މާލޭގެ މާރުކޭޓް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް ކުރުމަށް ބޭނުންވާ ބިން އިންފްރާސްޓްރަކްޗާ މިނިސްޓްރީއާ ހަވާލުނުކުރެވިގެން އުޅެނީ ރައީސް މުހައްމަދު މުއިއްޒުގެ މޭޔަރު ކަމުގައި އެ ބިން ދެ ކުންފުންޏަކާ ހަވާލުކޮށްފައިވުމުން ކަމަށް ސިޓީ ކައުންސިލުން ބުނެފި އެވެ.
މާލޭގެ މާރުކޭޓު ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތް ފެށުން ލަސްވަނީ ތަކުރާރުކޮށް އެދިގެން ވެސް ސިޓީ ކައުންސިލުން ބިން ހަވާލުނުކޮށްގެން ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ވަނީ ދާދިފަހުން ބުނެފަ އެވެ.
ޒަމާނީ ވަސީލަތްތަކާ އެކު މާލޭ ވެޓް މާކެޓް ކޮމްޕްލެކްސް ތަރައްގީ ކުރުމުގެ މަޝްރޫއު ޓްރަސްޓެންގް މޯލްޑިވްސްއާ ވަނީ މިދިޔަ މާޗު މަހުގެ 15 ގައި ހަވާލުކޮށްފަ އެވެ. އިންފްރާސްޓްރަކްޗާ މިނިސްޓްރީން މިދިޔަ އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ އެ މަޝްރޫއު ފެށުމަށް ބިން ހަވާލުކޮށްދިނުމަށް އެދި ހަތަރު ފަހަރެއްގެ މަތިން ކައުންސިލަށް ސިޓީ ފޮނުވާފައިވާ ކަމަށެވެ. އެކަމަކު ދެ މަސްވީއިރު ވެސް ބިން ހަވާލުކޮށްފައި ނުވާ ކަމަށް އެ ބަޔާނުގައި ވެ އެވެ.
އެކަމާ ގުޅިގެން ސިޓީ ކައުންސިލުގެ މީޑިއާ އޮފިސަރު، އަމިނަތު ޝަތުފާ ވިދާޅުވީ ކައުންސިލްގެ މިދިޔަ ދައުރުގައި އެ ބިން އޮތީ ރައީސް މުއިއްޒުގެ މޭޔަރު ކަމުގައި ދެ ކުންފުންޏަކާ ހަވާލު ކޮށްފައި ކަމަށެވެ. އަދި އެއްބަޔަކާ އެކު، އެއްބަސްވުމެއްގައި ސޮއިކޮށްފައިވާއިރު މިހާރު ކުރެހުންތައް ވެސް ވަނީ ފާސްކޮށްފައި ކަމަށް އޭނާ ވިދާޅުވެ އެވެ.
"އެގޮތަށް އެއްބަސްވިޔަސް އެ ބިން އޮތީ އެހެން ބަޔަކަށް ވެސް ދޫކޮށްފައި. ރައީސް މުއިއްޒުގެ މޭޔަރު ކަމުގައި. އެ ބިން ދެން ކިހިނެތްތޯ މިނިސްޓްރީއާ ހަވާލުކުރަނީ،" ޝަތުފާ ވިދާޅުވި އެވެ.
މާލޭގެ މަސް މާރުކޭޓު ތަރައްގީ ކުރުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް މިލިއަން ޑޮލަރުގެ ދެ ކޮންޓްރެކްޓެއް ރައީސް މުއިއްޒުގެ ހަދާފައިވާ ކަމަށާއި ނަމަވެސް އޭގެ ތެރެއިން ރަނގަޅީ ކޯއްޗެއް ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް ވަނީ މީގެކުރިން ވިދާޅުވެފަ އެވެ.
މަޝްހޫރު ސީރީޒް "ރިކް އެންޑް މޯޓީ"އަށް ފިލްމެއް ހަދަނީ!
ޝަމްއާންގެ މައްސަލާގައި ހުކުމް އިއްވުން ފަސްކޮށްފި
