ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް ހޮވުމަށް މިއަދު ނެގި ސިއްރު ވޯޓުގައި، އިދިކޮޅު އެމްޑީޕީން ވާދަކުރެއްވި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓެ) އަށް ސަރުކާރު ހިންގާ ޕީއެންސީގެ ބައެއް މެންބަރުން ވޯޓު ދެއްވިކަން ހާމަވެއްޖެ އެވެ.
މަޖިލީހުގެ ނައިބުރައީސް ކަމަށް އިންތިހާބުވެވަޑައިގަތީ ޕީއެންސީގެ ފަރާތުން ވާދަކުރެއްވި އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) އެވެ. މިއަދު ބޭއްވި ޖަލްސާގައި ނެގި ސިއްރު ވޯޓުގައި ސަލީމަށް 62 ވޯޓު ލިބިވަޑައިގެންނެވިއިރު، ޒިޔާދަށް ލިބިވަޑައިގަތީ 10 ވޯޓެވެ.
އިދިކޮޅު އެމްޑީޕީގެ 12 މެންބަރުން ތިއްބަވާއިރު، މިއަދުގެ ޖަލްސާއަށް އެ ޕާޓީގެ ހަތަރު މެންބަރަކު ހާޒިރުވެފައެއް ނުވެއެވެ. އެހެންކަމުން، ޒިޔާދަށް ލިބުނު 10 ވޯޓުގެ ތެރެއިން އެމްޑީޕީގެ މެންބަރުންގެ ވޯޓުގެ އިތުރުން، ޕީއެންސީގެ ދެ މެންބަރަކު އޭނާއަށް ވޯޓު ދެއްވާފައިވާކަން ވަނީ އެނގިފަ އެވެ. މިއީ ސިއްރު ވޯޓަކަށް ވުމުން، ވަކިވަކި މެންބަރުން ވޯޓު ދެއްވި ގޮތެއް ރަސްމީކޮށް އެނގޭކަށް ނޯވެއެވެ.
މީގެ އިތުރުން، މިއަދުގެ ވޯޓުގައި ހުތުރު އެއްޗެހި ލިޔެފައިވާ ބާތިލު ދެ ވޯޓު ހިމެނޭއިރު، ބެލެވޭ ގޮތުގައި މިއީ ވެސް ޕީއެންސީން ހުށަހެޅި ކެންޑިޑޭޓަށް ވޯޓު ދޭން ބޭނުންނުވާ އެ ޕާޓީގެ ދެ މެންބަރަކު ކުރައްވާފައިވާ ކަމެކެވެ. އެހެންކަމުން، ޖުމްލަ ހަތަރު މެންބަރަކު ޕާޓީގެ ނިންމުމާ ދެކޮޅަށް އަމަލުކޮށްފައިވާކަމަށް ބެލެވެއެވެ.
މަޖިލީހުގެ ނައިބުރައީސްގެ މަގާމު ހުސްވީ، އެ މަގާމުގައި ކުރިން ހުންނެވި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް މަގާމުން ވަކިކުރުމަށް ޕީއެންސީގެ ޕާލިމަންޓަރީ ގްރޫޕުން ނިންމައި، އެ މައްސަލަ އެޖެންޑާކޮށްފައި ވަނިކޮށް އޭނާ އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ނާޒިމް އިސްތިއުފާ ދެއްވިއިރު، ޕީއެންސީން އޭނާއަށް ކުރާ ތުހުމަތުތައް ވަނީ ދޮގުކުރައްވާފަ އެވެ.
ޕީއެންސީގެ ބައެއް މެންބަރުންގެ ވޯޓު އެމްޑީޕީގެ ކެންޑިޑޭޓަށް ލިބިފައި މިވަނީ، ސަރުކާރު ހިންގާ ޕާޓީގެ ޕީޖީ ގްރޫޕްގެ ތެރޭގައި ބޮޑެތި ބައިބައިވުންތަކެއް އުފެދިފައިވާ ކަމުގެ އަޑުތައް ގަދަވެފައިވާ ދަނޑިވަޅެއްގަ އެވެ.
ހަނގުރާމައާ ހެދި ރަސްމާލެ މަސައްކަތް ކުރަން އުނދަގޫ: ރައީސް
ކަލްނާޔަކް ރިޓާންސް: 30 އަހަރަށްފަހު ޖެކީއާއި ސަންޖޭ އެކީގައި!
ޒާތީ ހައްގުތައް ހިމާޔަތް ކުރަން ވަރުން ކޯޓަށް!