އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ރައީސުންގެ މުސާރަ 7،000ރ. އިން 41،500ރ. އަށް ބޮޑުކުރަން ނިންމުމުން އާންމުން ފާޑުކިޔަން ފެށުމުން އެ މުސާރަ ކުޑަކުރަން ނިންމައިފި އެވެ.

ސިޓީތަކުގެ އަންހެނުންގެ ކޮމެޓީގެ ރައީސުންގެ މުސާރައަށް މަހަކު 41،500ރ. ދިނުމަށް ޕޭ ކޮމިޝަނުން ކުރިން ނިންމި ނަމަވެސް، އެ އަދަދު މިހާރު ވަނީ 33،000ރ. އަށް ކުޑަކޮށްފަ އެވެ.

ސިޓީތަކުގެ އަންހެނުންގެ ކޮމެޓީތަކުގެ ރައީސުންނަށް މުސާރައިގެ ގޮތުގައި ކުރިން ލިބެނީ މަހަކު 7،000ރ. އެވެ. އަދި ނައިބު ރައީސުންނަށް 6،000ރ. ލިބޭއިރު، މެމްބަރުންނަށް ލިބެނީ 5،000ރ. އެވެ. ރަށްރަށުގެ އަންހެނުންގެ ކޮމެޓީތަކުގެ ރައީސުންނަށް 6،000ރ. ލިބޭއިރު، ނައިބު ރައީސުންނަށް 5،000ރ. އަދި މެމްބަރުންނަށް 4،000ރ. މަހަކު ލިބެ އެވެ.

އެހެން ނަމަވެސް އަންހެނުންގެ ކޮމެޓީގެ ރައީސުން ފުލްޓައިމްކޮށް މަސައްކަތް ކުރަންޖެހޭ ބައެއްގެ ގޮތުގައި ކަނޑައެޅުމާއެކު ކޮމެޓީތަކުގެ ރައީސުން މުސާރަތައް ރިވިއު ކުރުމަށްފަހު މުސާރަތަކަށް ވަނީ ބަދަލު ގެނެސްފަ އެވެ. އެގޮތުން މިހާރު ވަނީ ސިޓީތަކުގެ އަންހެނުންގެ ކޮމެޓީގެ ރައީސުންގެ މުސާރައަށް އެލަވެންސާއެކު، މަހަކު 33،000ރ. ދިނުމަށާއި އަދި ރަށްރަށުގެ އަންހެނުންގެ ކޮމެޓީތަކުގެ ރައީސުންނަށް މަހަކު 21،000ރ. ދިނުމަށް ނިންމާފަ އެވެ.

އަންހެނުންގެ ކޮމެޓީތަކުގެ ނައިބު ރައީސުންނާއި މެމްބަރުންގެ މުސާރައަށް ވެސް ބަދަލުތަކެއް ވަނީ ގެނެސްފަ އެވެ. އެގޮތުން ސިޓީތަކުގެ އަންހެނުންގެ ކޮމެޓީތަކުގެ ނައިބު ރައީސުންގެ މުސާރަ 7،000ރ. އަށް ބޮޑު ކޮށްފައިވާއިރު ރަށްރަށުގެ އަންހެނުންގެ ކޮމެޓީތަކުގެ ނައިބު ރައީސުންގެ މުސާރަ 6،000ރ. އަށް ވަނީ ބޮޑުކޮށްފަ އެވެ. އަދި ސިޓީތަކުގެ އަންހެނުންގެ ކޮމެޓީތަކުގެ މެމްބަރުންގެ މުސާރަ 5،000ރ. އިން 6،000ރ އަށް ވަނީ ބޮޑުކޮށްފަ އެވެ. މީގެ އިތުރުން ރަށްރަށުގެ އަންހެނުންގެ ކޮމެޓީތަކުގެ މެމްބަރުންގެ މުސާރަ 4،000ރ. އިން 5،000ރ. އަށް ވަނީ ބޮޑުކޮށްފަ އެެވެ.

އަންހެނުންގެ ކޮމިޓީތަކުގެ ނައިބު ރައީސުންނާއި މެމްބަރުންނަށް ޖުމްލަ މުސާރަ ދެނީ އެ މީހުން ބައިވެރިވާ ބައްދަލުވުންތަކުގެ އަދަދަށް ވެސް ބަލައިގެންނެވެ. އެގޮތުގެ މަތިން އަސާސީ މުސާރާ ނުލައި، ސީޓިން އެލަވަންސްގެ ގޮތުގައި، ބައިވެރިވާ ކޮންމެ ބައްދަލުވުމަކަށް ދެނީ 500ރ. އެވެ. އެކަމަކު، އެންމެ ގިނަވެގެން ދެވޭނީ މަހަކު 2،000ރ. އެވެ.