ބަރުދަން ލުއިކުރަން އުޅޭ ގިނަ މީހުންނަށް ކުރިމަތިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ، ކެއުމުން ބަރުދަން އިތުރުވުމާއި، ނުކައި ހުރުމުން ވަރުބަލިވެ ބާރު ދެރަވުމުގެ މައްސަލަ އެވެ.
މިއީ ސިއްހީ ގޮތުންނާއި ނަފްސާނީ ގޮތުން މީހާ ވަރަށް ބޮޑަށް އެކަނިވެ، އުނދަގޫތަކާ ކުރިމަތިލާންޖެހޭ ކަމެކެވެ. މައިގަނޑު މައްސަލައަކީ ގިނަ މީހުންނަށް ކެއުމުގައި ގެންގުޅެވޭ ނުބައި ވިސްނުމާއި ބެލެންސް ނޫން ޑައިޓްތައް ބޭނުން ކުރުމެވެ.
މިކަމާ ގުޅިގެން ބަރުދަން ލުއިކުރުމުގެ ހާއްސަ ޑޮކްޓަރު، ޑރ. ނޭހާ ޝާހު ވަނީ މިފަދަ ހާލަތްތަކުން ސަލާމަތް ވުމަށް މުހިންމު އިރުޝާދުތަކެއް ދެއްވާފަ އެވެ.
ކެއުން ހުއްޓާލުމަކީ ހައްލެއް ނޫން!
ޑރ. ނޭހާ ފާހަގަކުރެއްވި ގޮތުގައި، ބަރުދަން ލުއިކުރުމަށްޓަކައި ކެއުން މަދުކުރުން ނުވަތަ ކެއުން ދޫކޮށްލުމަކީ ހަށިގަނޑުގެ މެޓަބޮލިޒަމް ދަށްކޮށްދޭ ކަމެކެވެ.
މީގެ ސަބަބުން ހަށިގަނޑަށް ބޭނުންވާ މުހިއްމު މާއްދާތައް ނުލިބި، ވަރުބަލިކަމާއި ބޮލުގައި ރިއްސުން ފަދަ މައްސަލަތައް ކުރިމަތިވެއެ ވެ. ގިނައިރު ނުކައި ހުރުމަށްފަހު ކެވޭ ފަހަރުތަކުގައި، އާދަޔާ ހިލާފަށް ގިނައިން ކެވުމުގެ ފުރުސަތު ބޮޑުވެ، ބަރުދަން އިތުރު ވުމަށް މަގުފަހިވެ އެވެ.
ހައްލަކީ ކޮބާ؟
ބަރުދަން ލުއި ކުރުމުގެ މަރުހަލާގައި ސިއްހަތު ސަލާމަތުން ބެހެއްޓުމަށްޓަކައި ޑޮކްޓަރު ދެއްވާ މުހިންމު އިރުޝާދުތަކުގެ ތެރޭގައި:
1. ޕްރޯޓީން އަދި ފައިބާ ގިނައިން ހިމެނުން
ކާނާގެ ތެރޭގައި ޕްރޮޓީން (ބިސް، މަސް، ކުކުޅުމަސް) އަދި ފައިބާ (މޭވާއާއި ތަރުކާރީގެ ބާވަތްތައް) ގިނައިން ހިމެނުމުން ބަނޑުހައިވުން ކުޑަކޮށްދީ، ގިނައިރު ވަންދެން ބަނޑު ފުރިފައި ހުރުމުގެ އިހުސާސް ކޮށްދެ އެވެ.
2. ކާ މިންވަރު ކޮންޓްރޯލް ކުރުން
ކެއުން މުޅިން ހުއްޓާލުމުގެ ބަދަލުގައި، ކާ މިންވަރު ވަކި ވަރެއްގައި ހިފެހެއްޓުން މުހިއްމެވެ. ކާނާގެ ބާވަތްތައް ވަކި ތަށީގައި މިންކޮށްގެން ކެއުމަކީ ކެވޭ މިންވަރު ކޮންޓްރޯލް ކުރަން ފަސޭހަވާނެ ކަމެކެވެ.
3. ގަވާއިދުން ފެން ބުއިން
ގިނަ ފަހަރަށް ހަށިގަނޑުން ފެން މަދުވުމުން އުފެދޭ އިހުސާސްތަކަކީ ބަނޑުހައިވުން ކަމަށް ހީކުރެވޭ ފަހަރު އާދެ އެވެ. އެހެންކަމުން ދުވާލަކު މަދުވެގެން 8 ތަށި ފެން ބުއިމަކީ މުހިއްމު ކަމެކެވެ.
4. އެކަށީގެންވާ ނިދި ހޯދުން
ނިދި މަދުވުމަކީ ހޯމޯންތަކުގެ ބެލެންސް ގެއްލި، ބަނޑުހައިވުން އިތުރުކޮށްދޭ ކަމެކެވެ. ކޮންމެ ރެއަކުވެސް 7-8 ގަޑިއިރުގެ ނިދި ހޯދުމަށް އިސްކަން ދޭންޖެހެ އެވެ.
ޑރ. ނޭހާ ވިދާޅުވީ ބަރުދަން ލުއި ކުރުމަކީ ބަނޑަށް ހުރުން ނޫން ކަމަށާއި، އެއީ ސިއްހަތަށް ފައިދާހުރި ގޮތުގައި ކެއުމުގެ އާދަތައް ބައްޓަން ކުރުން ކަމަށެވެ.
މިއުޒިކީ ދާއިރާއިން "ބްރޭކް"އެއް ނަގަން އެރިއާނާ ނިންމި ސަބަބު!
މެންބަރުންނަށް އިންޝުއަރެންސް ލިބުން ދަތިވެ، އެލައިޑް މަޖިލީހަށް
ކައިޒީން އޭނާގެ ކޮއްކޮއަށް ލަގްޒަރީ އެޕާޓްމަންޓެއް ގަނެދީފި