ކުޅުދުއްފުށީގެ މަށިމާލި ޕެރޭޑާ ގުޅިގެން ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށް ރައްދުދެއްވައި، އެއީ އުފެއްދުންތެރި އަދި ހުނަރުވެރި ހުށަހެޅުންތަކެއް ކަމަށް ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.
އީދު ފާހަގަކުރުމުގެ ގޮތުން ކުޅުދުއްފުށީގައި ބޭއްވި މަށިމާލި ޕެރޭޑާ ގުޅޭގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޖަމީލް ވިދާޅުވީ، އެ ހަރަކާތުން ފެނިގެންދިޔައީ ކުޅުދުއްފުށީ ރައްޔިތުންގެ ކުޅަދާނަކަން ކަމަށެވެ. އަދި ކުޅުދުއްފުށީގެ މަށިމާލި ޕެރޭޑަކީ އެ ރަށަށް ހާއްސަވެފައިވާ ވަކި ސަގާފަތެއްކަން ފާހަގަކުރައްވައި، އެ ޕެރޭޑުން ފެނިގެންދިޔައީ ވަރަށް އުފެއްދުންތެރި އަދި ހުނަރުވެރި ހުށަހެޅުންތަކެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. މަށިމާލި ޕެރޭޑްގެ މައިގަނޑު މަގުސަދަކީ މުޖުތަމައުގައި ހިނގާ ނޭދެވޭ ކަންކަން ހުއްޓުވުމަށް އާންމުން ހޭލުންތެރިކުރުވުން ކަމަށް ވެސް ޖަމީލް ވިދާޅުވި އެވެ.
މަށިމާލި ޕެރޭޑަށް ފާޑުކިޔަމުންދާ ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ޑރ. ޖަމީލް ވިދާޅުވީ، މިއަދު އެ ހަރަކާތަށް ފާޑުކިޔާ ބައެއް މީހުންނަކީ މި ސަރުކާރުގެ މައްޗަށް އެއްވެސް ހައްގެއް އޮތް ބައެއް ނޫން ކަމަށެވެ. އަދި އެކަމަށް ފާޑުކިޔަމުންދަނީ ހިހޫތަނުން ފައިދާ ނަގަން އާދަވެފައި ތިބި ބައެއް ކަމަށް ސިފަކުރައްވައި، ސަރުކާރަށް ތާއީދުކުރާ ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށް އެމަނިކުފާނު ވަނީ ވަރުގަދަ ރައްދެއް ދެއްވާފަ އެވެ.
ކުޅުދުއްފުށީ މަށިމާލި ޕެރޭޑަށްފަހު އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދާއި ސަރުކާރަށް ތާއީދުކުރާ ބައެއް ފަރާތްތަކުން ވަނީ، އީދު ފާހަގަކުރަން ޖެހޭނީ ދީނީ އިމުގެ ތެރެއިން ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް، ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީގެ މެޖޯރިޓީ އޮތް ކައުންސިލްތަކުން އިންތިޒާމްކޮށްގެން އީދު ފާހަގަކުރުމަށް މިއުޒިކް ޝޯތައް ބާއްވާފައިވާއިރު، އެފަދަ ކަންކަން ސަރުކާރުން ހުއްޓުވާފައި ނުވާކަން ގިނަ ބަޔަކު ދަނީ ފާހަގަކުރަމުންނެވެ.
ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލަން 4 ފިޔަވަޅެއް!
ޓްރަމްޕާ ވައްތަރު މީގޮނު ހިމާޔަތްކޮށް ޒުލަށް ލައިފި
2039 ވަނަ އަހަރު މުސްލިމުންނާ 3 އީދު ބައްދަލު ކުރާނެ!
