އިދިކޮޅު އެންމެ ބޮޑު ސިޔާސީ ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ފަރާތުން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ޕްރައިމަރީގައި ވާދަކުރުމުގެ ޝައުގުވެރިކަން އެބަހުރި ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ހާމަކުރައްވައިފި އެވެ.

"އަދަދު" ނޫހުގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ފައިސަލް ވިދާޅުވީ، ނައިބު ރައީސްކަމުގެ މަގާމުގައި ހުންނެވި ދުވަސްވަރުވެސް ގައުމަށް ގެންނަން ބޭނުންފުޅުވި މުހިންމު ބަދަލުތަކަކާއި ގައުމާމެދު ކުރެއްވި އުއްމީދުތަކެއް ހުރި ކަމަށެވެ. އަދި އެ އުއްމީދުތައް ހާސިލުކުރުމަށްޓަކައި އެ ދުވަސްވަރުން ފެށިގެން މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާފައިވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވި ގޮތުގައި ގައުމާ މެދު އެމަނިކުފާނު ކުރައްވާ އުއްމީދުތަކެއް ހުރިއިރު، ރިޔާސީ ޕްރައިމަރީގައި ވާދަކުރުމުގެ ޝައުގުވެރިކަމެއް ނެތް ކަމަށް ވިދާޅުވިޔަސް އެކަން ގަބޫލުކުރާނެ ބަޔަކު ނުތިބޭނެ އެވެ. އެ ޝައުގުވެރިކަން އެބައޮތް ކަމަށާއި، އެ އުއްމީދުގައި މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް ފައިސަލް ފާހަގަކުރެއްވި އެވެ.

އެހެންނަމަވެސް، ފައިސަލް ވިދާޅުވީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ އޮވެގެން ރައްޔިތުންނަށް ވާ ވައުދުތައް ފުއްދައިދެވޭނެ މަގުތަކެއް ހޯދުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

މީގެ އިތުރުން، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު މުޅި އެމްޑީޕީ އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތް ކޮށްފި ނަމަ، ކުރިއަށް އޮތް އިންތިހާބު ކާމިޔާބު ކުރުމުގެ ފުރުސަތު ބޮޑު ކަމަށް ފައިސަލް ވިދާޅުވި އެވެ.

ފައިސަލް ނަސީމް އިތުރަށް ވިދާޅުވީ، ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ކޮންމެ ބޭފުޅަކު ކުރިމަތިލެއްވި ނަމަވެސް، މުޅި ޕާޓީ އެ ބޭފުޅެއްގެ ފަހަތުގައި ސާބިތުކަމާއެކު އޮވެގެން ނޫނީ 2028 ކާމިޔާބު ކުރުމަކީ ދަތި ކަމަކަށް ވާނެ ކަމަށެވެ.