ސަރުކާރު ހިއްސާވާ 30 ކުންފުނި އޮތްއިރު، ޑިވިޑެންޑްގެ ގޮތުގައި ސަރުކާރަށް މި އަހަރު އާމްދަނީ ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ އެންމެ ހަ ކުންފުންޏަކުން. އެއީ އެމްޕީއެލްއާއި، އެމްއޭސީއެލްއާއި، ދިރާގާއި، ބީއެމްއެލްއާއި، އެޗްޑީސީ އަދި އެމްޑަބްލިއުއެސްސީ އިން. މީގެ ތެރޭގައި ސަރުކާރުގެ އެންމެ ބޮޑު ވިޔަފާރި ކުންފުނި އެސްޓީއޯ ނުހިމެނޭ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން މި އަހަރުގެ މިހާތަނަށް ހިއްސާގެ ފައިދާ ދެއްކި މިންވަރު 36 ޕަސެންޓް ދަށްވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ސަރުކާރުގެ ކުންފުނިތައް ބަލަހައްޓާ ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ ދައުލަތުގެ އާމްދަނީ އާއި ޚަރަދުތަކުގެ ތަފާސްހިސާބުތައް ހިމެނޭ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުގައި ވާގޮތުން މިދިޔަ މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް އެސްއޯއީތަކުގެ ފައިދާއިން ދައުލަތަށް ލިބިފައި ވަނީ 160 މިލިއަން ރުފިޔާ އެވެ. މިއީ، މިދިޔަ އަހަރުގެ މި މުއްދަތުގައި އެސްއޯއީތަކުގެ ފައިދާއިން ދައުލަތަށް ލިބުނު 258 މިލިއަން ރުފިޔާ އާ އަޅާބަލާއިރު 36 ޕަސެންޓް ދަށް އަަދަދެކެެވެ.

ސަރުކާރު ހިއްސާވާ 30 ކުންފުނި އޮތްއިރު، ޑިވިޑެންޑްގެ ގޮތުގައި ސަރުކާރަށް މި އަހަރު އާމްދަނީ ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ އެންމެ ހަ ކުންފުންޏަކުންނެވެ. އެއީ އެމްޕީއެލްއާއި، އެމްއޭސީއެލްއާއި، ދިރާގާއި، ބީއެމްއެލްއާއި، އެޗްޑީސީ އަދި އެމްޑަބްލިއުއެސްސީ އިންނެވެ. މީގެ ތެރޭގައި ސަރުކާރުގެ އެންމެ ބޮޑު ވިޔަފާރި ކުންފުނި އެސްޓީއޯ ނުހިމެނެ އެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ވެސް އެންމެ ބޮޑު އާމްދަނީއެއް ލިބޭނެ ކަމަށް ކަނޑައަޅާފައި ވަނީ ބަހުރެއިންގެ ބަޓެލްކޯގެ މެޖޯރިޓީ ހިއްސާ އޮންނަ ދިރާގުންނެވެ. އެ ކުންފުނިން 262 މިލިޔަން ރުފިޔާ ލިބޭނެ ކަމަށްއ އަންދާޒާކޮށްފައިވެ އެވެ.

މީގެ އިތުރުން 154 މިލިއަން ރުފިޔާއާއެކު ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ ބީއެމްއެލް އިން އެވެ. އަދި އެމްއޭސީއެލްއިން 50 މިލިއަން ރުފިޔާ، އެމްޑަބްލިއުއެސްސީއިން 30 މިލިއަން ރުފިޔާ، އެޗްޑީސީއިން 20 މިލިއަން ރުފިޔާ އަދި އެމްޕީއެލްއިން 12 މިލިއަން ރުފިޔާ ޑިވިޑެންޑުގެ ގޮތުގައި ލިބޭނެ ކަމަށް މިއަހަރުގެ ބަޖެޓުގައި ހިމަނާފައިވެ އެވެ.

މިއަހަރުގެ ބަޖެޓުގައި އެސްއޯއީތަކުގެ ފައިދާއިން ދައުލަތަށް 552 މިލިޔަން ރުފިޔާ ލިބޭނެ ކަމަށް ކަނޑައެޅި އެވެ. އެހެންކަމުން ބަޖެޓުގައި ކަނޑައަޅާފައިވާ އަދަދުގެ ތެރެއިން މިހާތަނަށް ދަޢުތަލަށް ލިބިފައި ވަނީ، މި އަދަދުގެ 30 ޕަސެންޓެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ޑިވިޑެންޑުން ލިބޭ އާމްދަނީ ދަށްވާ މައިގަނޑު އެއް ސަބަބަކީ ކުންފުނިތަކުގެ ފައިދާ ދަށްވުން ކަމަށެވެ.

އެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި ޑިވިޑެންޑާއި އެހެން ގޮތްގޮތުން ސަރުކާރަށް ފައިދާ އާއި އިންޓްރެސްޓުގެ ގޮތުގައި 769 މިލިއަން ރުފިޔާ ލިބޭނެ ކަމަށް މިއަހަރުގެ ބަޖެޓުގައި ލަފާކޮށްފައިވެ އެވެ. މީގެ ތެރެއިން މިހާތަނަށް ލިބިފައި ވަނީ މުޅި ޖުމްލަ 243 މިލިއަން ރުފިޔާ އެވެ. އެހެންކަމުން މިއީ ބަޖެޓް ކޮށްފައިވާ މިންވަރަށް ވުރެ 31 ޕަސެންޓް ދަށްވުމެކެވެ.

ފަހަކަށް އައިސް ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ފައިދާއިން ސަރުކާރަށް ޑިވިޑެންޑްގެ ގޮތުގައި ލިބުނު މިންވަރު ވެސް ވަނީ ދަށްވެފަ އެވެ. އެގޮތުން މިދިޔަ އަހަރު ޑިވިޑެންޑާއި ފައިދާތަކުން ސަރުކާރަށް 823 މިލިޔަން ރުފިޔާ ލިބިފައިވާއިރު، އޭގެ ކުރީ އަހަރު ލިބިފައި ވަނީ 1.1 ބިލިޔަން ރުފިޔާ އެވެ. މިއީ، އެސްއޯއީތަކުން ދައުލަތަށް ވަންނަ އާމްދަނީގެ ވަރަށް ބޮޑު ދަށްވުމެކެވެ.

އެކި އެކި އިންތިހާބުތަކާ ދިމާކޮށް ސަރުކާރުގެ ވައުދުތައް ފުއްދުމަށް ކުންފުނިތަކުން އެތައް ހާސް ބަޔަކަށް ވަޒީފާ ބަހައި ބޭކާރު މަޝްރޫއުތަކަށް އެތައް ސަތޭކަ މިލިއަން ރުފިޔާއެއް ދަނީ ހަރަދުކުރަމުންނެވެ. މީގެ ތެރޭގައި އެމްއޭސީއެލް އާއި އެޗްޑީސީ، ފެނަކަ، އެމްޕީއެލް ވަކިން ބޮޑަށް ފާހަގަކުރެވެ އެވެ.