ކައްކާއިރު އާދައިގެ ތެލުގެ ބަދަލުގައި ޒައިތޫނި ތެޔޮ ބޭނުން ކުރުމަކީ ހިތުގެ ސިއްހަތަށް އެންމެ ފައިދާހުރި ބަދަލުތަކުގެ ތެރެއިން ކަމެއް ކަމަށާއި، މީގެ ސަބަބުން ހާޓް އެޓޭކާއި ސްޓްރޯކް ޖެހުމުގެ ނުރައްކާ ބޮޑު ތަނުން ކުޑަކޮށްދޭ ކަމަށް މިފަހުން ހެދި ދިރާސާއަކާ ހަވާލާދީ އެމެރިކާގެ ބޯޑު-ސަޓިފައިޑް ކާޑިއޯތޮރެސިކް ސާޖަން ޑރ. ޖެރެމީ ލަންޑަން ވިދާޅުވެއްޖެ އެވެ.

އިންސްޓަގްރާމްގައި ހިއްސާ ކުރެއްވި ވީޑިއޯއެއްގައި ޑރ. ޖެރެމީ ވިދާޅުވީ، ކާނާގެ ތެރޭގައި ޒައިތޫނި ތެޔޮ ހިމެނުމުން ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަވާކަން ސައިންސާއި ސައިންޓިފިކް ދިރާސާތަކުން ވަރަށް ސާފުކޮށް ސާބިތުވާ ކަމަށެވެ.

މިކަމަށް ބާރުދެއްވަމުން އޭނާ އަލި އަޅުވާލެއްވީ 7,000 އަށްވުރެ ގިނަ މީހުން ބައިވެރި ކޮށްގެން ފަސް އަހަރު ދުވަހުގެ މުއްދަތަށް ހިންގި ބޮޑު ދިރާސާއަކަށެވެ.

"މެޑިޓަރޭނިއަން ޑައިޓް" ނުވަތަ ކެއިންބުއިމުގެ އާދަތަކަށް ތަބާވި މި މީހުންގެ ތެރެއިން ކޮންމެ ދުވަހަކު ގާތްގަނޑަކަށް ހަތަރު ސަމުސާ އެކްސްޓްރާ ވާޖިން ޒައިތޫނި ތެޔޮ ބޭނުންކުރި މީހުންގެ ހާޓް އެޓޭކާއި ސްޓްރޯކް ފަދަ ހިތުގެ ބޮޑެތި މައްސަލަތައް ކުރިމަތިވުމުގެ ނުރައްކާ 30 ޕަސެންޓް ކުޑަވިކަން ދިރާސާއިން ދެއްކި އެވެ. ހާއްސަކޮށް ސްޓްރޯކް ޖެހުމުގެ ނުރައްކާ ކުޑަ ކޮށްދިނުމުގައި ޒައިތޫނި ތެލުގެ ދައުރު ބޮޑުކަން ފާހަގަ ކުރެވުނެވެ.

ޑރ. ޖެރެމީ އިތުރަށް މާނަ ކޮށްދެއްވި ގޮތުގައި، އާދައިގެ ޒައިތޫނި ތެލަށްވުރެ އެކްސްޓްރާ ވާޖިން ޒައިތޫނި ތެޔޮގެ ފައިދާ މާ ބޮޑެވެ. ސަބަބަކީ އެކްސްޓްރާ ވާޖިން ތެލުގައި އެންޓި އޮކްސިޑެންޓްތަކާއި "ޕޮލިފެނޯލްސް" ގިނަ އަދަދަކަށް އެކުލެވުމެވެ. މިއީ ހަށިގަނޑުގައި އިންފްލެމޭޝަން ނުވަތަ ދުޅަކަން ކުޑަކޮށްދީ، ލޭ ދައުރުކުރާ ނާރުތަކުގެ ސިއްހަތު ރައްކާތެރި ކޮށްދޭ މާއްދާ ތަކެކެވެ.

ޒައިތޫނި ތެލަކީ އާދައިގެ ތެލަށްވުރެ އަގުބޮޑު އެއްޗަކަށް ވީ ނަމަވެސް، މިއީ ހިތުގެ ދުޅަހެޔޮ ކަމާއި ދިގު އުމުރަކަށްޓަކައި ކެއުމުގެ ތެރެއަށް ގެނެވޭނެ އެންމެ ފައިދާހުރި، ސައިންސުން ސާބިތުވެފައިވާ އެއް ބަދަލު ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.

ކައްކާއިރު ނުވަތަ ސެލަޑް ފަދަ ތަކެތީގައި އާދައިގެ ތެލުގެ ބަދަލުގައި އެކްސްޓްރާ ވާޖިން ޒައިތޫނި ތެޔޮ ބޭނުން ކުރުމަކީ ދިގު މުއްދަތުގައި ހިތުގެ ބަލިތަކުން ރައްކާތެރި ވުމަށް އެޅޭނެ މުހިއްމު ފިޔަވަޅެކެވެ.