އެވެނި މިވެނި އެއްޗެއް އުފެއްދީ ފެކްޓަރީއެއްގައި ކަމަށް ބުނުމަކުން މީހަކު އަޖައިބެއް ނުވާނެ އެވެ. ނަމަވެސް ހަމަ އެ ފެންވަރުގެ މަސައްކަތެއް ދިވެއްސެއްގެ ދެ އަތުން ކޮށްފިނަމަ، ހަމަ ޔަގީނުން ވެސް އެއީ ހައިރާން ވާން ޖެހޭނެ ކަމެކެވެ.
ނ. ވެލިދޫ ކަނީރުމާގޭ، މަރުހޫމް ހުސެން މުހައްމަދު ނުވަތަ ކުމުންދޫ ހުސޭނަކީ، އޭނާގެ ޒަމާނުގައި އުނދޯލި ހިމެނޭހެން ލަކުޑިން ތަފާތު އެއްޗެހި ހަދައި، ބިއްލޫރި ފުޅިއެއްގެ ތެރޭގައި އެ ހަރުކޮށް ހެދި މީހެކެވެ. އޭރު ތެރަހެއް ގޮތުގައި ބޭނުން ކުރީ ބަނބުކެޔޮ ކިރެވެ. އެހެން ނަމަވެސް އޭނާ އެ މަސައްކަތް ކުރިކަން ދެނެހުރީ މަދު މީހެކެވެ. އޭނާ މި ދުނިޔެ ދޫކުރުމާއެކު، އޭނާއާ އެކު އޭނަ ކުރި މަސައްކަތާއި އެ ހުނަރު ވަޅުލެވި ދިޔައީ އެވެ.
އޭގެ ދެޖީލު ފަހުން އޭނާގެ ކާފަދަރި، އަބްދުﷲ އަލީ (އަބުޅޯ) އަށް ޔޫޓިއުބް ބަލަމުން ދަނިކޮށް އަޅައިގަތީ، ބިއްލޫރި ފުޅިއެއް ތެރޭ ރިޔާ ނެގި ބޯޓެއް ހަރުކޮށްފައި ވަނިކޮށެވެ. އެ ފެނުމުން އެ މަސައްކަތް ކުރުމަށް ޝައުގުވެރި ވި އެވެ. ދެން އޭނާ ނިންމީ ހަމަ އެގޮތަށް ދިވެހި ވަންތަން އެއްޗެއް ހަދާ ފުޅިއެއް ތެރެއަށް ލުމަށެވެ. ފުރަތަމަ ހެދޭތޯ ބެލީ އުނދޯއްޔެކެވެ.
"އަޅުގަނޑު މި މަސައްކަތް ފެށީ 2009 ގައި. ފުރަތަމަ ހެދި އުނދޯލި އެހާ ރަނގަޅަކަށް ނޫން ހެދުނީ. އެ އުނދޯލީގެ ބައިތައް ތައްކުރަން ބޭނުންކުރި ސިލިކޯން މުޅި ފުޅީގައި އުނގުޅި އުނދޯލި ލެވެލް ނުވެ އެ ކަހަލަ ގޮތަކަށް މަސައްކަތް ދިޔައީ. ނަމަވެސް ހިތްވަރު އެލުވާ ނުލާ މަސައްކަތް ކާމިޔާބު ވަންދެން ކުރިއަށް ގެންދިޔައިން. ދެން އެކި އެއްޗެހި ހަދަމުން ގޮސް ފުރިހަމަ މަސައްކަތެއް ކުރެވެން ފެށީ،" އަބުޅޯ ބުންޏެވެ.
އޭނާއަކީ 2005 އިން ފެށިގެން މެދުނުކެނޑި ދިވެހި ފުލުހުންގެ ޚިދުމަތުގައި މަސައްކަތް ކުރަމުން ގެންދާ ޒިންމާދާރު ފުލުހެކެވެ. ފުޅީގެ މިކަވި މަސައްކަތް އޭނާ ކުރަނީ ލިބޭ ހުސް ވަގުތު ފޫހި ފިލުވާލުމަށްޓަކަ އެވެ. ޕޮލިސް ޑިއުޓީކުރަން ރަށްރަށަށް ދިޔަ ނަމަވެސް، މަސައްކަތް ކުރަން ގެންގުޅޭ ހުރިހާ އާލާތެއް އޭނާ ގެންދެ އެވެ. ހުސް ވަގުތެއް ލިބިއްޖެ ނަމަ، އެ މަސައްކަތް އިތުރަށް ފަރިތަކޮށް، "ޕާފެކްޓް" ކުރުމުގެ ބޭނުމުގަ އެވެ.
ފުޅިއެއްގެ ތެރޭގައި "ވިހަފަރު އެއާޕޯޓް"
އެ މަސައްކަތް ރަނގަޅަށް ކުރެވެން ފެށުމުން، އޭނާ ދެން ނިންމީ އިތުރު ލެވެލްއަކަށް "ބޮޓްލް އާޓް" ގެންދިއުމަށެވެ. މިފަހަރު އޭނާގެ އަމާޒަކަށްވީ ފުޅިއެއް ތެރޭ އެއާޕޯޓެއް ހެދުމެވެ. ނ. ވެލިދޫއަށް 2017 ގައި، އޭރުގެ ރައީސް އަބްދުﷲ ޔާމީން ވަޑައިގަންނަވަން ހަމަޖެހިފައިވާ ކަން އެނގި، އެމަނިކުފާނަށް ހަދިޔާ ކުރުމަށް، އޭނާ ފުޅިއެއްގެ ތެރޭގައި ވިހަފަރު އެއާޕޯޓް ރާވާލި އެވެ.
"ވަރަށް ބޮޑު ތަރުހީބެއް ލިބުނު މަސައްކަތެއް އެއީ. އެ މަސައްކަތް ކުރުމަށް ވިސްނުން އައިމަ ފުރަތަމަ ވަރަށް ބޮޑު ފުޅިއެއް ހޯދީ. ހޯދައިގެން އޭގެ ތެރޭގައި ލަކުޑި ބޭނުން ކޮށްގެން، ވިހަފަރު އެއާޕޯޓް އަޅުގަނޑު ހަދާ ރާވާލީ. އޭގަ ހުރި ލައިޓްތަކާ އަދި ހައުސިން ޔުނިޓްތައް ވެސް ހަމަ ލަކުޑިން ކޮށާ މަށައިގެން ތަތްކުރީ. އެއީ ގާތްގަނޑަކަށް ފަސް ދުވަހުގެ މަސައްކަތެއް،" އަބުޅޯ ބުންޏެވެ.
ފުޅިއަށް ގެއްލުން ނުދީ އޭގެ ތެރޭގައި އެހާ ފުރިހަމަކޮށް އެއާޕޯޓް ރާވާލާފައި ވުމަކީ ގިނަ ބަޔަކު ހައިރާންވި ކަމެކެވެ. އެއާޕޯޓްގެ ކާމިޔާބު މަސައްކަތަށް ފަހު އޭނާ ތަފާތު އެއްޗެހި ހަދަން ފެށި އެވެ. އޭގެ ތެރޭގައި ބެންޗު އަދި ކުދިގެ ހިމެނެ އެވެ.
ސީޕްލޭން ފުލިއެއްގެ ތެރޭގައި
އަބުޅޯއަށް ދެވަނައަށް އެންމެ ބޮޑު ތަރުހީބެއް ލިބިގެން ދިޔައީ ފުޅިއެއްގައި ސީ ޕްލޭންއެއް ހެދުމުންނެވެ. އެ ސީޕްލޭން ރާވާލައި ހަދިޔާކުރީ، 2026 ގައި ވެލިދޫ ސީޕްލޭން ހިދުމަތް ފަށަން އެ ރަށަށް ވަޑައިގަތް، އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް އަށެވެ.
"ފޯމްބޯޑް ވަރަށް ކުދިކޮށް ކަފައިގެން، އެ އެތިކޮޅުތައް ތައްކޮށްގެން ކުރި މަސައްކަތެއް އެއީ. ގާތްގަނޑަކަށް 3-4 ދުވަހުގެ މަސައްކަތުން އޭތި ނިމުނީ،" އަބުޅޯ ބުންޏެވެ.
އަބުޅޯގެ ބޮޑެތި މުހިންމު ޓާގެޓްތަކެއް
"އަޅުގަނޑުގެ ދެން އޮތް ބޮޑު އެއް ޓާގެޓަކީ، ސިނަމާލެ ބްރިޖު ފުޅިއެއް ތެރޭ ރާވާލުން. އެ މަސައްކަތް ފެށުމަށް ބޮޑު ފުޅިއެއް ހޯދަމުން މިދަނީ. އޭގެ އިތުރުން ދުނިޔޭގައި މިވަގުތު ތިއްބެވި ކޮންމެ ރައީސަކަށް ހަދިޔާ ކުރަން ބޭނުން ވަނީ. އެބޭފުޅުން ރައީސްކަން ކުރެއްވި މުއްދަތާއި، ނަމާއި އޭގެން އެނގޭ ގޮތަށް، ލަކުޑިކޮޅެއްގައި ލިޔެ، ފުޅިއެއްގެ ތެރޭގައި އެލަކުޑިން އުނދޯއްޔެއް ރާވާލުމަކީ ވެސް އަޅުގަނޑުގެ ޓާގެޓެއް. ބަލާލަން ވެސް ރީތިވެފައި، ދިވެހި ވަންތަ ގޮތެއް އިންނާނެތާ އޭގައި،" އަބުޅޯ ކުރިއަށް ރާވާފައި ހުރި ވަރަށް މުހިންމު ކަންތައްތަކެއް ހިއްސާ ކޮށްލަމުން ބުންޏެވެ.
މައުރަޒުތަކުން އަބުޅޯގެ އުފެއްދުންތައް ދައްކާލުމަށް ގިނަ ދައުވަތުތައް ލިބެ އެވެ. ނަމަވެސް އޭނާގެ ރަސްމީ މަސައްކަތް ހުންނަ ގޮތުން ކުއްލިއަކަށް އެފަދަ ކަމަކަށް އޭނާއަށް އަދި ވަގުތު ދެވެން ނެތްކަން ފާހަގަ ކުރި އެވެ. ނަމަވެސް މުސްތަގުބަލުގައި މައުރަޒުތަކަށް ތަކެތި ދުރާލާ ތައްޔާރު ކުރުމުގެ ވިސްނުމެއް އޭނާ ގެންގުޅެ އެވެ. އަދި މިހާތަނަށް އޭނާ އަދި އެއްވެސް އިވެންޓެއްގައި އޭނާގެ އުފެއްދުމެއް ދައްކާލާފައި ނުވި ނަމަވެސް، އޭނާ ވަނީ "ޖުމޭރާ ވިއްޓަވެލި" ރިސޯޓުގައި ލައިވްކޮށް އެ ރަށުގެ ގެސްޓުންނަށް އޭނާގެ މަސައްކަތް ދައްކާލާފަ އެވެ.
އެ އިވެންޓްގައި ގެސްޓުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިގެން ދިޔަ އެވެ. އޭނާގެ ރީތި އަދި ކަވި އުފެއްދުންތައް "ފުޅި-އެމްވީ" އިންސްޓްގްރާމް ޕޭޖްގައި އެހުރީ ފެންނާށެވެ.
އަބުޅޯގެ ހުސް ވަގުތުތަކުގައި މި މަސައްކަތް ކުރި ނަމަވެސް، މިކަމަކީ ވަރަށް ގިނައިރު ހޭދަވާ މަސައްކަތެއް ކަން އޭނާ ބުންޏެވެ. އެހެން ނަމަވެސް އާއިލާ އާއި އޭނާގެ އަންހެނުންގެ ފަރާތުން ލިބޭ ސަޕޯޓުގެ ސަބަބުން މަސައްކަތަށް ލުއިފަސޭހަ ކަމެއް ލިބޭކަން އޭނާ އުފަލާއެކު ފާހަގަކުރެ އެވެ.
އޭގެ އިތުރުން މަސައްކަތުގައި އެންމެ އުނދަގޫ ކަމަކަށް ދިމާވާ ފުޅި ހޯދުމުގައި، އޭނާގެ ރައްޓެހިން ވަރަށް ބޮޑަށް އެހީތެރި ވެދޭތީ އެ ފަރާތްތަކަށް ވެސް ވަރަށް ބޮޑަށް އޭނާ ޝުކުރު އަދާކުރެ އެވެ.