އީރާނުގައި ކުރަމުންދާ ހަނގުރާމައަށް މިހާތަނަށް 37.5 ބިލިއަން ޑޮލަރު ހަރަދުވެފައިވާ ކަމަށް ޕެންޓަގަނުން ބުނެފި އެވެ.

އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު އަންގާރަ ދުވަހު ވިދާޅުވި ގޮތުގައި، އީރާނުގައި އެމެރިކާއިން ކުރަމުންދާ ހަނގުރާމައިގެ ހަރަދު މިހާތަނަށް ވަނީ 37.5 ބިލިއަން ޑޮލަރަށް އަރާފަ އެވެ. އޭނާ މިހެން ވިދާޅުވީ، އަލުން ބޮން އެޅުންތައް ވަރުގަދަކުރުމާ ގުޅިގެން، ރައްޔިތުންގެ މެދުގައި މަގުބޫލުކަން ކުޑަ މި ހަނގުރާމައަށް ބޭނުންވާ އިތުރު ފައިސާ ހޯދުމަށް ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.

އެމެރިކާގެ މިޑްޓާމް އިންތިހާބަށް އެންމެ ހަ މަސް ދުވަހަށް ވެފައިވާއިރު، ރައީސް ޑޮނަލްޑް ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީއަށް ހައުސް އޮފް ރެޕްރެޒެންޓޭޓިވްސް އާއި ސެނެޓުގެ އަގުލަބިއްޔަތު ދެމެހެއްޓުމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފަ އެވެ. އަނެއްކޮޅުން، އާންމުންގެ މެދުގައި މަގުބޫލުކަން ކުޑަ މި ހަނގުރާމައާއި، ދިރިއުޅުމުގެ ހަރަދުތައް ބޮޑުވަމުންދާ ދިއުމާ ގުޅުވައިގެން ޑިމޮކްރެޓުން ދަނީ ސިޔާސީ ގޮތުން ކުރިއެރުންތަކެއް ހޯދަމުންނެވެ.

ވޮޝިންޓަނުގައި ބޭއްވި އަޑުއެހުމެއްގައި ހެގްސެތު ވިދާޅުވީ، 37.5 ބިލިއަން ޑޮލަރުގެ ތެރޭގައި ހަނގުރާމައިގެ ވަކި ބައިތަކަކާއި ސެޕްޓެމްބަރު 30 ގެ ނިޔަލަށް ހިނގާނެ ކަމަށް ލަފާކުރެވޭ ހަރަދުތައް ހިމެނޭ ކަމަށެވެ. ނަމަވެސް، ޕެންޓަގަނުން މި އަދަދުތައް ކަނޑައެޅި ގޮތެއް ސާފެއް ނުވެއެވެ. ރޮއިޓާސްއަށް މައުލޫމާތު ދިން އޮފިޝަލަކު މާޗު މަހު ބުނެފައިވަނީ، ހަނގުރާމައިގެ ފުރަތަމަ ހަ ދުވަހުގެ ތެރޭގައި އެކަނިވެސް މަދުވެގެން 11.3 ބިލިއަން ޑޮލަރު ޚަރަދުވި ކަމަށް ޓްރަމްޕްގެ ސަރުކާރުން އަންދާޒާކޮށްފައިވާ ކަމަށެވެ.

ޓްރަމްޕް ވަނީ މިދިޔަ މަހު ކޮންގްރެސްގެ ކިބައިން އިތުރު 90 ބިލިއަން ޑޮލަރު ހޯދުމަށް އެދިވަޑައިގެންފަ އެވެ. މީގެ ތެރެއިން ބޮޑު ބައެއް ހަމަޖައްސާފައިވަނީ އީރާނުގެ ހަނގުރާމައަށެވެ. މިއީ ނޮވެމްބަރު މަހުގެ އިންތިހާބާ ކުރިމަތިލާއިރު، ހަނގުރާމައާ މެދު ހިތްހަމަނުޖެހިފައި ތިބި މެންބަރުންނާ ދެމެދު އިތުރު ދެބަސްވުންތަކެއް އުފެދޭނެ ކަމެކެވެ.

ފެބްރުއަރީ 28 ގައި އެމެރިކާއާއި އިޒްރޭލުން އީރާނަށް ބޮން އަޅަން ފެށީއްސުރެ، ޓްރަމްޕާއި އޭނާގެ ޓީމުން ހަނގުރާމައިގެ ކަންކަމާއި ރޭވުންތަކުގެ މައުލޫމާތު އެކަށީގެންވާ ގޮތެއްގައި ހިއްސާނުކުރާ ކަމަށް ބުނެ ރިޕަބްލިކަން އަދި ޑިމޮކްރެޓިކް މެންބަރުން ވެސް ދަނީ ޝަކުވާ ކުރަމުންނެވެ.

ސެނެޓުގެ އެޕްރޯޕްރިއޭޝަންސް ކޮމިޓީގެ އިސް މެންބަރު، ސެނެޓަރު ޕެޓީ މުރޭ ވިދާޅުވީ، ރައީސް ގެންދަވަނީ ހަނގުރާމަ ވަރުގަދަކޮށް، ހަނގުރާމައިގެ ކުށްތަކަށް އަރައިގަންނާނެ ކަމުގެ އިންޒާރު ދެއްވަމުން ކަމަށެވެ. އަދި މިއީ ނިމުމެއް ނެތް ހަނގުރާމައެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ. އީރާނުގެ އާންމު އުމްރާނީ ވަސީލަތްތަކަށް ހަމަލާދޭނެ ކަމަށް ޓްރަމްޕް ތަކުރާރުކޮށް ދެއްވާ އިންޒާރުތަކަކީ ހަނގުރާމައިގެ ކުށެއް ކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެއެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސް އާއި ސެނެޓުގައި ރިޕަބްލިކަން ޕާޓީގެ އަގުލަބިއްޔަތު ވަރަށް ކުޑަވުމާއެކު، ބަޖެޓުގެ ބިލުތައް ފާސްކުރުމަށް އާންމުކޮށް ޑިމޮކްރެޓުންގެ ތާއީދު ބޭނުންވެއެވެ.

ޑިމޮކްރެޓިކް ސެނެޓަރު ކިރްސްޓަން ގިލިބްރޭންޑް ވިދާޅުވީ، ރައްޔިތުން ސަރުކާރާ މެދު ހިތްހަމަނުޖެހިފައިވަނީ ކުރިން ދައްކާފައިވާ ވާހަކަތަކާއި އަމަލާ ދިމާނުވާތީ ކަމަށެވެ. ހަނގުރާމަ ނިމުނީތޯ ނުވަތަ ނޫންތޯ، އަދި ކުރިއަށްދާނީ ދެ ހަފުތާއަށްތޯ ނުވަތަ ނޫންތޯ ސާފުކޮށް އެނގެންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ހަނގުރާމައިގެ އަސަރު

ހެގްސެތު އިތުރަށް ވިދާޅުވީ، އަވަސް މުއްދަތެއްގައި ފައިސާ ނުލިބިއްޖެނަމަ އަސްކަރީ ތަމްރީނުތައް މަދުކުރަން ޖެހިދާނެ ކަމަށެވެ. މި ހަނގުރާމައިގެ ސަބަބުން ޕެންޓަގަނުގެ ގާތްގަނޑަކަށް 1 ޓްރިލިއަން ޑޮލަރުގެ ބަޖެޓަށް ބޮޑު ބުރައެއް އުފުލަން ޖެހިފައިވާއިރު، އަސްކަރީ މުވައްޒަފުންގެ ކަންކަމަށް ކަނޑައަޅާފައިވާ ފައިސާއަށް ވެސް ނުރައްކާވެދާނެ ކަމަށް ބެލެވެއެވެ. ޖޮއިންޓް ޗީފްސް އޮފް ސްޓާފްގެ ޗެއާމަން، ޖެނެރަލް ޑޭން ކެއިން ވިދާޅުވީ، ސިފައިންނަށް މުސާރަ ދިނުމުގެ ކަންކަން ހަމަޖެއްސި ނަމަވެސް، މަރާމާތު ކުރުމުގެ ހަރަދުތަކާއި ކުރިމަގުގެ އުފެއްދުންތަކަށް އިންވެސްޓް ކުރުމުގައި ދަތިތަކެއް ކުރިމަތިވެދާނެ ކަމަށެވެ.

ހެގްސެތު ވަނީ ހަނގުރާމައިގެ އިތުރު ހަރަދުތަކުގެ އިތުރުން، 2027 ވަނަ އަހަރަށް ލަފާކުރާ 1.5 ޓްރިލިއަން ޑޮލަރުގެ ބަޖެޓު ފާސްކޮށްދިނުމަށް ވެސް އެދިވަޑައިގެންފަ އެވެ. އޭނާ ވިދާޅުވީ، އެ ބަޖެޓު ފާސްނުވެއްޖެނަމަ އެއީ ގައުމަށް ކުރިމަތިވާނެ އެންމެ ބޮޑު ނުރައްކާ ކަމަށެވެ.

އެމެރިކާއާއި އީރާނާ ދެމެދު އޮތް ނާޒުކު ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުން މި މަހުގެ ކުރީކޮޅު ރޫޅިފައިވާއިރު، ދެ ފަރާތުން ވެސް ދަނީ ކޮންމެ ދުވަހަކު ހަމަލާބަދަލު ކުރަމުންނެވެ.

މިދިޔަ ބަންދު ދުވަސްތަކުގައި އީރާނު ހަނގުރާމައިގައި މަރުވި އެމެރިކާ ސިފައިންގެ އަދަދު 18 އަށް އަރާފައިވާއިރު، ގާތްގަނޑަކަށް 430 ސިފައިން ވަނީ ޒަހަމްވެފަ އެވެ. ޕެންޓަގަނުން ބުނި ގޮތުގައި ޖުލައި 7 އިން ފެށިގެން 100 ސިފައިން ޒަހަމްވެފައިވީ ނަމަވެސް، އޭގެ ތެރެއިން %96 ސިފައިން ވަނީ އަލުން ހިދުމަތަށް ނުކުމެފަ އެވެ.

ވޭތުވެދިޔަ ހަފުތާގައި ޓްރަމްޕް ވަނީ އީރާނުގެ ހަކަތަ އުފައްދާ މަރުކަޒުތަކާއި ފާލަންތަކަށް ހަމަލާދީ، އީރާނުގެ ތެޔޮ އެކްސްޕޯޓް ކުރާ މައި މަރުކަޒު ކަމަށްވާ ހާރްގް އައިލެންޑް ހިފުމަށް އެއްގަމު ސިފައިން ފޮނުވާނެ ކަމުގެ އިންޒާރު ދެއްވާފަ އެވެ. އަދި ބިމުގެ ފުންމިނުގައި ހުންނަ ނިއުކްލިއާ މަރުކަޒެއް ކަމަށްވާ "ޕިކްއެކްސް މައުންޓަން" އަށް ބޮން އަޅާނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

އަންގާރަ ދުވަހު ޓްރަމްޕް ވިދާޅުވީ، ވަރަށް އަވަހަށް އެ ފަރުބަދައިގެ ތެރޭގައިވާ މަރުކަޒު އެމެރިކާއިން ނައްތާލާނެ ކަމަށެވެ.