ކޮވިޑް ހާލަތު ގޯސްވަމުން އަންނާތީ ރާއްޖެއަށް ދެކުނު އޭޝިއާގެ ގައުމުތަކުން ޓޫރިސްޓުން ފިޔަވައި އެހެން މީހުން އައުން މަނާކޮށްފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މާދަމާއިން ފެށިގެން، ދެކުނު އޭޝިއާގެ ގައުމުތަކުން ޓޫރިސްޓުން ނޫން މީހުން ރާއްޖެ އައުން މަނާކޮށްފައިވާ ކަމަށެވެ.

އެ އެޖެންސީން މި ނިންމުން ނިންމިއިރު، އިންޑިއާ އާއި ނޭފާލްގައި ހަލުއިކަމާއެކު ކޮވިޑްގެ ނުރައްކާތެރި ވޭރިއެންޓެއް ފެތުރި ގިނަ އަދަދެއްގެ ބަޔަކު ކޮންމެ ދުވަހަކު އަންނަނީ މަރުވަމުންނެވެ. އަދި ރާއްޖޭގައި މިދިޔަ ފަސް ދުވަހު ވަނީ ކޮވިޑަށް ޕޮޒިޓިވްވާ ރޭޓް 600 އަށް ވުރެ މައްޗަށް އަރައިފަ އެވެ.

ދެކުނު އޭޝިއާގެ ގައުމުތަކުން އަންނަ ޓޫރިސްޓުންނަށް ވެސް މީހުން ދިރިއުޅޭ ރަށްރަށަށް ދަތުރުކުރުން މާދަމާ އިން ފެށިގެން މަނާވާނެ ކަމަށްވެސް އެޗްޕީއޭއިން ބުނެ އެވެ.

އެޗްޕީއޭއިން ވަކި ގޮތެއް އަންގަންދެން މިގޮތަށް އަމަލުކުރަން ޖެހޭއިރުވެސް އެއިދާރާއިން ކަނޑައަޅާ ހާއްސަ ހާލަތްތަކުގައި ވޯކް ޕާމިޓް ހޯލްޑަރުންނަށް ރާއްޖެ އާދެވޭނެ ކަމަށް ވެސް އެޗްޕީއޭއިން ވަނީ ބުނެފަ އެވެ.

ރާއްޖޭގައި ވެސް ވަނީ ކޮވިޑް-19ގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާއިރު މިހާތަނަށް 34,134 މީހަކަށް ބަލި ޖެހި 83 މީހަކު ވަނީ މަރުވެފަ އެވެ.