ޑެނިއަލް ކްރެއިގްގެ އެންމެ ފަހުގެ ޖޭމްސް ބޮންޑް ފިލްމު "ނޯ ޓައިމް ޓު ޑައި" އަށް ފަހު، ދުނިޔޭގެ އެންމެ މަޝްހޫރު ޖާސޫސީ ކެރެކްޓާ 007 ނުވަތަ ޖޭމްސް ބޮންޑްގެ ރޯލުން ފެންނާނީ ކާކުތޯ އުފެދިފައިވާ ޖަވާބު ލިބެން ކައިރިވެއްޖެ އެވެ.
އޭމަޒަން އެމް.ޖީ.އެމް ސްޓޫޑިއޯސް އިން މިހާރު ވަނީ ރަސްމީކޮށް އާ ޖޭމްސް ބޮންޑެއް ހޯދުމުގެ މަސައްކަތް ފަށާފައިވާކަން ކަށަވަރުކޮށްދީފަ އެވެ.
އޭމަޒަން އެމް.ޖީ.އެމް އިން "އެކްސް" މެދުވެރިކޮށް ހާމަކުރި ގޮތުގައި، ދެން އަންނަ ޖޭމްސްބޮންޑް ފިލްމަކަށް ބޭނުންވާ ތަރިއަކު ހޯދުމުގެ މަސައްކަތް މިހާރު ވަނީ ފަށާފަ އެވެ.
އެ ސްޓޫޑިއޯ އިން ބުނީ ކާސްޓިން މަރުހަލާގެ ތަފްސީލުތައް މިވަގުތު ހާމަކުރަން ބޭނުން ނުވި ނަމަވެސް، އެންމެ ރަނގަޅު ވަގުތު ޖެހުމުން ފޭނުންނަށް އާ މައުލޫމާތު ހިއްސާކުރާނެ ކަމަށެވެ.
މި ފަހަރުގެ ކާސްޓިންގެ ޒިންމާއާ ހަވާލުވެފައިވަނީ މަޝްހޫރު ކާސްޓިން ޑައިރެކްޓަރު ނީނާ ގޯލްޑް އެވެ. އޭނާއަކީ "ގޭމް އޮފް ތްރޯންސް" އާއި "ދަ ކްރައުން" އަދި "ސްޓާ ވޯސް" ފަދަ ބޮޑެތި ފިލްމުތަކާއި ސީރީޒްތަކަށް ތަރިން ހޮވުމުގައި ފާހަގަކޮށްލެވޭ ފަރާތެކެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ފާއިތުވި ހަފުތާތަކުގައި އޮޑިޝަންތައް ވަނީ ބާއްވަން ފަށާފަ އެވެ.
ބޮންޑް 26 ގެ ކްރިއޭޓިވް ޓީމު އާ ބޮންޑް ފިލްމު (ބޮންޑް 26) ގެ މަސައްކަތްތަކަށް ވަރުގަދަ ޓީމެއް ވަނީ އެކުލަވާލާފަ އެވެ. އެގޮތުން ޑައިރެކްޓަރުގެ ގޮތުގައި މަޝްހޫރު ޑައިރެކްޓަރު ޑެނިސް ވިލެނޫވް (ޑޫން، ބްލޭޑް ރަނާ 2049 ގެ ޑައިރެކްޓަރު) ހަމަޖެހިފައިވާއިރު ސްކްރީން ރައިޓަރަކީ ސްޓީވަން ނައިޓް އެވެ.
މިހާތަނަށް ބޮންޑްގެ ރޯލަށް އޭރަން ޓޭލާ-ޖޯންސަން، ޖޭކަބް އެލޯޑީ، އަދި ކެލަމް ޓާނާ ފަދަ ތަރިންގެ ނަންތައް މީޑިއާގައި ދެކެވެމުން ދިޔަ ނަމަވެސް، ސްޓޫޑިއޯ އިން ބޮޑަށް ޝައުގުވެރިވަނީ މާ ބޮޑަށް މަޝްހޫރު ނޫން، އެކަމަކު ހުނަރުވެރި އާ މޫނެއް މި ރޯލަށް ގެނައުމަށް ކަމަށް ބެލެވެ އެވެ.
އޭމަޒަން އެމް.ޖީ.އެމްގެ ފިލްމު ޗީފް ކޯޓްނީ ވެލެންޓީ ވިދާޅުވީ، މިއީ އެ ސްޓޫޑިއޯއިން ވަރަށް ބޮޑު އިސްކަމެއް ދީގެން އަދި ބޮންޑްގެ ތާރީޚަށް އިހުތިރާމްކޮށްގެން ކުރަމުންދާ މަސައްކަތެއް ކަމަށެވެ.
އެ ފިލްމު ރިލީޒްކުރާނެ ތާރީޚެއް އަދި އިއުލާނެއް ނުކުރި ނަމަވެސް 007 ގެ އާ ދައުރެއް ފެށުމުގެ މަސައްކަތް މިހާރު ވަނީ ބާރު ސްޕީޑުގައި ފެށިފައިވާ ކަން މިވަނީ ހާމަވެފަ އެވެ.
ނިދަން އުނދަގޫތަ؟ އަރާމު ނިންޖަކަށް ޑޮކްޓަރުންގެ ދެ އިރުޝާދެއް!
"ސްޓްރެސް އީޓިން"އަކީ ކޮބާ؟ ކޮންޓްރޯލް ކުރާނީ ކިހިނެއް؟
އަނުޝްކާގެ ސަޕޯޓަރުންނަށް އޭނާ ވަކިކުރަން ވެސް ނޭނގުނު!