މި އަހަރުގެ ޙައްޖުގެ އަޅުކަމަށް މައްކާ އަށާއި މުަގައްދަސް ބިންތަކަށް ޖަމާވާ ހައްޖާޖީންނަށް މިއަހަރުގެ ހައްޖު މޫސުމުގައި އާދަޔާ ހިލާފަށް ގަދަ ހޫނަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ސައުދީ އަރަބިއްޔާގެ ނޭޝަނަލް ސެންޓަރ ފޯ މީޓިއޮރޮލޮޖީއިން އިންޒާރު ދީފި އެވެ.
ސައުދީގެ މޫސުމާ ބެހޭ އިދާރާތަކުން ލަފާކުރާ ގޮތުގައ، ހައްޖުގެ އެންމެ މުހިންމު ދުވަސްތަކުގައި މައްކާ، މިނާ އަދި އަރަފާތް ބިމުގެ ހޫނުމިން އެންމެ މައްޗަށް ދާ ވަގުތު ތަކުގައި 47 ޑިގްރީ ސެލްސިއަސްއަށް އުފުލުން އެކަށީގެންވެ އެވެ.
އެހެން ކަމުން މިފަހަރުގެ ހައްޖަކީ ފަހުގެ ތާރީހެއްގައި ހައްޖާޖީންނަށް ކުރިމަތިލާންޖެހޭ އެންމެ އުނދަގޫ އަދި ނުރައްކާތެރި މޫސުމީ ހާލަތަށް ވާނެ އެވެ.
މޫސުމީ ރިޕޯޓުގެ މުހިންމު ތަފްސީލުތައް:
- ޔައުމުއްތަރުވިޔާ (މޭ 25 އާ ހަމައަށް): މި މުއްދަތުގައި ދުވާލުގެ ހޫނުމިން ހުންނާނީ 44 ޑިގްރީ އާއި 47 ޑިގްރީ ސެލްސިއަސް އާ ދެމެދުގަ އެވެ. ރޭގަނޑު ވެސް މާ ބޮޑު ފިނިކަމެއް ނުލިބޭނެ ކަމަށާއި، ރޭގަނޑުގެ ފިނި ހޫނުމިން ހުންނާނީ 28 އާއި 31 ޑިގްރީގައި ކަމަށް އިދާރާތަކުން ބުނެ އެވެ.
- އަރަފާތް ދުވަހާއި އަައްޔާމުއްތަޝްރީގް (މޭ 26 – މޭ 30): މި ދުވަސްވަރު ދުވާލުގެ ހޫނުމިން ކުޑަކޮށް ދަށްވި ނަމަވެސް، ހުންނާނީ 42 ޑިގްރީ އާއި 44 ޑިގްރީ ސެލްސިއަސް އާ ދެމެދުގެ ނުރައްކާތެރި މިންވަރެއްގަ އެވެ.
ހޫނުގަދަވުމުގެ އިތުރުން، ގަޑިއަކު 15 އާއި 40 ކިލޯމީޓަރުގެ ބާރުމިނުގައި ވައި ޖެހޭނެ ކަކަމަށް ލަފާ ކުރެވެ އެވެ. މީގެ ސަބަބުން ދުވާލުގެ ވަގުތު ތަކުގައި ބޯކޮށް ހިރަފުހާއި ވެލީގެ ތޫފާންތައް އުފެދޭނެ އެވެ.
އެހެން ކަމުން ނޭވާލާ ނިޒާމުގެ މައްސަލަތައް ހުންނަ މީހުންނާއި އެސްތުމާ ނުވަތަ ލޮލުގެ ބަލިތައް ހުންނަ ހައްޖާޖީން ބޭރަށް ނިކުންނައިރު މާސްކް އެޅުމަށާއި ރައްކާތެރި ފިޔަވަޅުތައް އެޅުމަށް ވަނީ އިރުޝާދު ދީފަ އެވެ.
އެއާއެކު ވައިގެ ތެތްކަން 55 ޕަސެންޓަށް އުފުލޭނެ ކަމަށް ބެލެވޭތީ ދަލުގެ ޒަރީއްޔާއިން ހަށިގަނޑުން ހޫނު ބޭނުކުރާ ގުދުރަތީ ނިޒާމަށް ހުރަސްއެޅި ހީޓްސްޓްރޯކް (ހޫނުގަދަވެގެން ހޭނެތުން) ޖެހުމުގެ ފުރުސަތު ވަރަށް ބޮޑެވެ.
ސައުދީ ސަރުކާރުގެ ތައްޔާރީތައް:
މި ނުރައްކާތެރި ހާލަތުން ޙައްޖާޖީން ސަލާމަތްކުރުމަށްޓަކައި ސައުދީ ހެލްތު މިނިސްޓްރީން ވަނީ ހާއްސަ ފިޔަވަޅު ތަކެއް އަޅާފަ އެވެ
- މިނާ، އަރަފާތް އަދި މައްކާގެ އެކި ސަރަހައްދުތަކުގައި ހީޓްސްޓްރޯކަށް ފަރުވާދޭ ހާއްސަ މެޑިކަލް ޔުނިޓްތައް ގާއިމު ކުރުން.
- މުގައްދަސް ބިންތަކުގައި ފެންބުރުއްސާ 400 އަށްވުރެ ގިނަ ސްޓޭޝަން ހަރުކުރުން.
- އަރަފާތް ބިމުގައި ހުންނަ ހިޔާގަނޑުތަކާއި ފިނިކުރި ސަރަހައްދުތައް ކުރިއަށްވުރެ ފަސް ގުނަ ބޮޑުކޮށް، 272,000 އަކަމީޓަރަށް ވުރެ ބޮޑު ސަރަހައްދަކަށް ފުޅާ ކުރުން.
މި ހާލަތުގައި ކަމާބެހޭ އިދާރާ ތަކުން ހައްޖާޖީންނަށް އިރުޝާދު ދީފައިވަނީ ކޮންމެހެން ނުކުންނަންޖެހޭ ހާލަތްތަކުގައި މެނުވީ އަވީގައި ނޫޅުމަށާއި، ކުޑަ ބޭނުން ކުރުމަށާއި، އަދި ހަށިގަނޑުން ފެން މަދުވިޔަ ނުދިނުމަށްޓަކައި ގަވާއިދުން ގިނައިން ފެން ބުއިމަށެވެ.
މާރުކޭޓުގެ ބިން ހަވާލު ނުކުރެވެނީ މުއިއްޒުއާ ހެދިކަން ހާމަވެއްޖެ
ގޮހޮރުގެ ސިއްހަތަށް ގެއްލުންދޭ އާއްމު 8 އާދައެއް!