ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އެމްއެންޑީއެފް އިން ސެކިއުރިޓީ ފޯރުކޮށްދެމުން ދަނިކޮށް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އެ ސެކިއުރިޓީ ފެއިލްވި ގޮތުގެ އިންކުއަރީއެއް ހެދުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން ނިންމައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ މިރޭ ނެރުނު ނޫސް ބަޔާނެއްގައި ވަނީ ރައީސް ނަޝީދަށް ސަލާމަތީ ޚިދުމަތްތަކުން ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދެމުން ދަނިކޮށް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އެ ރައްކާތެރިކަން ބްރީޗްވި ގޮތް ހެދުމަށް އެ ކޮމިޓީން ނިންމާފައިވާ ކަމަށެވެ.
ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވެފައި ވަނީ ރައީސް ނަޝީދަކީ އެންމެ މަތީ ދަރަޖައިގައި ސެކިއުރިޓީގެ ޚިދުމަތް ފޯރުކޮށްދޭ ބޭފުޅެއް ކަމަށެވެ. ނަމަވެސް އެމަނިކުފާނު ކާރުކޮޅަށް އަރާވަޑައިގެންނެވިއިރު އާންމުންނަށް ކާރުކޮޅު ކައިރިން ހިނގާފަ ދެވޭނެ ގޮތް ފަހިވެފައި އޮތުމަކީ ސެކިއުރިޓީ ފެއިލްވުން ކަމަށް ބުނެ، ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ.
ރައީސް ނަޝީދަށް ހަމަލާދިން މައްސަލަ ފަދަ ޓެރަރިޒަމްގެ މައްސަލަތައް ތަހުގީގު ކުރުމުގައި މިހާތަނަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ރިއާޔަތްކޮށް، އެ މައްސަލަ ސީރިއަސް އަވަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރުމަށާއި އެ މައްސަލައިގެ ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެ ހެކި ނައްތާލުމުގެ ކުރިން އެ މައްސަލައަށް ބޭނުންވާ ހެކި ހޯދަން ފުލުހުންނަށް އަންގަން ވެސް ވަނީ ފާސްކޮށްފަ އެވެ.
އަދި އެ މައްސަލައިގެ ތަހުގީގު ކުރިއަށްދާއިރު، ކަމާ ގުޅުންހުރި ބޭރުގެ ފަންނީ އަދި ގާބިލް ބޭފުޅުންގެ އެހީތެރިކަން ހޯދުމަށް ފުލުހުންނަށް އަންގަން ވެސް ފާސްކޮށްފައިވެ އެވެ.