މި ހިނގާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ނައިބު ރައީސަކަށް އޭދަފުށި ދާއިރާގެ ޕީއެންސީ މެންބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) އިންތިހާބުކޮށްފި އެވެ.
އެ މަގާމަށް ސަލީމާ ވާދަކުރެއްވީ، ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) އެވެ.
ސަލީމަށް 62 ވޯޓު ލިބިވަޑައިގެންއިރު، ޒިޔާދަށް ލިބިވަޑައިގަތީ 10 ވޯޓެވެ.
ސަލީމަކީ މިވަގުތު މަޖިލީހުގައި އެންމެ ގިނަ ދުވަހު މެންބަރުކަން ކުރައްވާފައިވާ އެއް ބޭފުޅާ އެވެ.
މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަގާމުން ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް އިސްތިއުފާ ދެއްވީ އިއްޔެ އެވެ. އަދި އެކަން އިއުލާން ކުރީ މަޖިލީހުގެ އިއްޔެގެ ޖަލްސާގަ އެވެ.
މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން ނާޒިމް ވަކިކުރަން ޕީއެންސީން މަޖިލީހަށް ގަރާރެއް ހުށަހަޅާފައިވަނީ، މި މަހުގެ 14 ވަނަ ދުވަހު އެވެ. މަގާމުން އޭނާ އިސްތިއުފާ ދެއްވާފައި މިވަނީ ވަކިކުރުމުގެ މައްސަލަ މަޖިލީހުގައި ކުރިއަށް ގެންދިއުމަށް ޖަލްސާ ފަށަން ތައްޔާރުވެފައި ވަނިކޮށެވެ.
ނާޒިމް އިސްތިއުފާ ދެއްވިކަން ހާމަކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އޭނާ މަގާމުން ދުރުކުރުމަށް ހުށަހެޅި ގަރާރުގައި ބަޔާންކޮށްފައިވާ ތުހުމަތުތަކަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށެވެ. އަދި އެކަންކަން ސާބިތުކޮށްދޭނެ އެއްވެސް ހެއްކެއް ނުވަތަ ގަރީނާއެއް އެ ގަރާރުގައި ހިމަނާފައި ނުވާކަން އޭނާ ފާހަގަކުރެއްވި އެވެ.
ނާޒިމް ވިދާޅުވީ ނައިބު ރައީސްގެ މަގާމުގައި ހުންނަވައިގެންނާއި މެންބަރެއްގެ ހައިސިއްޔަތުން ވެސް ގާނޫނުއަސާސީއާއި މަޖިލީހުގެ ގަވާއިދާ ހިލާފު އެއްވެސް އަމަލެއް ހިންގަވާފައި ނުވާނެ ކަމަށެވެ. އަދި މަގާމުގެ ޒިންމާތައް އަދާކުރެއްވީ ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު، ހުރިހާ މެންބަރުންގެ މެދުގައި ހަމަހަމަކަމާއި އިންސާފުވެރިކަން އިސްކުރައްވައިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ދުންފަތުގެ ޑިއުޓީއާ ގުޅިގެން ޔޫޓާނެއް ނުނަގަން: ރައީސް
ކަލްނާޔަކް ރިޓާންސް: 30 އަހަރަށްފަހު ޖެކީއާއި ސަންޖޭ އެކީގައި!
މަޖިލީހުގެ އާ ނައިބު ރައީސަކު ހޮވުމަށް މިއަދު އިތުރު ޖަލްސާއެއް