އިޒްރޭލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި ގާއިމުކޮށްފައިވާ އާބާދުތަކުން އުފައްދާ މުދާ އެތެރެކުރުން މަނާކުރުމަށް ބެލްޖިއަމް ސަރުކާރުން ނިންމައިފި އެވެ.

މި ނިންމުމަކީ ޔޫރަޕްގެ އިއްތިހާދު (އީޔޫ) ގެ ފެންވަރުގައި އަދިވެސް ވަކި ގޮތަކަށް ނުނިމި އޮތް މި މައްސަލައިގައި، އިއްތިހާދުގެ ނިންމުމަކަށް އިންތިޒާރު ކުރުމެއް ނެތް ގައުމުތަކުގެ ތެރެއިން ބެލްޖިއަމްއިން އެޅި ހަރުދަނާ ފިޔަވަޅެކެވެ. ބެލްޖިއަމްގެ ނޫސް އެޖެންސީ (ބެލްގާ) އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ސަރުކާރުން މި ނިންމުން ނިންމާފައިވަނީ ހޫނު މޫސުމުގެ ޗުއްޓީގެ ކުރިން ބޭއްވި ކެބިނެޓްގެ އެންމެ ފަހު ބައްދަލުވުމުގަ އެވެ.

މި ފިޔަވަޅަކީ އިޒްރޭލުން ޣައްޒާއަށް ދެމުންދާ ވަރުގަދަ ހަމަލާތަކާއި، އޭގެ ސަބަބުން މަރުވަމުންދާ މީހުންގެ އަދަދު އިތުރުވަމުންދާތީ، މިދިޔަ އަހަރު ބެލްޖިއަމް ސަރުކާރުން ވެފައިވާ އިގުރާރެއް ތަންފީޒު ކުރުމުގެ ގޮތުން ނިންމި ނިންމުމެކެވެ.

މި ހަފުތާގެ ކުރީކޮޅު ބެލްޖިއަމްގެ ހާރިޖީ ވަޒީރު މެކްސިމް ޕްރެވޮޓް ވަނީ، އީޔޫގެ ހުރިހާ ގައުމުތަކަކުން މިފަދަ މުދާ މަނާކުރުމަށް ބްރަސަލްސްގައި ބޭއްވި ސިއްރު ބައްދަލުވުމެއްގައި ބާރުއަޅުއްވާފަ އެވެ. އަދި އީޔޫ ކޮމިޝަނުން މިކަމުގައި އަމަލީ ސިފައެއްގައި މަސައްކަތް ކުރުމުގެ ބަދަލުގައި ވަގުތު ބޭކާރު ކުރަމުންދާ ކަމަށް ވިދާޅުވެ އޭނާ ވަނީ ފާޑުވިދާޅުވެފަ އެވެ.

މި މައްސަލައިގައި ބެލްޖިއަމްގެ ނިންމުން ވަރުގަދަވެގެން ދިޔައީ "ގްލޯބަލް އިކޯ ލިޓިގޭޝަން ސެންޓަރު" އިން ހެދި ތަހުގީގަކަށް ފަހުގަ އެވެ. އެ ތަހުގީގުގައި އިޒްރޭލުން ޔޫރަޕަށް ފޮނުވާފައިވާ ދަނޑުވެރިކަމުގެ ބާވަތްތަކުގެ 30,000 އަށްވުރެ ގިނަ ލިޔެކިޔުންތައް ދިރާސާކުރި އެވެ. އެ ދިރާސާއިން ދެއްކި ގޮތުގައި ޔޫރަޕަށް އެތެރެކުރާ ކޮންމެ ހަ މުދަލަކުން އެކެއް، އަދި އީޔޫގެ ގައުމުތަކަށް އެތެރެކުރާ ކޮންމެ ފަސް މުދަލަކުން އެކެއް އުފައްދާފައިވަނީ ހިފާފައިވާ ހުޅަނގު އައްސޭރި ނުވަތަ ގޯލާން ހައިޓްސްގެ އާބާދުތަކުގަ އެވެ.

މީގެ އިތުރުން، އިޒްރޭލުގެ އެކްސްޕޯޓަރުން މުދާ އުފެއްދި އަސްލު ތަން އޮޅުވާލުމަށްޓަކައި "މޭޑް އިން އިޒްރޭލް" ލޭބަލް ޖެހުމާއި، ހިފާފައިވާ ބިންތަކުގެ މުދާ އިޒްރޭލުގެ އަސްލު މުދަލާ އެއްކޮށްލުމާއި، އުފެއްދި ތަނާ ގުޅުމެއް ނެތް އެޑްރެސްތައް ބޭނުންކުރާކަން ތަހުގީގަށް ވަނީ ހާމަވެފަ އެވެ.

ޔޫރަޕްގެ އެހެން ގައުމުތަކުންވެސް މިފަދަ ފިޔަވަޅުތައް ދަނީ އަޅަމުންނެވެ. އީޔޫއަކީ އިޒްރޭލުގެ އެންމެ ބޮޑު ވިޔަފާރި ބައިވެރިޔާ އެވެ. ނަމަވެސް، އިއްތިހާދުގެ އެންމެން އެއްބަސްވާނެ ދުވަހަކަށް އިންތިޒާރު ނުކޮށް ސްޕެއިންއިން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު މިފަދަ ގާނޫނެއް ފާސްކޮށްފައިވާއިރު، ނެދަލޭންޑްސް އިން މޭ މަހު އަދި ސްލޮވީނިއާއިން މިއަހަރުގެ ކުރީކޮޅު މިފަދަ ނިންމުންތައް ނިންމާފައިވެއެވެ. އަދި އަޔަލޭންޑްގެ ޕާލަމެންޓުންވެސް މި މަހުގެ 15 ވަނަ ދުވަހު ވަނީ މިފަދަ މުދާ މަނާކުރުމަށް ފާސްކޮށްފަ އެވެ.

އީޔޫގެ އިސް ފަސް ބޭފުޅަކު، އޭގެ ތެރޭގައި އިޓަލީގެ ކުރީގެ ބޮޑުވަޒީރު އެންރީކޯ ލެޓާ އަދި ޖަރުމަނުގެ ކުރީގެ ވައިސް ޗާންސެލަރު ސިގްމާ ގޭބްރިއަލް ހިމެނޭހެން، މުޅި އިއްތިހާދުން މިކަމުގައި އެއްގަލަކަށް އެރުމަށް ގޮވާލާފައިވެއެވެ. އެ ބޭފުޅުން ވިދާޅުވާ ގޮތުގައި، ވަކިވަކި ގައުމުތަކުން މިފަދަ ފިޔަވަޅު އެޅުމުން އޭގެ ނަތީޖާ އެންމެ ފުރިހަމައަށް ނުފެނިދާނެއެވެ. ސަބަބަކީ އެއް ގައުމަކުން އެތެރެކުރާ މުދާ އިއްތިހާދުގެ އެހެން ގައުމުތަކަށް މިނިވަންކަމާއެކު ދައުރުވާތީ އެވެ.

އެ ބޭފުޅުން އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މިފަދަ މުދާ މަނާކުރުމަކީ އިޒްރޭލާ ދެކޮޅަށް އަޅާ ދަތިކުރުމުގެ ފިޔަވަޅަކަށް ވުރެ ބޮޑަށް، އީޔޫގެ ވިޔަފާރީގެ އުސޫލުތައް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށް ކުރެވޭ ކަމެކެވެ. މީގެ އިތުރުން، ސްޕެއިން، އިޓަލީ އަދި ޖަރުމަނު ފަދަ ގައުމުތަކުން މިހާރުވެސް ދަނީ ޣައްޒާގެ ހަނގުރާމައާ ގުޅިގެން އިޒްރޭލަށް ހަތިޔާރު ފޮނުވުން މަދުކުރަމުންނެވެ.