އީރާނުގެ ބަންދަރު އައްބާސް ކައިރީގައިވާ ސަރަހައްދަކަށް އެމެރިކާއިން ދިން ހަމަލާއަށް ރައްދު ދިނުމުގެ ގޮތުން، ގަލްފު ސަރަހައްދުގައި ހުރި އެމެރިކާގެ ވައިގެ މަރުކަޒަކަށް ހަމަލާދީފައިވާ ކަމަށް އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އިން ބުނެފި އެވެ.
އީރާނުގެ ތަސްނީމް ނިއުސް އެޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، އައިއާރްޖީސީ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެމެރިކާގެ އުދުވާނީ ހަމަލާތައް ފެށުނު މަރުކަޒު ދެނެގަނެ، އެ ގައުމުގެ ގަޑިން ފަތިހު 4:50 ގައި އެ ތަނަށް ހަމަލާދީފައިވާ ކަމަށެވެ. ނަމަވެސް، އެއީ ކޮން ގައުމެއްގައި ހުރި މަރުކަޒެއް ކަމެއް އެ ބަޔާނުގައި ހާމަކޮށްފައެއް ނުވެއެވެ.
ކުވެއިތުގެ ވައިގެ ދިފާއީ ނިޒާމުތަކުން، އެ ގައުމަށް އަމާޒުވި ނުރައްކާތެރި މިސައިލާއި ޑްރޯން ހަމަލާތަކެއް ހުއްޓުވާފައިވާ ކަމަށް އެ ގައުމުގެ އަސްކަރިއްޔާއިން މިއަދު ވަނީ ބުނެފަ އެވެ.
ނަމަވެސް، މި ހަމަލާތައް އައީ ކޮން ދިމާލަކުން ނުވަތަ ކޮން ބައެއްގެ ފަރާތުން ކަމެއް ކުވައިތުން ހާމައެއް ނުކުރެއެވެ. އަސްކަރިއްޔާއިން އިތުރަށް ބުނި ގޮތުގައި، ގައުމުގެ އެކި ސަރަހައްދުތަކުން އިވުނު ގޮވުންތަކުގެ އަޑަކީ ވައިގެ ދިފާއީ ނިޒާމުތަކުން އެ ހަމަލާތައް ނައްތާލުމުގެ ތެރޭގައި އުފެދުނު އަޑުތަކެކެވެ.
އީރާނުން މި ހަމަލާ ދީފައިވަނީ ބަންދަރު އައްބާސްގެ ބޭރު ސަރަހައްދަކަށް އެމެރިކާ ސިފައިން ހަމަލާދިން ކަމަށް ބުނާ ރިޕޯޓުތަކާ ގުޅިގެންނެވެ.
އައިއާރްޖީސީ އިން އިތުރަށް ބުނެފައިވަނީ، އީރާނާ ދެކޮޅަށް ހިންގާ އެއްވެސް އުދުވާނީ އަމަލެއް ރައްދެއް ނުދީ ދޫނުކުރާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި އެމެރިކާގެ ފަރާތުން ފެންނަ ކޮންމެ އަސްކަރީ ހަރަކާތަކަށް، މިއަށްވުރެ މާ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރުވެސް އީރާނުން ވަނީ ދީފަ އެވެ.
އީރާނުގެ ހަބަރު ފަތުރާ ވަސީލަތްތަކުން ހޮރްމޫޒު ކަނޑުއޮޅީގެ މުއާމަލާތްތަކާ ގުޅޭގޮތުން އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް ބުނާ ރިޕޯޓްތައް ރައީސް ޑޮނަލްޑް ޓްރަމްޕް ދޮގުކުރެއްވުމާ ގުޅިގެން، އެމެރިކާގެ އަސްކަރިއްޔާއިން ވަނީ އީރާނަށް ހަމަލާދީފަ އެވެ.
އެމެރިކާގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، މި ހަމަލާތައް އަމާޒުކޮށްފައިވަނީ ހޮރްމޫޒު ކަނޑުއޮޅިން ދަތުރުކުރާ އެމެރިކާގެ އަސްކަރީ އުޅަނދުތަކަށާއި ވިޔަފާރި އުޅަނދުތަކަށް ނުރައްކާ ކުރަމުންދިޔަ އީރާނުގެ ޑްރޯން އޮޕަރޭޝަނަކަށެވެ. ނަން ހާމަނުކުރުމަށް އެދި ރޮއިޓާސްއަށް މައުލޫމާތު ދިން މި އޮފިޝަލް ބުނި ގޮތުގައި، ބުދަ ދުވަހު އެމެރިކާގެ އަސްކަރިއްޔާއިން ވަނީ އީރާނުގެ ހަމަލާދޭ ހަތަރު ޑްރޯން ވައްޓާލައި، ބަނދަރު އައްބާސް ސިޓީގައި ހުރި ގްރައުންޑް ކޮންޓްރޯލް ސްޓޭޝަނަކަށް ހަމަލާދީފަ އެވެ.
ދިވެހިންގެ އީދު ބޮޑު މަސް: އެހާރާއި މިހާރު!
އެމެރިކާއިން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ހިލާފުވެއްޖެ