ފީފާ ވޯލްޑް ކަޕްގެ ސެމީ ފައިނަލްގައި ރޭ ފްރާންސް އަތުން 2-0 އިން މޮޅުވެ، ސްޕެއިން މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފި އެވެ.
މުބާރާތުގެ ފޭވަރިޓެއްގެ ގޮތުގައި އޮތް ފްރާންސްއާ ދެކޮޅަށް ސްޕެއިން އިން ދެއްކީ މޮޅު ކުޅުމެކެވެ. ފްރާންސްގެ ވަރުގަދަ އެޓޭކް ހުއްޓުވައި، މެޗު ކޮންޓުރޯލްކޮށްގެން ސްޕެއިން ކުޅުނުއިރު، އެ ޓީމަށް ރައްދެއް ދިނުމަށް ފްރާންސަށް އުނދަގޫވި އެވެ.
ސްޕެއިނަށް ލިބުނު ޕެނަލްޓީއަކުން މެޗުގެ 22 ވަނަ މިނިޓުގައި އެ ޓީމަށް ލީޑު ހޯދައިދިނީ މިކޭލް އޮޔާޒަބާލެވެ. ސްޕެއިނަށް ޕެނަލްޓީއެއް ލިބުނީ އެ ޓީމުގެ ތަރި ލަމީން ޔަމާލަށް، ފްރާންސްގެ ޑިފެންޑަރު ލޫކަސް ޑީނޭ ކުރި ފައުލަކާ ގުޅިގެންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ސްޕެއިން ގޯލަށް ފްރާންސްގެ އެންމެ ހަމަލާއެއް އަމާޒެއް ނުކުރެވުނެވެ. އެހެންކަމުން، ބެލެވުނީ ދެވަނަ ހާފުގައި ފްރާންސް އިން ވަރުގަދަކޮށް ފަށައި، ސްޕެއިންގެ ޑިފެންސް ލައިނަށް ބާރުބޮޑު ކުރާނެ ކަމަށެވެ. އެކަަމަކު ދެވަނަ ހާފުގައި ވެސް ސްޕެއިންގެ ވަރުގަަދަ ޑިފެންސް ފޫއަޅުވާލުމަށް ފްރާންސަށް އުނދަގޫވި އެވެ.
މެޗުގެ 58 ވަނަ މިނިޓުގައި ސްޕެއިންގެ ދެވަނަ ލަނޑު ޖެހީ ޑިފެންޑަރު ޕެޑްރޯ ޕޯރޯ އެވެ. ސްޕެއިންގެ މިޑްފީލްޑަރު ޑެނީ އޮލްމޯއާއެކު ވަން- ޓޫއެއް ހެދުމަށްފަހު، އޭރިޔާ ތެރެއިން ލިބުނު ބޯޅަ ޕޯރޯ ވަނީ ގޯލުގެ ތިރީ ކަނަށް އަމާޒުކޮށްލައިފަ އެވެ.
މި އަަހަރުގެ ވޯލްޑް ކަޕްގައި ސްޕެއިންކޮޅަށް މިހާތަނަށް ވަދެފައިވަނީ އެންމެ ލަނޑެކެވެ. އަދި އެ ޓީމުގެ ޑިފެންސްގެ ރޭވުންތެރިކަން ރޭގެ މެޗުގައި ވެސް ފެނިގެންދިޔަ އެވެ. މުޅި މެޗުގައި ވެސް ސްޕެއިންގެ ގޯލަށް ފްރާންސަށް ފުރަަަތަމަ ހަމާލާއެއް އަމާޒުކޮށްލެވުނީ 81 ވަނަ މިނިޓުގަ އެވެ.
މި މެޗުން ބަލިވުމުން، ޖެހިޖެހިގެން ތިން ފަހަރު ވޯލްޑް ކަޕްގެ ފައިނަލް ކުޅުމަށް ފްރާންސުން ކުރަމުން އައި އުންމީދު ހާސިލެއް ނުވި އެވެ. އަދި ފްރާންސްގެ ކޯޗުކަމުން ޑިޑިއޭ ޑެޝޯމްޕްސް މި ވަކިވާން ޖެހުނީ ނާކާމިޔާބަކާއެކު އެވެ.
މިއީ 2010 ވަަނަ އަހަރުގެ ފަހުން ސްޕެއިން ވޯލްޑް ކަޕްގެ ފައިނަަލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ. ދެކުނު އެފްރިކާގައި އެ އަހަރު އޮތް މުބާރާތް ކާމިޔާބުކޮށް، ސްޕެއިން ފުރަތަމަ ފަހަރަށް ވޯލްޑް ކަޕް ކާމިޔާބުކުރި އެވެ.
އާޖެންޓީނާގެ ކުޅުން ގޯހެއް ނޫން: ސްކަލޯނީ
އަމްރިތާ ހޮސްޕިޓަލަށް އާސަންދަ ދިނުން މެދުކަނޑާލައިފި