ހިމަބިހި އަލުން ފެތުރެން ފަށައި އެތައް ބަޔަކު އެ ބައްޔަށް ޕޮޒިޓިވްވަމުންދާ ދަނޑިވަޅެއްގައި ވެސް މާލޭގައި މަގުމަތީ ބާޒާރާއި ކާނިވަލްތައް ބާއްވަމުން ގެންދާކަން ފާހަގަކުރެވިއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ މަސް ނިމުނުއިރު 66 ގައި ހުރި ކޭސްތަކުގެ އަދަދު މިހާރު ވަނީ ގާތްގަނޑަކަށް ދެ ގުނަ އިތުރުވެ 121 އަށް އަރާފަ އެވެ. މީގެ ތެރެއިން 55 ކޭސް ފެނިފައި ވަނީ ހުސްވި ހަފުތާގެ ތެރޭގައި އެކަނި ކަމަށް ވާއިރު، މިއީ އޭގެ ކުރީ ހަފުތާގެ 44 ކޭސްއާ އަޅާބަލާއިރު އިތުރުވުމެކެވެ.
ބަލި މިހާ ހަލުވިކަމާއެކު ފެތުރެމުންދާއިރު ވެސް، މާލޭ ރަސްފަންނު ސަރަހައްދުގައި މަގުމަތީ ބާޒާރެއް ބާއްވާތާ ހަފުތާއެއް ވެފައި ވާއިރު، ކޮންމެ ރެއަކު އެތައް ބަޔަކު އެތަނަށް އެއްވެ އެވެ. މީގެ އިތުރުން ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޮޑު އެކްސްޕޯއެއް ބޭއްވުމާއި، ޔޫތު ހަބުގައި ގޭމިން ކާނިވަލެއް ބާއްވަން އިއުލާންކުރުމުގެ އިތުރުން، ވޯލްޑް ކަޕް މެޗުތައް ބެލުމަށް ވެސް ގިނަ އަދަދެއްގެ ބަޔަކު ކޮންމެ ރެއަކު މާލޭގެ އެކި ސަރަހައްދުތަކަށް ޖަމާވަމުންދެ އެވެ.
މި ހާލަތާ ގުޅިގެން އެޗްޕީއޭއިން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ވެކްސިން ދިނުމުގެ ބޮޑު ކެމްޕެއިނެއް ފަށާފަ އެވެ. އަދި ބަލީގެ އަލާމާތްތައް ހުރި މީހުންނާއި، ހިމަބިއްސަށް ޝައްކުވެގެން ޓެސްޓް ހަދާފައިވާ މީހުން ނަތީޖާ ލިބެންދެން ގޭގައި މަޑުކުރުމަށާއި، މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށް އެ އިދާރާއިން ވަނީ ހަރުކަށިކޮށް އިލްތިމާސްކޮށްފަ އެވެ.
ދުނިޔޭގެ ސިއްހަތު ޖަމާއަތުން 2017 ވަނަ އަހަރު ރާއްޖެއަކީ ހިމަބިހި ނައްތާލާފައިވާ ގައުމެއްގެ ގޮތުގައި ކަނޑައެޅި ނަމަވެސް، 2020 އަދި 2023 ވަނަ އަހަރު ވެސް ކޭސްތަކެއް ފެނި ކޮންޓްރޯލްކޮށްފައިވެ އެވެ. ޑޮކްޓަރުން ބުނާ ގޮތުގައި މި ބަލިން ރައްކާތެރިވުމަށް އޮތް އެންމެ މުހިންމު ފިޔަވަޅަކީ އުމުރުން އެއް އަހަރާއި ތިން އަހަރުގައި ދޭ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުމެވެ.
ފޯޅަވަހި ސަރަހައްދަށް ބިންހެލުމެއް، ރާއްޖެއަށް ނުރައްކަލެއް ނެތް
އިށީނދެ އިންނައިރު ބުރަކަށީގެ ރިހުން ކުޑަ ކުރެވޭނެ ދެތިން ގޮތެއް!
ހާމަނާއީގެ ޖަނާޒާގައި ބައިވެރިނުވެވުނު ސަބަބު ހާމަކޮށްފި