ބޮލީވުޑްގެ އެންމެ ވަރުގަދަ އެކްޓަރު ރަންވީރު ސިންގްއާއި ފިލްމީ މަސައްކަތްތެރިންގެ ހައްގުގައި މަސައްކަތްކުރާ ޖަމިއްޔާ (ފްވައިސް) އާ ދެމެދު އުފެދުނު ބޮޑު ދެބަސްވުން ރަންވީރުގެ ވަރުގަދަ ގާނޫނީ ފިޔަވަޅާއެކު ނިމުމަކަށް އަތުވެއްޖެ އެވެ.
ފްވައިސްއިން މީގެ ކުރިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރަންވީރު ވަނީ އެ ފެޑެރޭޝަނަށް ނިސްބަތްވާ ބައެއް މެންބަރުންނަށް ފައިސާ ނުދައްކާ ކަމަށާއި އެހެންކަމުން އޭނާއާއެކު އެއްވެސް މަސައްކަތެއް ނުކުރުމަށް އަންގާ ކަމަށެވެ.
ނަމަވެސް ރަންވީރުގެ ގާނޫނީ ޓީމުން މި ތުހުމަތުތައް ދޮގުކޮށް ޖަމްޢިއްޔާއާ ދެކޮޅަށް އަބުރުގެ ދައުވާ ކުރާނެ ކަމުގެ ގާނޫނީ ނޯޓިސް ފޮނުވުމާއެކު ފެޑެރޭޝަނުން މިހާރު ވަނީ އެ ނިންމުން ވަގުތުން އަނބުރާ ގެންގޮސްފަ އެވެ.
މި މައްސަލަ ފެށުނީ ރަންވީރު ސިންގްގެ ކުރީގެ ޕްރޮޑަކްޝަން މަސައްކަތްތަކެއްގައި ބައިވެރިވި ކޮސްޓިއުމް ޑިޒައިނަރުންނާއި ސެޓް މަސައްކަތްތެރިންނަށް ލިބެންޖެހޭ ފައިސާ ނުލިބިވާ ކަމަށް ބުނެ ފްވައިސްއަށް ހުށަހެޅި ޝަކުވާއަކާ ގުޅިގެންނެވެ.
ޖަމިއްޔާއިން ބުނިގޮތުގައި ރަންވީރަށް މި ފައިސާ ދެއްކުމަށް އެތައް ފަހަރަކު އެންގުމުންވެސް އެކަމަށް އިޖާބަ ދީފައެއް ނުވެ އެވެ. އެހެންކަމުން އެމީހުން ނިންމީ ރަންވީރުގެ ކުރިއަށް ހުރި ފިލްމުތަކުގެ މަސައްކަތް ހުއްޓުވުމަށެވެ.
އެހެން ނަމަވެސް، ރަންވީރުގެ ގާނޫނީ ޓީމުން ބަޔާންކުރި ގޮތުގައި އެ ފައިސާއަކީ ރަންވީރު އަމިއްލައަށް ދައްކަންޖެހޭ ފައިސާއެއް ނޫނެވެ.
އެއީ އެ ފިލްމުތައް އުފެއްދި ޕްރޮޑަކްޝަން ހައުސްތަކުން ދައްކަންޖެހޭ އެއްޗެކެވެ. ރަންވީރުގެ ނަން ބޭނުން ކޮށްގެން ބްލެކްމެއިލް ކުރަން އުޅޭ ކަމަށް ބުނެ އޭނާގެ ވަކީލުން ވަނީ ފްވައިސްއަށް ހޫނު ރައްދެއް ދީފަ އެވެ.
މި ނޮން-ކޯޕަރޭޝަން އަމުރު އަނބުރާ ނުގެންގޮސް އޮތްނަމަ ރަންވީރުގެ ކުރިއަށް ހުރި ބޮޑެތި ފިލްމުތަކުގެ ޝޫޓިންގްތަކަށް ބޮޑެތި ހުރަސްތަކެއް ކުރިމަތި ވީހެވެ. މިހާރު މިއީ ރަންވީރަށާއި އެ ފިލްމުތަކުގެ ޑައިރެކްޓަރުންނަށް ލިބުނު ވަރަށް ބޮޑު ހަމަޖެހުމެކެވެ.
ރަންވީރުގެ ގާނޫނީ ނޯޓިސް ލިބުމާއެކު، ފްވައިސްގެ ރައީސް ބީ.އެން ތިވާރީ މީޑިއާއަށް ވިދާޅުވީ، ރަންވީރަކީ އެ ދާއިރާއަށް ވަރަށް ބޮޑު ހިދުމަތްތަކެއް ކޮށްދެމުންދާ ހުނަރުވެރި ތަރިއެއް ކަމަށާއި އޭނާއާ މެދު އޮތް "ކޮޅު ނުބެދޭ މައްސަލަ" މިހާރު ހައްލުވެފައިވާ ކަމަށެވެ.
އެއާއެކު އެ ފެޑެރޭޝަނުން ނެރުނު އާ ސިޓީއެއްގައި ބުނެފައިވަނީ، ރަންވީރާ ދެކޮޅަށް ނެރުނު އެންމެހާ ފިޔަވަޅުތައް މިހާރު ބާތިލުކުރެވިފައިވާ ކަމަށާއި ސިނަމާގެ މަސައްކަތްތެރިންނަށް އޭނާއާއެކު އެއްވެސް ހުރަހެއް ނެތި މަސައްކަތް ކުރެވޭނެ ކަމަށެވެ.
މި ހާދިސާއާއެކު ބޮލީވުޑްގެ ތަރިންގެ ނުފޫޒާއި ގާނޫނީ ބާރު ބޮޑެތި ޖަމިއްޔާތަކުގެ މައްޗަށް ހިނގާކަން އަނެއްކާ ވެސް މިވަނީ ސާބިތުވެފަ އެވެ.
ޑިޑީއާ ދެކޮޅަށް އަނެއްކާ ވެސް އާ ދައުވާއެއް!
ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ހިޒްބުﷲ އިން ބަލައިނުގަތް