ވެމްކޯގެ މުވައްޒަފުންގެ މުސާރައިން ކަނޑަމުންދާ ޕެންޝަން ފައިސާ ޕެންޝަން ސްކީމަށް ޖަމާނުކުރާތާ 19 މަސް ވެފައިވާ މައްސަލަ ބަލައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމެޓީއަށް ހުށަހަޅައިފިއެވެ.
ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއަށް ފޮނުއްވި ސިޓީގައި ފާހަގަކުރައްވާފައިވާ ގޮތުން، ވެމްކޯއިން އެންމެ ފަހުން މުވައްޒަފުންގެ ޕެންޝަން ފައިސާ ޖަމާކޮށްފައިވަނީ 16 އޮކްޓޯބަރު 2024 ގަ އެވެ. ޕެންޝަން އޮފީހުގެ ތަފާސްހިސާބުތަކުން މިކަން ކަށަވަރުވާ އިރު، ކުންފުނިން ކޮންމެ މަހަކު ވެސް މުވައްޒަފުންގެ މުސާރައިން ޕެންޝަން ފައިސާ އުނިކުރަމުންދާކަން މެންބަރު ފާހަގަކުރައްވާފައިވެ އެވެ.
މި މައްސަލާގައި މީގެ ކުރިން ވެމްކޯއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް ދެމުން އަންނަނީ ކުންފުނީގެ އާމްދަނީންނާއި ސަރުކާރުން ދޭ އެހީ އާއި ސަބްސިޑީން ކަމަށެވެ. މާލެ ސިޓީ ކައުންސިލުން ވެމްކޯއަށް ލިބެންޖެހޭ 98 މިލިއަން ރުފިޔާ ނުލިބުމުގެ ސަބަބުން ޕެންޝަން ފައިސާ ޖަމާކުރުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް ވެސް އެ ކުންފުނިން މީގެކުރިން ބުނެފައިވެ އެވެ.
ނަމަވެސް މެންބަރު މުހައްމަދު އިބްރާހީމް ވިދާޅުވީ، ކުންފުންޏަށް ދިމާވާ މާލީ ދަތިތަކަކީ މުވައްޒަފުންގެ އަސާސީ ހައްގުތަކާއި ގާނޫނީ އިލްޒާމުތައް ފުއްދުމަށް ދެއްކޭނެ ގާނޫނީ ހުއްޖަތެއް ނޫން ކަމަށެވެ.
ޕެންޝަން ފައިސާ ގަވާއިދުން ޖަމާނުކުރުމުގެ ސަބަބުން މުވައްޒަފުންނަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށް އެ މައްސަލާގައި ބަޔާންކޮށްފައިވެ އެވެ. މީގެ ތެރޭގައި ޕެންޝަން ފަންޑުން ލިބެންޖެހޭ އިންވެސްޓުމެންޓު ފައިދާ ނުލިބުމާއި، ގެދޮރުވެރިކަމުގެ ލޯނުތަކަށް ޕެންޝަން ފަންޑު ރަހުނުކުރުން ފަދަ މުހިންމު ކަންކަމުން މުވައްޒަފުން މަހުރޫމުވެފައިވާކަން ފާހަގަކޮށްފައިވެ އެވެ. ޕެންޝަން ފައިސާ ޖަމާކުރުމަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގެއްގެ އިތުރުން، ޕެންޝަނާ ބެހޭ ގާނޫނުން ވަޒީފާ ދޭ ފަރާތުގެ މައްޗަށް ލާޒިމުކޮށްފައިވާ ގާނޫނީ ވާޖިބެއްކަން ވެސް މެންބަރު ވަނީ ހަނދާންކޮށްދެއްވައިފަ އެވެ.
މިއީ ސަތޭކަ އެތައް މުވައްޒަފުންގެ ހައްގުތަކާއި ކުންފުނިތަކުގެ ނަޒާހަތްތެރިކަމާ ސީދާ ގުޅިފައިވާ މައްސަލައަކަށްވާތީ، މައްސަލަ ބަލައިދިނުމަށް އެސްއޯއީ ކޮމެޓީގައި އެދިފައިވެ އެވެ. އަދި މި މައްސަލާގައި ވެމްކޯ އާއި ޕެންޝަން އޮފީހުގެ އިސްވެރިން ޒިންމާދާރުކުރުވައި، ނުދައްކާހުރި ޕެންޝަން ފައިސާ ވީހާ ވެސް އަވަހަކަށް ޖަމާކޮށް ނިންމާނެ ގޮތުގެ ތަފްސީލީ ޕްލޭނެއް މަޖިލީހަށް ހުށަހެޅުމަށް ވެމްކޯއަށް އެންގުމަށް ވެސް މެންބަރު ވަނީ އެދިވަޑައިގެންފަ އެވެ.
ކަރަންފޫ ފެން: ހަޖަމު ކުރުމުގެ ނިޒާމަށް އޮތް ފަރުވާއެއް؟
އެމެރިކާގެ އޮފިޝަލުންނަށް އިޒްރޭލުން ޖާސޫސް ކުރާ މައްސަލައެއް
