އިތުރު 1،501 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީއޭ އިން އިއުލާންކޮށްފި އެވެ.

އެޗްޕީއޭ އިން މިރޭ އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މާލެ ސަރަހައްދުން ޕޮޒިޓިވްވެފައި ވަނީ 1،229 މީހުންނެވެ. އަތޮޅުތަކުގެ ރަށްތަކުން 265 މީހަކު ޕޮޒިޓިވްވިއިރު، ރިސޯޓްތަކުން ހަތް މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ.

މިއަދު އިއުލާންކުރި ޕޮޒިޓިވް ކޭސްތަކުގެ އިތުރު ތަފްސީލް

  • 3 މެއި - 1
  • 5 މެއި - 5
  • 6 މެއި - 29
  • 7 މެއި - 248
  • 8 މެއި - 214
  • 9 މެއި - 242

ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހިފައި ވަނީ ޖުމްލަ 38،520 މީހުންނަށެވެ. އެކްޓިވް ކޭސްގެ އަދަދު 11،629 ގައި މިހާރު ހުރިއިރު 26،795 މީހުން ވަނީ މިހާތަނަށް މިބަލިން ރަނގަޅުވެފަ އެވެ.

މި ބަލި ޖެހިފައިވާ 247 މީހަކަށް ހޮސްޕިޓަލްތަކުގައި ދަނީ ފަރުވާ ދެމުންނެވެ. މި ބަލީގައި ރާއްޖެއިން މިހާތަނަށް 87 މީހަކު ވަނީ މަރުވެފަ އެވެ.

އަތޮޅުތަކުގައި ކޮވިޑް ކޮންޓްރޯލް ކުރަން އަޅާ ފިޔަވަޅެއްގެ ގޮތުން ޒަރޫރީ ބޭނުމެއްގައި ނޫނީ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން ވަނީ މަނާކޮށްފަ އެވެ.

ކޮވިޑްގެ ކޭސްތައް ހަލުވިކަމާއެކު ފެތުރެމުންދާތީ ލ. ގަން، އަދ. މާމިގިލި، އއ. އުކުޅަސް، އއ. މަތިވެރި، ޅ. ނައިފަރު. ކ. މާފުށި، ބ. އޭދަފުށި، އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީގައި ވަނީ ކާފިއު އިއުލާންކޮށްފަ އެވެ.