ރާއްޖޭން ބޭރަށް ކުރާ ވައިގެ ދަތުރުފަތުރުގެ އަގު އުފުލި، އަގު 9.35 ޕަސެންޓް އުފުލިއްޖެ އެވެ.
ސްޓެޓިސްޓިކްސް ބިއުރޯއިން އާންމުކޮށްފައިވާ، ގޭބިސީތަކުގެ ހަރަދަށް އަންނަ ބަދަލުތައް ދައްކުވައިދޭ ސީޕީއައި (ކޮންސިއުމާ ޕްރައިސް އިންޑެކްސް) ގެ މެއި މަހުގެ ރިޕޯޓަށް ބަލާއިރު، މިދިޔަ އަހަރުގެ މެއި މަހާ އަޅައިބަލާއިރު މި އަހަރުގެ މެއި މަހު، ސީޕީއައިގައި ހިމެނޭ ހުރިހާ ގުރޫޕެއްގެ އަގުތައް ވަނީ ޖުމްލަކޮށް 2.54 ޕަސެންޓް އުފުލިފަ އެވެ. މީގެ ތެރެއިން އެންމެ ބޮޑު މަތިވުމެއް ފެނުނީ ދަތުރުފަތުރުގެ ދާއިރާއިން ކަމަށް ވާއިރު، މިދިޔަ އަހަރުގެ މެއި މަހާ އަޅައިބަލާއިރު 9.35 ޕަސެންޓް އަދި މި އަހަރުގެ އޭޕްރިލް މަހާ އަޅައިބަލާއިރު 1.12 ޕަސެންޓްގެ އިތުރުވުމެއް މި ބައިން ފާހަގަކުރެވުނެވެ.
މި ބަދަލު އައުމުގެ މައިގަނޑު ސަބަބަކީ ބޭރުގެ ވައިގެ ދަތުރުފަތުރުގެ އަގު 17.75 ޕަސެންޓް އުފުލުމާއި، ކަނޑު ދަތުރުފަތުރުގެ އަގު 1.08 ޕަސެންޓް މަތިވުމެވެ.
ދަތުރުފަތުރުގެ އިތުރުން އަސާސީ ތަކެތީގެ އަގުތައް ވެސް މިދިޔަ މެއި މަހު ވަނީ ވަރަށް ބޮޑަށް އުފުލިފަ އެވެ. އެގޮތުން މިދިޔަ އަހަރުގެ މެއި މަހާ އަޅައިބަލާއިރު އަސާސީ ތަކެތީގެ އަގު 6.63 ޕަސެންޓް މަތިވިއިރު، އެންމެ ބޮޑު ބަދަލެއް އައީ ގޭހާއި ތެލުގެ ބާވަތްތަކަށެވެ. އެ ބާވަތްތަކުން 19.9 ޕަސެންޓްގެ ބޮޑު އިތުރުވުމެއް ފެނުނުއިރު، ކާނާގެ ބާވަތްތަކުގެ އަގު 6.51 ޕަސެންޓް އަދި ބުއިމުގެ ބާވަތްތަކުގެ އަގު ވަނީ 5.15 ޕަސެންޓް އުފުލިފަ އެވެ.
މިގޮތަށް ތަކެތީގެ އަގުތައް މަތިވަމުން ދަނީ ރާއްޖޭގެ މާލީ ހާލަތަށާއި ދުނިޔޭގެ ސިޔާސީ މަސްރަހަށް އަންނަމުންދާ ބަދަލުތަކާ ގުޅިގެންނެވެ.
ރާއްޖޭން މި އަހަރު 1.1 ބިލިއަން ޑޮލަރުގެ ދަރަނި ދައްކަން ޖެހޭއިރު، މިދިޔަ އޭޕްރިލް މަހު އެކަނި ވެސް 524.68 މިލިއަން އެމެރިކާ ޑޮލަރުގެ ދަރަންޏެއް ވަނީ ދައްކައިފަ އެވެ. މި ބޮޑު ދަރަނި ދެއްކުމާ ގުޅިގެން ބޭރު ފައިސާގެ ތާށިކަން ކުރިމަތިވެ، ތަކެތީގެ އަގު އުފުލޭނެ ކަމަށް ވޯލްޑް ބޭންކުން ކުރިން ވެސް އޮތީ ލަފާކޮށްފަ އެވެ. މީގެ އިތުރުން، ފެބުރުވަރީ 28 ގައި ފެށުނު އީރާން ހަނގުރާމައާ ގުޅިގެން އެ ސަރަހައްދުގެ ވައިގެ ދަތުރުފަތުރަށް ބުރޫއަރައި، ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން އަންނަ ރޫޓްތައް ބަންދުވުމުން ފަތުރުވެރިކަން ދަށްވެ، ރާއްޖޭގެ އާމްދަނީއަށް ވަނީ ނޭދެވޭ އަސަރުތަކެއް ކޮށްފަ އެވެ.
އެ ސަރަހައްދުގައި ހަމަލާތައް ބަދަލުކުރުން އަދިވެސް ކުރިއަށްދާތީ، ވޯލްޑް ބޭންކާއި އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ) ން ލަފާކުރާ ގޮތުގައި، ތަކެތި އެތެރެކުރުމުގެ ހަރަދު އިތުރުވެ، މި އަހަރުގެ ބާކީ އޮތް ބައިގައި ވެސް ރާއްޖޭގައި ތަކެތީގެ އަގުތައް ހުންނާނީ މަތީގަ އެވެ.
ދަތުރުފަތުރުގެ އަގުތައް 9.3 އިންސައްތަ އުފުލިއްޖެ
އާމިރުއަށް ވެސް ބިޝްނޯއީ ގޭންގުގެ އިންޒާރު ލިބުނީތަ؟
ޕާކިސްތާނުގައި 100 އަށްވުރެ ގިނަ ކުޑަކުދިންނަށް އެއިޑްސް ޖެހިއްޖެ