މިއަދު ހެނދުނު ކ. ގަލުފަޅު ކައިރިން ދަތުރުކުރި "ޓުއާ ގާޑް" ނަމަކަށް ކިޔާ ލޯންޗެއްގައި ސަޕްލައި ދޯންޏަކުން ޖެހި ހިނގި އެކްސިޑެންޓަށްފަހު، އެހީތެރިކަން ފޯރުކޮށްނުދީ ދޯނި ދިޔަ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގާފައިވަނީ މިއަދު ހެނދުނު 06:19 އެހާކަންއިރު ކަމަށެވެ. އެ ވަގުތު ލޯންޗުގައި ތިބި ދެ މީހުންނަށް އެކިވަރުގެ އަނިޔާ ލިބިފައިވާތީ، އައިޖީއެމްއެޗްގައި ދަނީ ފަރުވާ ދެމުންނެވެ. އަނިޔާވެފައިވަނީ ލޯންޗުގެ ކެޕްޓަން (38 އަހަރުގެ ދިވެހި ފިރިހެނެއް) އަދި ބަނގްލަދޭޝްގެ ފަޅުވެރިއަކަށެވެ. ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނީ މިހާރު އެ ދެ މީހުންގެ ހާލަތު ރަނގަޅުވަމުން އަންނަ ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ތަހުގީގުގެ ތެރެއިން މިހާރު ވަނީ ލޯންޗުގައި ޖެހުނު އުޅަނދު ދެނެގަނެވިފައި ކަމަށެވެ. އެއީ ސަޕްލައި ދޯންޏެއްކަން ކަށަވަރުވެފައިވާއިރު، އެކްސިޑެންޓަށްފަހު މަޑުނުކޮށް ދިޔަ މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ސީރިއަސްކޮށް ބަލަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ހާދިސާއާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް މިހާރު ތަހުގީގުގެ ތެރެއިން ކުރިއަށްދާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.