ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސަށް އަމާޒުކޮށްގެން ޓެރަރިސްޓް ހަމަލާއެއް ދިންއިރު މިނިސްޓަރަކަށް ހުރީ އެމްޑީޕީ ނޫން ޕާޓީއެއްގެ ޑިފެންސް މިނިސްޓަރެއް ނަމަ އެ މީހެއްގެ މަގާމު ގެއްލޭނެ ކަމަށް ކުރީގެ ނައިބު ރައީސް އަދި ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ އެޑްވައިޒަރު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.
ޑރ. ޖަމީލް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިޒަމްގެ ހަމަލާ އާއި ގުޅޭ ގޮތުން ސަލާމަތީ ބާރުތަކުން ދައްކާ ވާހަކަ ދެކޮޅު ނުޖެހޭ ކަމަށެވެ. އަދި ފެންނަމުންދާ މަންޒަރަކީ ސަލާމަތީ ކަންކަން ފެއިލްވުމުން އެމްއެންޑީއެފްއިން ބަހަނާ ދައްކާ މަންޒަރު ކަމަށެވެ.
އެ މަނިކުފާނު ވިދާޅުވީ ޓެރަރިސްޓު ހަމަލާ ހިނގިއިރު އެހެން ޕާޓީއެއްގެ ޑިފެންސް މިނިސްޓަރެއް ހުރިނަމަ މަގާމުން ވަކި ކުރާނެ ކަމަށެވެ.
"ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން އެމްއެންޑީއެފް އިން ދެއްކި ވާހަކަ ދެކޮޅެއްނުޖެހޭ. ސެކިއުރިޓީ ފެއިލްވީމަ ބަހަނާ ނުދައްކާ ފިޔަވަޅު އަޅަންވީ. އަދި ކިރިޔާ މީހަކު ހައްޔަރު ކުރެވުނީ. އެހެން ޕާޓީއެއްގެ ޑިފެންސް މިނިސްޓަރަކު ނަމަ މިފަހަރު މަގާމް ގެއްލުނީސް،" ޑރ. ޖަމީލް ވިދާޅުވި އެވެ.
ނަޝީދަށް އަމާޒުކޮށް ހަމަލާ ދީފައި ވަނީ އެމަނިކުފާނުގެ ގެކޮޅުކަމަށްވާ ކެނެރީގެ އިން ނުކުމެވަޑައިގެން ކާރަށް އަރައި ވަޑައިގަންނަވަން އުޅުއްވަނިކޮށެވެ. މި ހަމަލާގައި ރައީސް ނަޝީދާގެ އިތުރުން ތިން މީހަކަށް އަނިޔާ ލިބުނެވެ. އެއީ އެމަނިކުފާނުގެ ތިން ބޮޑީގާޑުންނާއި އިނގިރޭސިވިލާތުގެ ފަތުރުވެރިއެއްގެ އިތުރުން އިތުރު ދިވެހި ފިރިހެނެކެވެ.
ފަރުވާއަށް އޭޑިކޭ ހޮސްޕިޓަލަށް އެމަނިކުފާނު ވަގުތުން ވަނީ ގެންދެވިފަ އެވެ. އޭޑީކޭ ހޮސްޕިޓަލުން ވަނީ އެމަނިކުފާނަށް ފަރުވާ ދިނުމަށް ހަތަރު ސާޖަރީއެއް ހަދައިފަ އެވެ.
އެ ހޮސްޕިޓަލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނަޝީދަށް ފަރުވާދިން ޑޮކްޓަރުންގެ ޓީމުން ބުނީ، ފުރާނައަށް ނުރައްކާވެދާނެ ފަދަ އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ. ނަމަވެސް ފަރުވާއަށްފަހު މިހާރު ނަޝީދުގެ ހާލުކޮޅު ރަނގަޅުވަމުން އަންނަ ކަމަށް ވެސް އޭޑީކޭ އިން ބުންޏެވެ.
އެ ހާދިސާއަށްފަހު ނަޝީދު ވަނީ ހަމަލާއަށްފަހު ފުރަތަމަ ފަހަރަށް ވާހަކަފުޅު ވެސް ދައްކައިފަ އެވެ. ވާހަކަފުޅުގައި ނަޝީދު ވިދާޅުވީ ހާލު ރަނގަޅު ކަމަށާއި ކުރިއަށްވުރެ ގަދަކޮށް އަލުން މަސައްކަތަށް ނުކުންނާނެ ކަމަށެވެ.