ކޮވިޑް ކޮންޓްރޯލް ކުރުމަށް ރާއްޖޭގައި މިހާރު އަޅާފައިވާ ފިޔަވަޅުތަކާ އެކު ވެސް އަދަދުތައް ދަށް ނުވާނަމަ ފުލް ލޮކްޑައުން އަކަށް ދާންޖެހިދާނެ ކަމަށް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ ޑޮކްޓަރު އަހްމަދު ޝަހީދު ވިދާޅުވެއްޖެ އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ޝަހީދު ވިދާޅުވީ މާލޭގައި ކޮވިޑްގެ ހާލަތު ދުވަހެއް ދުވަހަކަށް އަންނަނީ ގޯސްވަމުން ކަމަށެވެ.

އައިސީޔޫގައި ފަރުވާދޭ މީހުންނަށް ބަލާއިރު، ޒުވާން އުމުރުގެ މީހުން ވެސް ހިމެނޭ ކަމަށާއި ވަރަށް އަވަހަށް މިއަށްވުރެ ހަރުކަށި މޫވްމެންޓް ރެސްޓްރިކްޝަނެއް ގެންނަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ފާހަގަކޮށްލަންޖެހޭ ރޭގަނޑު ނުވަޔަކުން ފަތިހު ހަތަރަކަށް މިވަނީ ކާވިއު ގަޑިއެއްވެސް އިއުލާންކޮށްފައި. މޫވްމެންޓް ރެސްޓްރިކްޓް ކުރުމުގެ ގޮތުން. އަޅުގަނޑުމެން ދެކޭގޮތުގައި ވަރަށް އަވަހަށް މިއަށްވުރެ ހަރުކަށި މޫވްމެންޓް ރެސްޓްރިކްޝަނެއް ގެންނަންޖެހޭ. މޫވްމެންޓް ރެސްޓްރިކްޝަންތަކާއެކު ވެސް އަދަދުތައް ކޮންޓްރޯލް ނުވާނަމަ، އެކަށީގެންވޭ ލޮކްޑައުން އަކަށް ދާންޖެހުން ވެސް،" ޑރ. ޝަހީދު ވިދާޅުވި އެވެ.

ކޮވިޑްގެ ފިޔަވަޅުަތަކަށް އަމަލުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ފާހަގަކުރައްވައި ޑރ. ޝަހީދު ވިދާޅުވީ މަގުމަތީގައި މާސްކު ނާޅައި އުޅޭ މީހުން ވެސް ފެންނަމުންދާ ކަމަށެވެ. ހަމައެހެންމެ ޒަރޫރީ ބޭނުމެއްގައި ނޫނީ އެއްގެއިން އަނެއްގެއަށް ދިޔުން ހުއްޓާލަންޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޑޮކްޓަރު ވިދާޅުވީ ރެސްޓޯރަންޓުތަކުން ޚިދުމަތް ހޯދާއިރު، އޯޕަން އޭރިއާއެއްގައި ތިބެ ޚިދުމަތް ލިބިގަތުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި ބަންދުވެފައި ހުންނަ ތަނެއްގައި ތިބެ ރެސްޓޯރަންޓުން ޚިދުމަތް ނުހޯދުމަށް ޑރ. ޝަހީދު އިލްތިމާސް ކުރެއްވި އެވެ.

"އަބަދުވެސް ފާހަގަވާ ކަމެއް ރެސްޓޯރަންޓް، ކެފޭތަކަށް ގޮސް މާސްކު ނާޅައި މީހުން އެބަތިބޭ ވަރަށް ގިނައިރު ވާހަކަ ދައްކަން. އެއީވެސް ވަރަށް ނުރައްކާތެރި ކަމެއް. ރެސްޓޯރަންޓުތަކުގައި މިހާރު ރަނގަޅީ ބުފޭ އެއްޗިހި ހުއްޓާލުން،" ޑރ. ޝަހީދު ވިދާޅުވި އެވެ.

ކޮވިޑްގެ އަލާމާތެއް ފެނިއްޖެނަމަ، ލަސްނުކޮށް ފްލޫ ކްލިނިކަށް ދެއްކުމަކީ ކޮންމެހެން ކުރުން ލާޒިމް ކަމެއް ކަމަށް ވެސް ޑރ. ޝަހީދު ވިދާޅުވި އެވެ.

"ބައެއް ގޭގޭގަ ފާހަގަ އެބަކުރެވޭ މުޅި އާއިލާ އެކީގައި ޕޮޒިޓިވް އެބަވޭ. ބަލާލާއިރު މިވާގޮތަކީ އެންމެ ފުރަތަމަ ބަލި ޖެހޭ މީހާ ވަރަށް ކުޑަކުޑަ އަލާމާތެއް މި ފެންނަނީ. އެހެންވެ އެއާދޭތެރޭ އަޅާނުލެވެނީ. އަސްލުގަ ކޮވިޑްގަ ވަރަށް އާދައިގެ އަލާމާތްތަކެއްގޮތަށް ވެސް ބަލި ފެނޭ. އެހެންވީމަ އެއަށް ސަމާލުކަން ނުދެވިއްޖެއްޔާ މުޅި ގޭތެރޭގަ މި ފެތުރެނީ. ވަރަށް ގިނައިން އެބަހުރި ފާހަގަކުރެވިފަ މުޅި ގެ އެކީގަ ޕޮޒިޓިވްވެފަ،" ޑރ. ޝަހީދު ވިދާޅުވި އެވެ.

ފަހަކަށް އައިސް މުޅި ރާއްޖެއިން ދުވާލެއްގެ މައްޗަށް 500 އަށް ވުރެ ގިނަ މީހުން އަންނަނީ ޕޮޒިޓިވްވަމުންނެވެ. އަތޮޅު ތެރޭގައި ވެސް ކޮވިޑްގެ ނުރައްކާ ބޮޑުވެ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން ވަނީ މަނާކޮށްފަ އެވެ.