މިދިޔަ މަހު މީރާއަށް 1.41 ބިލިއަން ރުފިޔާ ބަލައިގަނެފައިވާ ކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)އިން މިއަދު ބުނެފި އެވެ.
ދައުލަތުގެ ޓެކްސް އިދާރާއިން ބުނިގޮތުގައި އެ އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށް ވުރެ 173.8 ޕަސެންޓް އިތުރު އަދަދެކެވެ. އަދި، މިއީ މިދިޔަ މަހު ލިބޭނެ ކަމަށް އަންދާޒާކުރި އަދަދަށްވުރެ 82.6 ޕަސެންޓް އިތުރު އަދަދެއް ކަމަށް ވެސް މީރާއިން ބުންޏެވެ
މީރާއިން ބުނިގޮތުގައި، މިދިޔަ އަހަރުގެ އެޕްރީލް މަހު ލިބުނު އާމްދަނީ އާ އަޅައިބަލާއިރު މިދިޔަ މަހު ލިބުނު އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޓީޖީއެސްޓީ، ޖީއެސްޓީ، ގްރީން ޓެކްސް، އެއާޕޯޓް ޑިވެލޮޕްމަންޓް ފީ، އެއާޕޯޓް ސާވިސް ޗާޖް، އާމްދަނީން ނަގާ ޓެކްސް އަދި ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުމެވެ. މީގެ އިތުރުން، ދައުލަތަށް ލިބެން ޖެހި ނުލިބިވާ ފައިސާގެ ބޮޑު އަދަދެއް މި މަހުގެ ތެރޭގައި ބަލައިގަނެފައިވާ ކަމަށް ވެސް މީރާއިން ބުންޏެވެ. އަދި މި އަދަދު އެޕްރީލް މަހު ލިބިފައިވާ އާމްދަނީގެ 20 ޕަސެންޓް ހިއްސާކުރާ ކަމަށް އެ އިދާރާއިން ބުންޏެވެ.
"މީގެ އަނެއް ސަބަބެއްގެ ގޮތުގައި މީރާއިން ފާހަގަކުރާ ސަބަބަކީ 2020 ވަނަ އަހަރުގެ އޭޕްރީލް މަހު ކޮވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން ފުރަބަންދުކޮށްފައިވުމުގެ ސަބަބުން އެ މަހުގައި ޓޫރިޒަމް ދާއިރާގެ ވިޔަފާރި ދަށްވެފައިވުމުން، އެ މުއްދަތާ އަޅައިބަލައި ލިބިފައިވާ އާމްދަނީ އިތުރުވެފައިވުމެވެ،" މީރާއިން ބުންޏެވެ.
މިދިޔަ މަހު މީރާއަށް ދެއްކި އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީ އެވެ. އެއީ 60.1 ޕަސެންޓް ނުވަތަ 849.61 މިލިއަން ރުފިޔާ އެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓޫރިޒަމް ލޭންޑް ރެންޓުންނެވެ. އެއީ 9.8 ޕަސެންޓް ނުވަތަ 139.12 މިލިއަން ރުފިޔާ އެވެ. މީގެ އިތުރުން، ގްރީން ޓެކްސްގެ ގޮތުގައި 95.54 މިލިއަން ރުފިޔާ (6.8 ޕަސެންޓް)، އާމްދަނީން ނަގާ ޓެކުހުގެ ގޮތުގައި 75.58 މިލިއަން ރުފިޔާ (5.3ޕަސެންޓް)، ބީޕީޓީގެ ގޮތުގައި 40.26 މިލިއަން ރުފިޔާ (2.8ޕަސެންޓް) އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ 214.56 މިލިއަން ރުފިޔާ (15.2ޕަސެންޓް) ހިމެނެ އެވެ.
މިދިޔަ މަހު މިރާއަށް ޖަމާކުރި އާމްދަނީގެ ތެރޭގައި 66.05 މިލިއަން ޑޮލަރު ވެސް ހިމެނެ އެވެ.