ކުރީގެ ބްރޯޑްކާސްޓިން ކޮމިޝަނަށް 2023 ވަނަ އަހަރު ލިބެންޖެހި، ނުލިބި 30 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހުރިކަން އޮޑިޓް ރިޕޯޓުން އެނގިއްޖެ އެވެ.
މިހާރު އޮންނަ ކޮމިޝަނަކީ މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އެއްކޮށްލައިގެން، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އަމަލުކުރަން ފެށި ގާނޫނުގެ ދަށުން އުފައްދާފައިވާ އިދާރާއެކެވެ. އޭގެ ކުރިން މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އޮންނަނީ ވަކިންނެވެ.
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ 2024 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުން އެނގޭ ގޮތުގައި އޭގެ ކުރިން 2023 ވަނަ އަހަރު އެ ކޮމިޝަނުން ތައްޔާރުކޮށްފައިވާ އެ އަހަރުގެ މާލީ ހިސާބުތަކުގައި ކޮމިޝަނަށް ލިބެންޖެހޭ ފައިސާގެ ތެރެއިން އެ އަހަރުގެ ނިޔަލަށް 30،578،453 ރުފިޔާ އެ ކޮމިޝަނަށް ނުލިބި ހުރި ކަމަށް ވަނީ ހިމަނާފަ އެވެ.
ނަމަވެސް ކޮމިޝަންގެ 2024 ވަނަ އަހަރުގެ މާލީ ބަޔާންތައް ހިމަނައިގެން ތައްޔާރުކުރަން ޖެހޭ އަހަރީ ރިޕޯޓު ތައްޔާރުކޮށްފައި ނުވާ ކަމަށްް އޮޑިޓްގައި ފާހަގަކުރި އެވެ. އަދި ކޮމިޝަންގެ ސާވާއަށް މައްސަލައެއް ދިމާވެ، ސާވާގައި ހުރި ލިޔެކިޔުންތައް ސާވާއިން ނެގޭނެ ގޮތެއް ނެތުމުގެ ސަބަބުން އެ އަހަރުގެ ނިޔަލަށް ކޮމިޝަނަށް ލިބެންޖެހޭ ފައިސާގެ ތެރެއިން ނުލިބި ހުރި ފައިސާގެ ހިސާބެއް ތައްޔާރުކުރެވެން ނެތް ކަމަށް އެ ކޮމިޝަނުން މައުލޫމާތު ދިން ކަމަށް އޮޑިޓް ރިޕޯޓުގައި ބަޔާކުރި އެވެ.
މީގެ އިތުރުން ފިނޭންސް މިނިސްޓްރީން ބަލަހައްޓަމުންދާ ސެޕް ސިސްޓަމްގައި ރެކޯޑު ކުރެވިފައިވާ ހިސާބުތަކަށް ބަލާއިރު 7،445،297 (ހަތް މިލިއަން ހަތަރު ލައްކަ ސާޅީސް ފަސް ހާސް ދުއިސައްތަ ނުވަދިހަ ހަތެއް) ރުފިޔާ ކޮމިޝަނަށް އެ އަހަރު ލިބިފައިވާ ކަމަށް ދެއްކި ނަމަވެސް، ލިބެންޖެހޭ ފައިސާގެ ރެކޯޑްތައް ފުރިހަމައަށް ބަލަހައްޓައި، ސެޕް ސިސްޓަމްގައި އެންޓްރީ ހަދާފައި ނެތް ކަމަށް އޮޑިޓްގައި ވަނީ ބުނެފަ އެވެ.
އެހެންކަމުން 2023 ވަނަ އަހަރު އެ ކޮމިޝަނަށް ލިބެންޖެހޭ 30 މިލިއަން ރުފިޔާގެ ތެރެއިން 2024 ވަނަ އަހަރު އެއްވެސް ފައިސާއެއް ލިބުނުކަން، އަދި ލިބުނުނަމަ ލިބުނީ ކިހާ ވަރެެއްކަން ކަނޑައެޅިގެން އެނގެން ނެތްކަން އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.
އެ ކޮމިޝަނަށް ލިބުނު ފައިސާގެ ގޮތުގައި 2024 ވަނަ އަހަރު ސެޕް ސިސްޓަމުން ދައްކަނީ:
- މައުރަޒު ފަދަ ތަންތަނުގައި ލަވަޖެހުމާއި ކޭބަލް ޓީވީ - 1،837،028 ރުފިޔާ
- ޓެލެކޮމިއުނިކޭޝަން ލައިސަންސް ފީ - 5،364،407 ރުފިޔާ
- ގަވައިދާ ޚިލާފުވެގެން ކުރެވޭ ޖޫރިމަނާ - 222،045 ރުފިޔާ
- މުވައްޒަފުންގެ ގަޑި ލާރިއާއި ޖޫރިމަނާ - 17،357 ރުފިޔާ
- ކުރީ އަހަރުގެ ބަޖެޓުން އަނބުރާ ލިބޭ ފައިސާ - 3،060 ރުފިޔާ
- ނީލަމުގައި ތަކެތި ވިއްކައިގެން ލިބޭ ފައިސާ - 1،400 ރުފިޔާ
މިއީ ޖުމްލަ 7،445،297 ރުފިޔާ އެވެ.
އޮޑިޓް އޮފީހުން އެ ރިޕޯޓުގައި ލަފާ ދިނީ ކޮމިޝަންގެ ސާވާއަށް މައްސަލައެއް ދިމާވި ނަމަވެސް ފައިސާއާ ގުޅޭ މުހިންމު ލިޔެކިޔުންތައް ނުގެއްލި ރައްކާކުރެވޭ އިންތިޒާމްތައް ހަމަޖެއްސުމަށެވެ. އަދި ދައުލަތުގެ މާލިއްޔަތު ގަވައިދާ އެއްގޮތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަން ވަނީ އެދިފަ އެވެ.
ރައީސް މުއިއްޒު އެ ހުންނެވީ ރަނގަޅަށް ބަލިވެފައި: ނަޝީދު
ސެލްފީ ނެގުން "ކޫލް" ނުވެދާނެ!
އެމެރިކާގެ މަނަވަރުތަކަކަށް އީރާނުން ވަރުގަދަ ހަމަލާތަކެއް ދީފި