ރާއްޖޭގައި ހިންގާ ގާނޫނީ ދާއިރާގެ ޑިގްރީ ކޯސްތަކުގެ ފެންވަރު މަތިކުރުމުގެ ގޮތުން، ކޯސްތަކުގެ އިމްތިހާނުތައް ފިޒިކަލްކޮށް ހާޒިރުވެގެން ހެދުމަށް ލާޒިމުކޮށް، އެންމެ ދަށްވެގެން ފުރިހަމަވާންޖެހޭ މިންގަނޑުތަކުގެ އުސޫލުތައް އިސްލާހުކޮށް ބާ ކައުންސިލުން މިއަދު އާންމުކޮށްފި އެވެ.
ގާނޫނީ ފަންނުގެ ގާނޫނުގެ ދަށުން ބާ ކައުންސިލަށް ލިބިދީފައިވާ ބާރުގެ ދަށުން ގެނައި މި ބަދަލުތަކުގައި، އިނގިރޭސި ބަހުން ކިޔަވައިދޭންޖެހޭ މިންގަނޑުތަކަށް ވަނީ މުހިންމު އިސްލާހުތަކެއް ގެނެސްފަ އެވެ. އަދި ބެޗްލާސް ޑިގްރީ ނުވަތަ އެލްއެލްބީ ޕްރޮގްރާމްތަކުގައި ކޮންމެހެން ހިމަނަންޖެހޭ މައިގަނޑު މާއްދާތަކެއް ކަނޑައަޅާފައިވާއިރު، އޭގެ ތެރޭގައި ރާއްޖޭގެ ގާނޫނީ ނިޒާމާއި، ދުސްތޫރީ ގާނޫނާއި، އިދާރީ ގާނޫނާއި، ޖިނާއީ ގާނޫނުގެ އިތުރުން މުއާމަލާތާބެހޭ ގާނޫނާއި ގާނޫނީ އަޚުލާގާއި ފަންނީ މިންގަނޑުތައް ހިމެނެ އެވެ. މީގެ އިތުރުން ދަރިވަރުންގެ ކިބައިގައި ގާނޫނީ ދިރާސާކުރުމާއި ވަކާލާތުކުރުމުގެ ހުނަރު ތަރައްގީކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް މި މިންގަނޑުތަކުގައި ލާޒިމުކުރެ އެވެ.
ކޯސްތަކަށް ވަދެވޭނެ އެންމެ ދަށް މިންގަނޑުތައް ބަޔާންކުރުމާއެކު، ކިޔަވައިދޭ މުދައްރިސުންގެ ފެންވަރަށް ވެސް ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން ޑިގްރީ ކޯސްތަކުގައި ކިޔަވައިދެއްވާ ލެކްޗަރާ ބޭފުޅުންނަކީ މަދުވެގެން މާސްޓާސް ޑިގްރީއެއް ހާސިލުކޮށްފައިވާ، ފަންނީ ގޮތުން ގާބިލު ބޭފުޅުންނަށް ވުން ވަނީ ލާޒިމުކޮށްފަ އެވެ. ހަމައެއާއެކު، ކިޔަވައިދޭ މަރުކަޒުތަކުގައި ދަރިވަރުންނަށް ބޭނުންވާނެ ގާނޫނީ ފޮތްތަކާއި ޑިޖިޓަލް ލައިބްރަރީގެ ވަސީލަތްތައް ފުރިހަމައަށް ގާއިމުކޮށްފައި ހުރުމަކީ ވެސް އާ އުސޫލުގެ ދަށުން ކޮންމެހެން ފުރިހަމަކުރަންޖެހޭ ކަމެކެވެ.
ރާއްޖޭގައި ގާނޫނީ ދާއިރާގެ ކޯސްތައް ހިންގުމުގެ ހުއްދަ ދިނުމާއި ވަކީލުކަމުގެ ހުއްދަ ދިނުމަށް ބޭނުންވާ މަތީ ތައުލީމުގެ އެންމެ ދަށް މިންގަނޑުތައް ކަނޑައެޅުމުގެ އިޚުތިޔާރު ލިބިގެންވަނީ ބާ ކައުންސިލަށެވެ. އެ ކައުންސިލުން ބަޔާންކުރާ ގޮތުގައި އަންނަ މަހުން ފެށިގެން އަމަލުކުރަން ފަށާ މި އާ އުސޫލުތަކަކީ ގާނޫނީ ތައުލީމުގެ ފެންވަރު ރަނގަޅުކޮށް، މުސްތަގުބަލުގައި އުފެދޭ ވަކީލުންގެ ފަންނީ ގާބިލުކަން އިތުރުކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެކެވެ.
ކުޑަކުދިންގެ އަދުލުގެ ގާނޫނު ތަންފީޒުނުކުރާ މައްސަލަ މަޖިލީހަށް
ބީއެމްއެލްގެ ކޯ ބޭންކިން ނިޒާމު ފިނަސްޓްރާ އިން ޒަމާނީކުރަނީ
ތިލަފުށީ ޕޯޓުގެ ކީ- ވޯލް ހެދުން ޗައިނާ ކުންފުންޏަކަށް
