އެމްއެމްއޭ އިން މިއަހަރު ދޫކުރާ ސްކޮލާޝިޕްތަކަށް އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 15 ވަނަ ދުވަސް ކަމަށް އެ ބޭންކުން ބުނެފި އެވެ.
އެމްއެމްއޭ އިން ކުރިއަށްގެންދާ އެމްއެމްއޭ ސްކޮލާޝިޕް 2026 ޕްރޮގްރާމްގެ ދަށުން، މަތީ ތައުލީމު ހާސިލުކުރުމަށް ބޭނުންވާ ފަރާތްތަކަށް މުހިންމު ފުރުސަތުތަކެއް ވަނީ ފަހިކޮށްދީފަ އެވެ. މި ސްކޮލާޝިޕްގެ ދަށުން މައިގަނޑު ތިން ފެންވަރެއްގެ ކޯސްތަކުގައި ކިޔެވުމުގެ ފުރުސަތު ލިބޭނެ އެވެ. އެގޮތުން ބެޗެލާސް ޑިގްރީ، މާސްޓާސް އަދި ޕީއެޗްޑީ ފެންވަރަށް ކިޔެވުމުގެ ހަރަދުތައް މި ޕްރޮގްރާމްގެ ތެރެއިން ހަމަޖެހޭނެ އެވެ.
މިއަހަރުގެ ސްކޮލާޝިޕްތައް ހާއްސަކޮށްފައި ވަނީ މެލޭޝިއާގެ މަޝްހޫރު ތިން ޔުނިވަސިޓީ އަކަށެވެ. އެއީ ޔުނިވަސިޓީ އިސްލާމް ސެލަންގޯ، އިންސިފް ޔުނިވަސިޓީ އަދި އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަސިޓީ މެލޭޝިއާ އެވެ. މިއީ އިސްލާމީ މާލީ ދާއިރާއާއި އިގުތިސާދީ ރޮނގުން ފާހަގަކޮށްލެވޭ މަތީ ތައުލީމު ފޯރުކޮށްދޭ މުއައްސަސާތަކެކެވެ. މީގެ ސަބަބުން ރާއްޖޭގެ މާލީ ދާއިރާއަށް ބޭނުންވާ ފަންނީ އަދި ގާބިލު މީހުން އުފެއްދުމަށް އިތުރު ބާރަކަށް ވެގެންދާނެ ކަމަށް އެމްއެމްއޭ އިން ބުނެ އެވެ.
ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކުން ވެސް ވީހާވެސް އަވަހަކަށް އެޕްލިކޭޝަންގެ ކަންކަން ފުރިހަމަކުރުމަށް އެމްއެމްއޭ އިން އެދެ އެވެ.
އެމްޑީޕީއަށް އިސްލާހީ ބަދަލުތަކެއް ގެންނަން ކޮމިޓީއެއް
ރެފްރީންގެ ނަޒާހަތްތެރިކަމާމެދު ސުވާލު ނުއުފެއްދޭނެ: ކޮލީނާ
ޔުނިސެފުން ރާއްޖެއަށް 28،000 އެމްއާރް ވެކްސިން ހަދިޔާކޮށްފި
