ސަރުކާރު ހިއްސާވާ ކުންފުނިތަކުން މުވައްޒަފުން ވަކިކުރަމުންދާ ދިއުމަކީ ސަރުކާރުން ހިންގާ އަނިޔާވެރި ޖަރީމާއެއްގެ ގޮތުގައި ސިފަކުރައްވައި، އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.
ޝާހިދު މިފަދައިން ވިދާޅުވީ، ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި 33 އިންސައްތައަށް މަދުކުރުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިދިޔަ އޭޕްރީލް މަހު އެންގި އެންގުމަށް އަމަލުކުރުމަށް، މިދިޔަ ހަފްތާގައި އަލުން ކުންފުނިތަކަށް އެންގުމާ ގުޅިގެންނެވެ.
މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ، ޕީސީބީގެ ނިވަލުގައި އޮވެ ސަރުކާރުން ދަނީ އެމްޑީޕީގެ އާންމު މެންބަރުންނާއި އިސްލާހަށް ލޯބިކުރާ ރައްޔިތުން އެއްވެސް އުސޫލެއް ނެތި ވަޒީފާތަކުން ވަކިކުރަމުން ކަމަށެވެ. އަދި މިގޮތަށް މުވައްޒަފުން ވަކިކުރަނީ ސަރުކާރު ހިންގާ ޕީއެންސީގެ އެކްޓިވިސްޓުންނަށް ވަޒީފާ ބަހައި، ސަރުކާރު ދެމެހެއްޓުމުގެ ހީލަތްތެރި ރޭވުމެއްގެ ދަށުން ކަމަށްވެސް އޭނާ ތުހުމަތު ކުރެއްވި އެވެ.
ރާއްޖޭގެ އިގްތިސާދީ ހާލަތު ދަށްވެ، ޑޮލަރުގެ އަގު އިންތިހާއަށް އުފުލިފައިވާ ދަނޑިވަޅެއްގައި މިފަދަ ފިޔަވަޅެއް އެޅުމަކީ އެތައް އާއިލާއެއް ބިކަކޮށް އިނދަޖައްސާލުން ކަމަށް ޝާހިދު ވިދާޅުވި އެވެ.
"މިކަން ވަގުތުން ހުއްޓާލައި ސަރުކާރުގެ ސިޔާސީ ވަޒީފާ ބެހުމުގެ އިސްރާފާއި ކޮރަޕްޝަނަށް ބައިއަޅާ ފައިސާ ސަލާމަތްކޮށް، ރައްޔިތުން ވަޒީފާގެ ކަށަވަރުކަން ނެތުމުގެ ބިރުން ސަލާމަތްކޮށްދިނުމަށް ސަރުކާރަށް ގޮވާލަން،" ޝާހިދު ވިދާޅުވި އެވެ.
މީގެ އިތުރުން، ބޭއިންސާފާ ކުރިމަތިލާންޖެހޭ ކޮންމެ ރައްޔިތެއްގެ ހިމާޔަތުގައި އެމްޑީޕީ ދެމިއޮންނާނެ ކަމަށާއި، އެމްޑީޕީގެ ވެރިކަމެއްގައި މިގޮތަށް ވަޒީފާ ގެއްލޭ ފަރާތްތަކަށް ބަދަލު ހޯދައިދޭނެ ކަމުގެ ޔަގީންކަންވެސް ޝާހިދު ވަނީ ދެއްވާފަ އެވެ.
ކުންފުނިތަކުގެ ހަރަދު ކުޑަކުރުމުގެ ނަމުގައި މުވައްޒަފުން ވަކިކުރަން ފަށާފައި މިވަނީ، ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން އިގްތިސާދީ އިސްލާހީ ފިޔަވަޅުތަކެއް އަޅަމުންދާ ދަނޑިވަޅެއްގަ އެވެ. އޭޕްރީލް މަހު ޕީސީބީން ފޮނުވި ސިޓީގައި ވަނީ ކުންފުނިތަކުގެ އިދާރީ ހިންގުމުގެ ހަރަދުތަކާއި މުވައްޒަފުންގެ ހަރަދުތައް ކުޑަކުރުމަށް އަންގާފަ އެވެ.
ފައިނަލުން ބަލިވުމަކީ ބޮޑު ހިތާމައެއް: މެސީ
އީރާނުން ބަހުރޭނާއި ކުވެއިތުގައި ހުރި މަރުކަޒުތަކަށް ހަމަލާދީފި
ނާސްތާ ދޫކޮށްލާނަމަ އަންހެނުންގެ ހަށިގަނޑަށް ގިނަ ބަދަލު ތަކެއް!