ނުވެއެވެ.

އެމެރިކާއާއި އީރާނާ ދެމެދު ކުރިއަށްދާ ސުލްހައިގެ ވާހަކަތައް ހުއްޓުމަކަށް އައުމާ ގުޅިގެން، ހޯމަ ދުވަހު އޭޝިއާގެ ބާޒާރުތަކުގައި ތެލުގެ އަގު އުފުލި، ޑޮލަރުގެ އަގު މައްޗަށް ގޮސް، އެމެރިކާގެ ހިއްސާގެ ބާޒާރަށް ވަނީ ލޮޅުން އަރާފަ އެވެ. މީގެ ސަބަބުން ގަލްފުގެ ކަނޑުގެ ދަތުރުފަތުރަށް ވަނީ ބުރޫ އަރާފަ އެވެ.

ހަނގުރާމަ ހުއްޓާލުމަށް ޓްރަމްޕަށް ބޮޑެތި ފިއްތުންތަކެއް

ޓްރަމްޕަށް އޮތް ތާއީދު ކުޑަވަމުންދާތީ، މަގުބޫލުކަން ކުޑަ މި ހަނގުރާމަ ހުއްޓާލުމަށް އެމެރިކާގެ ސަރުކާރުގެ ތެރެއިން ޓްރަމްޕަށް ދަނީ ފިއްތުންތައް ކުރިމަތިވަމުންނެވެ. އަސްކަރީ ގޮތުން އީރާނު ބަލިކަށިވެފައިވީ ނަމަވެސް، ދުނިޔޭގެ ތެލުގެ ފަސްބައިކުޅަ އެއްބައި އުފުލާ ހޮރްމޫޒް ކަނޑުއޮޅިން ދަތުރުފަތުރު ހުއްޓުވުމުގެ ގާބިލުކަން އީރާނަށް އޮތުމަކީ މަޝްވަރާތަކުގައި އެގައުމަށް ލިބޭ ބޮޑު ބާރެކެވެ.

އީރާނުން މިހާރު ވަނީ އެ ކަނޑުއޮޅި ބޮޑުބައެއް ބަންދުކޮށްފަ އެވެ. އަދި އެމެރިކާއިން ވަނީ އީރާނުގެ ބަނދަރުތައް ބްލޮކްކޮށްފަ އެވެ.

އެމެރިކާއާއި އީރާނުގެ ދެމެދުގައި އޮތް ބޮޑެތި ހިޔާލުތަފާތުވުންތައް

ދެ ގައުމުގެ ދެމެދުގައި ހުރި މައްސަލަތައް ނިއުކްލިއާ ޕްރޮގްރާމަށްވުރެ ފުޅާވެފައިވެއެވެ. ޓްރަމްޕް ބޭނުންފުޅުވަނީ ހިޒްބުﷲ އާއި ހަމާސް ފަދަ ޖަމާއަތްތަކަށް އީރާނުން ދޭ އެހީތައް ހުއްޓުވައި، އީރާނުގެ ބެލިސްޓިކް މިސައިލްގެ ގާބިލުކަން ކުޑަކުރުމަށެވެ. އީރާނުން ބޭނުންވަނީ އެގައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށާއި، އިޒްރޭލުން ހިޒްބުﷲ އަށް ދޭ ހަމަލާތައް ހުއްޓުވުމަށެވެ.