ލުބުނާނުގައި އިޒްރޭލުން ހިންގަމުންދާ އަސްކަރީ ހަރަކާތްތަކާ ގުޅިގެން ޓްރަމްޕް، ނަތަންޔާހޫއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ބެއިރޫތަށް ދޭން އުޅުނު ހަމަލާއެއް ހުއްޓުވައިފި ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ރައީސް ޑޮނަލްޑް ޓްރަމްޕް، ބެންޖަމިން ނަތަންޔާހޫއަށް ފޯނުން ގުޅުއްވައި، ލުބުނާނުގެ މަސްލަހަތު ގޯސްވަމުންދާ ދަނޑިވަޅެއްގައި ނަތަންޔާހޫގެ ސިޔާސަތުތަކަށް ވަރަށް ހަރުކަށި އިބާރާތުން ފާޑުވިދާޅުވެފައިވާ ކަމަށް އެކްސިއޯސް އިން ވަނީ ރިޕޯޓްކޮށްފަ އެވެ. މިކަން ރިޕޯޓުކޮށްފައިވަނީ އެމެރިކާގެ ދެ އޮފިޝަލުންނާއި މި ވާހަކަތަކުގެ މައުލޫމާތު އެނގޭ އިތުރު ބަޔަކާ ހަވާލާދީ އެވެ.
މި ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، މި ފޯނު ކޯލުގައި ޓްރަމްޕް ވަނީ ވަރަށް ބޮޑަށް ކޯފާވެ، ހަޑިހުތުރު ބަހުން ނަތަންޔާހޫއާ މުހާތަބު ކުރައްވާފަ އެވެ. އަދި ނަތަންޔާހޫގެ އަމަލުތަކުގެ ސަބަބުން މައްސަލަ އިތުރަށް ގޯސްވެ، އެމެރިކާއާއި އީރާނާ ދެމެދު ކުރިއަށްދާ މަޝްވަރާތަކަށް ހުރަސް އެޅެމުންދާ ކަމަށް ޓްރަމްޕް ތުހުމަތު ކުރެއްވި އެވެ.
ޓްރަމްޕް ވަނީ ނަތަންޔާހޫއަކީ "މޮޔައެއް" ކަމަށް ސިފަކުރައްވައި، އޭނާއަށް ޓްރަމްޕްގެ ފަރާތުން ލިބުނު އެހީތެރިކަމަށް ޝުކުރުވެރިނުވާ ކަމަށް ވިދާޅުވެފަ އެވެ. އަދި ނަތަންޔާހޫގެ މައްޗަށް ހިނގަމުންދާ ކޮރަޕްޝަންގެ ޝަރީއަތްތަކަށް އިޝާރާތް ކުރައްވައި، ނަތަންޔާހޫ ޖަލަށް ނުގޮސް ސަލާމަތްވީ ޓްރަމްޕްގެ ސަބަބުން ކަމަށްވެސް ވިދާޅުވި ކަމަށް ރިޕޯޓުގައި ވަނީ ބުނެފަ އެވެ.
"ކަލޭ ތިޔައީ ހަމަ އަސްލަށްވެސް މޮޔައެއް. އަހަރެން ނެތްނަމަ ކަލޭ އޮންނާނީ ޖަލުގައި. ކަލޭ ސަލާމަތް ކުރަނީ އަހަރެން. މިއަދު ދުނިޔޭގެ އެންމެންވެސް ކަލޭދެކެ ފޫހިވޭ، އަދި މިކަމުގެ ސަބަބުން މުޅި ދުނިޔެ އިޒްރޭލާ ދެކޮޅުވެއްޖެ،" ޓްރަމްޕް ވިދާޅުވި ކަމަށް މި ވާހަކަތަކާ ގުޅޭގޮތުން އެމެރިކާގެ އޮފިޝަލަކު ވަނީ މައުލޫމާތު ދީފަ އެވެ.
ލުބުނާނުގެ ވެރިރަށް ބެއިރޫތަށް ހަމަލާދީފިނަމަ، ބައިނަލްއަގުވާމީ މައިދާނުގައި އިޒްރޭލު އިތުރަށް އެކަހެރިވާނެ ކަމުގެ އިންޒާރުވެސް ޓްރަމްޕް ދެއްވި އެވެ. މި ރިޕޯޓުގައިވާ ގޮތުން، ހިޒްބުالله އިން އިޒްރޭލަށް ހަމަލާދެމުންދާކަމާއި، އަމިއްލަ ނަފްސު ދިފާއުކުރުމުގެ ހައްގު އިޒްރޭލަށް އޮތްކަން ޓްރަމްޕް ގަބޫލުކުރައްވަ އެވެ. ނަމަވެސް، ފާއިތުވި ދުވަސްތަކުގައި ނަތަންޔާހޫ އަމަލުކުރައްވަމުން ގެންދަވަނީ ހާލަތާ ނުބައްދަލު މިންވަރަށް މައްސަލަ ގޯސްވާނެ ފަދަ ގޮތަކަށް ކަމަށް ޓްރަމްޕް ދެކެވަޑައިގަންނަވާ ކަމަށް އެމެރިކާގެ އޮފިޝަލުން ބުނެފައިވެއެވެ.
މި ފޯނު ކޯލަށްފަހު، ބެއިރޫތުގައި ހުރި ހިޒްބުالله ގެ އަމާޒުތަކަށް ހަމަލާދިނުމަށް ރާވާފައި އޮތް ރޭވުންތައް އިޒްރޭލުން މިހާރު މަޑުޖައްސާލާފައިވާ ކަމަށް އިޒްރޭލުގެ އޮފިޝަލަކު އެކްސިއޯސްއަށް މައުލޫމާތު ދީފައިވެއެވެ.
މީގެ އިތުރުން، ޓްރަމްޕް ކޯފާވި އެންމެ ބޮޑު އެއް ސަބަބަކީ، އިޒްރޭލުގެ މި އަމަލުތަކުގެ ސަބަބުން އެމެރިކާއާއި އީރާނާ ދެމެދު ކުރިއަށްދާ މަޝްވަރާތަކަށް ބުރޫއަރައިފާނެތީ އެވެ. ލުބުނާނުގައި އިޒްރޭލުން ހިންގަމުންދާ އަމަލުތަކާ ގުޅިގެން، ވޮޝިންޓަނާއެކު ކުރިއަށްދާ ވާހަކަތައް ހުއްޓާލާނެ ކަމުގެ އިންޒާރު އީރާނުން ދީފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
އިޒްރޭލާއި ލުބުނާނުގެ ބޯޑަރުގައި ހަމަލާ ބަދަލުކުރުންތައް މިހާރު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އިޒްރޭލުން ލުބުނާނުގެ ދެކުނުގައި އެއްގަމު މަގުން ހިންގާ ހަރަކާތްތައް ފުޅާކޮށްފައިވާއިރު، މިއީ މުޅި ސަރަހައްދަށް ހަނގުރާމަ ފެތުރިގެން ހިނގައިދާނެ ކަމެއް ކަމަށް ބަލައި ބައިނަލްއަގުވާމީ މުޖުތަމައުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އެކްސިއޯސްއިން ބުނާ ގޮތުގައި، އެމެރިކާއާއި އީރާނާ ދެމެދު މަޝްވަރާ ކުރެވެމުންދާ އެއްބަސްވުމުގައި ލުބުނާނުގެ ހަނގުރާމަ ހުއްޓާލުމާ ގުޅޭ މާއްދާތަކެއް ހިމެނެ އެވެ. މިއީ މީގެ ކުރިންވެސް ޓްރަމްޕާއި ނަތަންޔާހޫއާ ދެމެދު ހިޔާލުތަފާތުވުން އުފެދިފައިވާ މައުޟޫއެކެވެ.
ޕީއެންސީގެ ބައެއް މެންބަރުންގެ ވޯޓު ޒިޔާދަށް ދިންކަން ހާމަވެއްޖެ
ކޭންސް 2026: އަައިޝްވާރްޔާގެ ދިފާއުގައި މާދޫރީ ނުކުމެއްޖެ
އީރާނާއެކު މަޝްވަރާތައް ކުރިއަށް އެބަދޭ: ޓްރަމްޕް