އަދަދު ނޫހުގެ ސޯޝަލް މީޑިއާ މަންސަތަކުގައި އާންމުކުރި ޑޮކިއުމެންޓްރީއާ ގުޅިގެން ފުލުހުން ޖިނާއީ ތަހުގީގެއް ފަށާފައި ވަނިކޮށް އެ ނޫހުގެ އޮފީސް ރެއިޑުކޮށް ގެންދިޔަ ސާމާނު އަނބުރާ ހޯދުމަށް ހުށަހެޅި މައްސަލައިގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި އަންނަ ހަފްތާއަށް ތާވަލުކޮށްފި އެވެ.
މި މައްސަލައަކީ ނޫސްވެރިކަމުގެ މިނިވަންކަމާއި ގާނޫނީ ހަމަތަކާ މެދު ބޮޑެތި ބަހުސްތަކެއް އުފެދިފައިވާ މި ދަނޑިވަޅުގައި، މީޑިއާ އޮފީހެއް ބަލައި ފާސްކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މައްސަލައެކެވެ.
ކްރިމިނަލް ކޯޓުން ނިންމާފައި ވަނީ މި މައްސަލައިގެ ފުރަތަމަ އަޑުއެހުން ކުރިއަށް އޮތް ޖޫން މަހުގެ 23 ވާ އަންގާރަ ދުވަހުގެ ހެނދުނު 09:00 އަށް ތާވަލުކުރުމަށެވެ.
މި މައްސަލައިގެ ފެށުމަކީ މިދިޔަ އެޕްރީލް މަހުގެ 27 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ގާތްގަނޑަކަށް 10 ފުލުހުންގެ ޓީމަކުން "އަދަދު" ނޫހުގެ އޮފީހަށް ވަދެގަތް ހާދިސާ އެވެ. ހަތަރު ގަޑިއިރަށް ދެމިގެންދިޔަ އެ ރެއިޑްގައި ނޫހުގެ މަސައްކަތްތަކަށް ބޭނުންކުރާ ލެޕްޓޮޕްތަކާއި، ހާޑް ޑްރައިވްތަކުގެ އިތުރުން މުހިންމު 20 އިލެކްޓްރޯނިކް ޑިވައިސެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެ އެވެ.
"އައިޝާ" ޑޮކިއުމެންޓްރީއާ ގުޅޭ ގޮތުން ވާހަކަދެއްކުން މަނާކޮށް ނެރުނު ކޯޓު އަމުރާ ހިލާފުވި ކަމުގެ ތުހުމަތުގައި ހަމަ އެ ނޫހުގެ ދެ ނޫސްވެރިއަކު މީގެ ކުރިން ޖަލުގައި ބަންދުވެސް ކުރި އެވެ. އޭގެ އިތުރުން މި ޖިނާއީ ތަހުގީގުގެ ތެރެއިން "އަދަދު" ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތްތައް ވެސް މިހާރު ދަނީ ކޯޓުގައި ހިނގަމުންނެވެ.
އީރާނުން "ގޯސްކޮށް" އުޅޭނަމަ ބޮން އަޅާނަން: ޓްރަމްޕް
އާއްމު ސަޕްލިމެންޓެއްގެ ސަބަބުން އުމުރު ކުރުވޭ: ދިރާސާ
ފުވައްމުލަކު އެއާޕޯޓު ސަރަހައްދުގައި އޭޓީއެމް ސެންޓަރެއް