ހދ. ހަނިމާދޫ ބަނދަރުގައި އަޅާފައި އޮތް ލޯންޗެއްގައި ރޭ ދަންވަރު އަލިފާނުގެ ހާދިސާއެއް ހިނގައި، ދެ މީހަކަށް އެކިވަރުގެ އަނިޔާ ވެއްޖެ އެވެ.

ފުލުހުން ބުނީ، ހަނިމާދޫ ބަނދަރުގައި އޮތް ލޯންޗެއްގައި އަލިފާން ރޯވެގެން އުޅޭކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ ރޭ ދަންވަރު 00:20 އެހައިކަންހާއިރު ކަމަށެވެ. މި ހާދިސާ ހިނގި ވަގުތު ލޯންޗުގައި ތިބި ކެޕްޓަނަށާއި ފަޅުވެރިއަކަށް ވަނީ އަލިފާނުގެ ސަބަބުން އެކިވަރުގެ އަނިޔާ ލިބިފަ އެވެ.

މި ހާދިސާގައި އަނިޔާވި ފަޅުވެރިޔާއަށް ހަނިމާދޫ ސިއްހީ މަރުކަޒުން ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފަ އެވެ. ނަމަވެސް، ލޯންޗުގެ ކެޕްޓަނަށް ލިބުނު އަނިޔާތަކަށް އެ ރަށު ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާއަށް މިހާރު ވަނީ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަށް ބަދަލުކޮށްފަ އެވެ.

އަލިފާނުގެ މި ހާދިސާގައި ލޯންޗު ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދާފަ އެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި މިހާތަނަށް ދެނެގަނެވިފައި ނުވާއިރު، ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.