ބޮލީވުޑްގެ އެންމެ ނުފޫޒުގަދަ އެއް އެކްޓަރު ރަންވީރު ސިންގްއާއި އިންޑިއާގެ ފިލްމީ މަސައްކަތްތެރިންގެ ހައްގުގައި ވަކާލާތުކުރާ އެންމެ ބޮޑު ޖަމްއިއްޔާ "ފްވައިސް"އާ ދެމެދު އުފެދިފައިވާ ދެބަސްވުންތަކުގައި ގާނޫނީ ކުލަވަރު ޖެހިއްޖެ އެވެ.
ފަރުހާން އަހްތަރު ޑައިރެކްޓްކުރާ ބޮޑު ފިލްމު "ޑޮން 3"އިން ރަންވީރު ކުއްލި ގޮތަކަށް ވަކިވުމާ ގުޅިގެން އޭނާއާއެކު ފިލްމުތަކުގައި މަސައްކަތް ނުކުރުމަށް ފްވައިސްއިން އެ ޖަމިއްޔާއަށް ނިސްބަތްވާ ފަސް ލައްކައަށްވުރެ ގިނަ މަސައްކަތްތެރިންނަށް އެންގި އެންގުމަށް ރަންވީރުގެ ގާނޫނީ ޓީމުން ވަނީ ރައްދު ދީފަ އެވެ.
ރަންވީރުގެ ފަރާތުން ފްވައިސްއަށް ފޮނުވި ގާނޫނީ ނޯޓިސްގައި ބުނެފައިވަނީ، އޭނާއާއި ފިލްމު އުފައްދާ ކުންފުންޏާ ދެމެދު ޖެހުނު މައްސަލައަކީ އަމިއްލަ ކޮންޓްރެކްޓެއްގެ މައްސަލައެއް ކަމަށާއި އެކަމުގެ ތެރެއަށް ވަދެ ފިޔަވަޅު އެޅުމުގެ ގާނޫނީ އެއްވެސް ބާރެއް އެ ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށެވެ.
މި މައްސަލަ ހޫނުވީ، ކުރިން އަމީތާބް ބައްޗަން އަދި ޝާހްރުކް ޚާން ކުޅެފައިވާ މަޝްހޫރު "ޑޮން" ފްރެންޗައިޒްގެ ތިންވަނަ ބައިގެ ޝޫޓިންގް ފެށެން ކުޑަ ދުވަސްކޮޅަކަށް ވެފައި ވަނިކޮށް ރަންވީރު ސިންގް ފިލްމުން ވަކިވުމުންނެވެ.
ފިލްމުގެ ޕްރޮޑިއުސަރުން ކަމަށްވާ ފަރުހާން އަހްތަރާއި ރިތޭޝް ސިދްވާނީއިން މީޑިއާއަށް މައުލޫމާތު ދިން ގޮތުގައި ފިލްމުގެ ޕްރީ-ޕްރޮޑަކްޝަންއަށް އެކަނިވެސް މިހާތަނަށް 45 ކްރޯޑް ރުޕީސް ވަނީ ހަރަދުވެފަ އެވެ.
ރަންވީރު ކުއްލިއަކަށް ވަކިވުމުން ޕްރޮޑިއުސަރުންނަށް ލިބުނު ބޮޑު މާލީ ގެއްލުމުގެ ޝަކުވާ ފްވައިސްއަށް ހުށަހެޅުމުން، އެ ޖަމްއިއްޔާއިން ވަނީ ޖަވާބުދާރީ ވުމަށް ތިން ފަހަރެއްގެ މަތިން ރަންވީރަށް އަންގާފަ އެވެ.
ނަމަވެސް ރަންވީރު އަމިއްލައަށް ހާޒިރު ނުވުމުން އެ ޖަމިއްޔާއިން ވަނީ ރަންވީރުގެ އެއްވެސް ފިލްމެއްގެ ސެޓެއްގައި ކެމެރާމަނުން، މޭކަޕް އާޓިސްޓުން އަދި ލައިޓިންގް މީހުން ހިމެނޭހެން އެއްވެސް މެންބަރަކު މަސައްކަތް ނުކުރުމަށް "ނޮން-ކޯޕަރޭޝަން" އަމުރެއް ނެރެފަ އެވެ.
މި ހުރިހާ އަޑުތަކެއް ފެތުރެމުން ދިޔައިރުވެސް ހިމޭނުން ހުރުމަށްފަހު ރަންވީރުގެ ތަރުޖަމާނު ނެރުނު ބަޔާނެއްގައި ބުނީ ރަންވީރު އަބަދުވެސް ފިލްމީ ދާއިރާގެ މަސައްކަތްތެރިންނަށް ވަރަށް އިހުތިރާމްކުރާ ކަމަށެވެ.
އެއާއެކު ޕްރޮފެޝަނަލް މައްސަލަތަކަކީ މީޑިއާގައި ބަހުސް ކުރުމުގެ ބަދަލުގައ، އަބުރުވެރި ކަމާއެކު ދެފަރާތް ވާހަކަ ދައްކައިގެން ހައްލު ކުރަންޖެހޭ ކަންކަން ކަމަށް ގަބޫލުކުރާ ކަމަށެވެ.
ބޮލީވުޑްގެ ގިނަ ފަންނާނުންގެ ޖަމްއިއްޔާއެއް ކަމަށްވާ ސިންޓާގެ ރައީސް ޕޫނަމް ދިލޮންވެސް ވަނީ މި މައްސަލަ މީޑިއާއަށް ތިލަކުރުމުގެ ކުރިން އެކްޓަރުންގެ ޖަމްއިއްޔާއާ މަޝްވަރާ ނުކުރީތީ ކަންބޮޑުވުން ފާޅުކޮށް ރަންވީރަށް ތާއީދުކޮށްފަ އެވެ.
މިހާރު ދެފަރާތުން ގާނޫނީ ހަނގުރާމައަކަށް ތައްޔާރު ވަމުންދާއިރު މިއީ ބޮލީވުޑްގެ ޔޫނިއަންތަކުގެ ބާރު ހުރި މިންވަރު ކަނޑައެޅިގެންދާނެ ތާރީހީ މައްސަލައަކަށް ވާނެ އެވެ.
ޗެޓްބޮޓަށް އޮޅުވާލައިގެން އިންސްޓަގްރާމްގެ ޑޭޓާ ވަގަށް ނަގައިފި
އީރާނާއި އެމެރިކާގެ ހަމަލާތަކެއް، މަސްރަހު ގޯސްވުމުގެ ބިރު ބޮޑު
ޖޭލޯއާއި ބްރެޓްގެ ލޯބީގެ އަޑުތަކުގެ ހަގީގަތް ހާމަ ކޮށްފި