ދާދި ފަހުން ރާއްޖޭގެ މަރުކަޒީ ބޭންކު (އެމްއެމްއޭ)އިން މުބާރާތެއް އިއުލާންކުރި އެވެ. ޝްރެޑެޑް ނުވަތަ ކުނޑިކޮށްފައިވާ ފައިސާގެ ނޫޓުތައް ބޭނުންކޮށްގެން ހަނދާނެއްގެ ގޮތުގައި ރައްކާކުރެވޭނެ ސުވެނިއާ ފަރުމާކުރުމަށާއި އަސާސީ މާއްދާއެއްގެ ގޮތުގައި ކުނޑިކޮށްފައިވާ ނޫޓު ބޭނުންކޮށްގެން އާޓްވޯކް އުފެއްދުމުގެ މުބާރާތެކެވެ.
މި މުބާރާތްތައް ސޯޝަލް މީޑިއާގެ މަންސަތަކުގައި އެ އޮތޯރިޓީން އިއުލާންކުރުމާއެކު އެއަށް ބައެއް ފަރާތްތަކުން ކޮށްފައިވާ ކޮމެންޓުތަކުގައި ނޫޓު ހަލާކުކުރަނީތޯ، ވީދައި ކުދިކުރުމަކީ މަނާކަމެއް ނޫންތޯ، މި ފަދަ ސުވާލުތަކެއް ކުރި އެވެ.
އެހެންކަމުން، އާންމު ގޮތެއްގައި އެމްއެމްއޭއިން އެ އޮތޯރިޓީއަށް ލިބޭ ބާވެ ހަލާކުވާ ނޫޓުތަކާމެދު އަމަލުކުރާ ގޮތަށް ބަލައިލާނަމެވެ. އޭގެ ކުރިން މުހިންމު ސުވާލެއްގެ ޖަވާބެވެ. އާއެކެވެ. ނޫޓު ވީދައި ޝްރެޑްކޮށް ކުނޑިކޮށް ކުދިކުދިކޮށް ނުވަތަ އެ ނޫން ވެސް ގޯނާއެއް ނޫޓުތަކަށް ކޮށްގެން ނުވާނެ އެވެ. އެއީ ކުށެކެވެ. ދެން އޮތީ މި މުބާރާތުގައި ބޭނުންކުރާ ކުނޑިކޮށްފައިވާ ފައިސާ އެވެ. އެ ކުނޑިތައް އުފެދިގެން އަންނަ ގޮތް ތަފްސީލު ކޮށްދޭނަމެވެ.
ބާވެ ހަލާކުވެފައިވާ ނޫޓުގެ އެތައް ނޫޓެއް ކޮންމެ އަހަރަކު ވެސް އެމްއެމްއޭއަށް ލިބެ އެވެ. ފާއިތުވި ދެ އަހަރަށް އެކަނި ބެލިޔަސް މި އަދަދު އެއް މިލިއަން ނޫޓަށް ވުރެ ގިނަ އެވެ. އެމްއެމްއޭގެ 2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓުގައިވާ ގޮތުން، އެ އަހަރު 938،033 ނޫޓު ކުނޑިކުރެވުނެވެ. މިއީ އާންމު ވިޔަފާރީގެ ބޭނުމުގައި ބޭނުންކުރެވޭ ވަރަށް ވުރެ ބޮޑަށް ހަލާކުވެފައި ހުންނަ ނޫޓެވެ. ކުލަ ކެހިފައި ނުވަތަ ފަނޑުވުމެވެ. ވީދައިގެން ދިއުމެވެ. ބައެއް ފަހަރު އަނދާފައި ވެސް ހުރެ އެވެ. ޖީބަށް ލުމާއި ބޮޑިކޮށްގެން ގެންގުޅުމުގެ ސަބަބުން ބޮޑަށް ރޫޖެހި ހަލާކުވުމެވެ. އޭޓީއެމް ގަބޫލުނުކުރާ ވަރަށް ހަލާކުވެފައި ހުންނަ ނޫޓުތަކެވެ.
މި ފަދަ އެތައް ނޫޓެއް ކޮންމެ ދުވަހަކު ވެސް އާންމުންނާއި ވިޔަފާރިވެރީން އަދި ބޭންކުތަކުން ވެސް އެމްއެމްއޭއަށް ގެނެ އެވެ. މިއިން ކޮންމެ ނޫޓަކަށް ބަދަލުދިނުމަށް ފަހު އެ ހަލާކުވެފައި ހުންނަ ފައިސާތައް އެމްއެމްއޭގައި ހުންނަ ނޫޓުގެ ފެންވަރު ޗެކުކުރާ މެޝިނަކަށް ލެވެ އެވެ. މި މެޝިނުން އެ ނޫޓުތައް ޗެކްކުރުމަށް ފަހު އަލުން އަނބުރާ ބާޒާރަށް ނެރޭ ވަރަށް ވުރެ ފެންވަރު ދަށް ކަމަށް ކަނޑައަޅައި ވަގުތުން ކުނޑިކުރެ އެވެ.
އެމްއެމްއޭއިން އިއުލާންކޮށްފައިވާ މުބާރާތްތަކުގައި ސްވެނިއާ އަދި އާޓްވޯކް އުފައްދާނީ މި ގޮތަށް ކުނޑިކުރެވޭ ފައިސާއިން އުފެދޭ ކުނޑީގަ އެވެ. އެއްގޮތަކަށް ވެސް އައު ނޫޓުތަކެއް ކުނޑިކޮށް ވީދައި ހަލާކުކޮށްގެންނެއް ނޫނެވެ.
މި މުބާރާތްތަކުގައި ބައިވެރިވުމަށް ފުރަތަމަ ރަޖިސްޓަރީކުރަން ޖެހެ އެވެ. އެއަށްފަހު ހުށަހަޅާފައިވާ ޕްރޮޕޯސަލާއި ކޮންސެޕްޓްތަކަށް ބަލައި ޝޯޓްލިސްޓް ކުރެވިގެންދާނެ އެވެ. އަދި ޝޯޓްލިސްޓްވާ ފަރާތްތަކަށް ޕްރޮޓޯޓައިޕް ހެދުމަށާއި އާޓްވޯކް އުފެއްދުމަށް އެ އޮންނަ އުސޫލެއްގެ ތެރެއިން ފައިސާ ނޫޓުގެ ކުނޑި ހަވާލުކުރެވޭނެ އެވެ.
ސްވެނިއާ ޑިޒައިން ކުރުމާއި އާޓްވޯކް، މި ދެ ކެޓަގަރީން ވެސް 1، 2 އަދި 3 ވަނައަށް ދާ ފަރާތްތަކަށް ފައިސާގެ އިނާމު ލިބިގެންދެ އެވެ. މި މުބާރާތްތަކުގައި ބައިވެރިވުމަށް ރަޖިސްޓަރީ ވުމުގެ ސުންގަޑި މިހާރު ވަނީ 31 މޭ 2026 ގެ ނިޔަލަށް އިތުރުކޮށްފަ އެވެ.
އެބޯލާ ބަލިމަޑުކަމަކީ ސިއްހީ ކުއްލި ނުރައްކަލެއް: ޑަބްލިޔުއެޗްއޯ
ފަތުރުވެރިން ޑައިވިނަށް ދިޔަ އުޅަނދުގެ ލައިސަންސް ހިފަހައްޓައިފި
ޓްރަމްޕަށް ފަހު، ޕޫޓިން ވެސް ޗައިނާއަށް ވަޑައިގަންނަވަނީ