ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން އިންޑިއާގެ މާލީ ހާލަތަށް ބާރުބޮޑު ވެފައިވާ ދަނޑިވަޅެއްގައި، ދައުލަތުގެ ބަޖެޓަށް އެހީތެރިވުމުގެ ގޮތުން ރެކޯޑް އަދަދެއް ކަމަށްވާ 2.86 ޓްރިލިއަން ރުޕީސް (29.9 ބިލިއަން ޑޮލަރު) ސަރުކާރަށް ދޫކުރުމަށް ފާސްކޮށްފައިވާ ކަމަށް އިންޑިއާގެ މަރުކަޒީ ބޭންކުން ދުވަހު ބުނެފި އެވެ.
ރިޒާވް ބޭންކް އޮފް އިންޑިއާ (އާރުބީއައި) އިން ބުނި ގޮތުގައި، މި "ސާޕްލަސް ފައިސާ" ދޫކުރުމަށް ބޭންކުގެ ބޯޑުން ނިންމީ މިހާރު އޮތް ބައިނަލްއަގްވާމީ މާލީ ހާލަތަށާއި، ބޭންކުގެ ހިންގުން ހުރި ގޮތުގެ އިތުރުން، ކުރިމަތިވެދާނެ ކުއްލި ނުރައްކަލަކަށް ބަހައްޓަން ޖެހޭ ރިޒާވްތައް ދެމެހެއްޓުމަށް ފަހު އެވެ.
އާރުބީއައި އިން ކޮންމެ އަހަރަކު ވެސް ސަރުކާރަށް މިގޮތަށް ފައިސާ ޖަމާކޮށްދެ އެވެ. މި ފައިސާއަކީ ބޭންކުން ކުރާ އިންވެސްޓްމަންޓްތަކާއި، ފައިސާ ޗާޕުކުރުން ފަދަ ކަންކަމުން ބޭންކަށް ލިބޭ އިތުރު އާމްދަނީއަށް ބިނާކޮށް ދޭ އެއްޗެކެވެ. އިންޑިއާގެ 2025-26 ގެ މާލީ އަހަރަށް މިފަހަރު ދޫކުރާ އަދަދު، މިދިޔަ އަހަރު ދޫކުރި 2.69 ޓްރިލިއަން ރުޕީއާ އަޅާބަލާއިރު އިތުރެވެ. ނަމަވެސް، މިއީ އިގްތިސޯދީ މާހިރުން އުންމީދުކުރި ތިން ޓްރިލިއަން ރުޕީއަށްވުރެ ކުޑަ އަދަދެކެވެ.
ދުނިޔޭގައި އެންމެ ހަލުވިކޮށް ކުރިއަރަމުން އަންނަ މައި އިގްތިސޯދުގެ ގޮތުގައި އޮތް އިންޑިއާއަށް، އީރާނު ހަނގުރާމައިގެ ސަބަބުން ހަކަތައިގެ ބާޒާރަށް އައި ލޮޅުމާއެކު ވަނީ ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފަ އެވެ. ދުނިޔޭގެ ތިންވަނައަށް އެންމެ ގިނައިން ތެޔޮ ގަންނަ މި ގައުމުން، ބޭނުންވާ ސާފުނުކުރާ ތެލުގެ ބޮޑު ބައެއް އެތެރެ ކުރަނީ ހޮރްމޫޒް ކަނޑުއޮޅި ހުރަސްކޮށެވެ. ނަމަވެސް، ފެބްރުއަރީ 28 ގައި ހަނގުރާމަ ފެށުމާއެކު އީރާނުން އެ ސަރަހައްދު ބަންދުކުރުމުން ތެޔޮ ލިބުމަށް ވަނީ ހުރަސްތަކެއް އެޅިފަ އެވެ.
ތެލުގެ އަގު އުފުލުމުގެ ސަބަބުން އިންޑިއާގެ އިމްޕޯޓް ބިލް ބޮޑުވެ، ތަކެތީގެ އަގު އުފުލުމުގެ (އިންފްލޭޝަން) ބިރު ވަނީ އިތުރުވެފަ އެވެ. މީގެ އިތުރުން، ކަރަންޓް އެކައުންޓް ޑެފިސިޓް ފާއިތުވި 14 އަހަރުތެރޭ ނުދާހާ މައްޗަށް ގޮސް، އިންޑިއާ ރުޕީގެ އަގު ވެއްޓުމުގެ ނުރައްކާ ވެސް ވަނީ ބޮޑުވެފަ އެވެ.
ބަޖެޓަށް ބާރު ބޮޑުވާ އަނެއް ސަބަބަކީ ގަސްކާނާގެ އަގު މައްޗަށް ދިއުމެވެ. މީގެ ސަބަބުން ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރުން ދަނޑުވެރިންނަށް ދޭ ސަބްސިޑީއަށް ކުރަންޖެހޭ ހޭދަ ވަނީ އިންތިހާއަށް ބޮޑުވެފަ އެވެ.
އިގްތިސޯދީ މާހިރުން މިހާރު ވަނީ 2026-27 ގެ މާލީ އަހަރަށް އިންޑިއާގެ ޖީޑީޕީ ކުރިއަރާނެ ކަމަށް ލަފާކުރި މިންވަރު ދަށްކޮށްފަ އެވެ. އަދި ކުރިއަށް އޮތް 12 މަސްދުވަހުގެ ތެރޭގައި އިންޑިއާގެ ފިސްކަލް ޑެފިސިޓް، ބަޖެޓުގައި ކަނޑައެޅި އަމާޒަށްވުރެ ބޮޑުވެދާނެ ކަމުގެ އިންޒާރު ވެސް މާހިރުން ވަނީ ދީފަ އެވެ.
ބޯހިޔާވަހިކަމަށް އެދުމުގެ ފުރުސަތު އަންނަ މަހު 15އަށް
ހުރިހާ އާރްޓީއައިތަކަށް ޖަވާބުވާނީ ދީފައި: މުންދު
"ރައީސްގެ އިތުބާރުނެތް ކަމަށް ވޯޓު ނެގުމުގެ ފުރުސަތެއް ނުދޭނަން"