އައްޑޫ ސިޓީގެ މޭޔަރުގެ އިންތިޚާބު އަލުން ބޭއްވުން ގާތް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުން އާންމު ކުރި އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓުގައިވާގޮތުން އައްޑޫ ސިޓީގެ އިންތިޚާބީ މޭޔަރު އަދި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަލީ ނިޒާރަށް ވަނީ އެ ފައިސާ ލިބިފަ އެވެ.

އެކަމާ ގުޅިގެން ޑރ. ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އައްޑޫގެ މޭޔަރުގެ ބައި އިލެކްޝަން އައުން ކައިރި ކަމަށާއި މޭޔަރުގެ އިންތިޚާބުން ނާކާމިޔާބުވި ޕީޕީއެމްގެ ކެންޑިޑޭޓް މުހައްމަދު ލަތީފް މަސައްކަތް ހުއްޓާނުލައި ކުރިއަށްގެންދަންވީ ކަމަށެވެ.

ޚިޔާނާތުގެ ލިސްޓުގައި އޭނާގެ ނަން އޮތުމުން ނިޒާރު މިއަދު ވަނީ ކަންބޮޑުވުންފާޅު ކުރައްވާފަ އެވެ. އެކަމާ ގުޅިގެން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ޓެގް ކުރައްވައި ކުރެއްވި ޓްވީޓެއްގައި ނިޒާރު ވިދާޅުވީ އެ ލިސްޓުގައި އޭނާގެ ނަން ހިމެނީ އަބުރު ކަތިލަން ކަމަށެވެ.

ނިޒާރު ވިދާޅުވީ "އިންފޮމޭޝަން ކަލެކްޓް" ޖަހައި ވަގެއް ކަމަށް ނިންމައި މީހުން ބަދުނާމު ކުރެވިގެންނުވާނެ ކަމަށާއި ފެއިލްވެފައިވާ ދައުލަތެއްގެ ސިފަ ސާފުވަމުންދާ ކަމަށެވެ.