ވޮޝިންގްޓަން (13 މެއި)- އިޒްރޭލާއި ފަލަސްތީނުގެ ކުރިމަތިލުންތައް އިތުރުވަމުން ދިއުމާއެކު މަސްރަހު ހަމައަކަށް އަޅުވަން އެމެރިކާއިން އިސްނަގައިފި އެވެ.

އެގޮތުން އެމެރިކާގެ ސެކެޓްރަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކަން ވަނީ އޭނާގެ އިސް ޑިޕްލޮމެޓެއް ކަމަށްވާ ހާދީ އަމްރު ފަލަސްތީނާއި އިޒްރޭލުގެ މަސްރަހު ބަލައި ދެ ގައުމުގެ އޮފިޝަލުންނާ ބައްދަލު ކުރުމަށް ހަމަޖައްސާފަ އެވެ.

މީގެ އިތުރުން ބްލިންކަން ވަނީ އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އަށް ފޯނުން ގުޅުއްވައި ހަމާސް ޖަމާއަތުން އިޒްރޭލަށް ދެމުންދާ ރޮކެޓް ހަމަލާތައް ކުށްވެރިކޮށްފަ އެވެ. ހަމައެއާއެކު އޭނާ ވަނީ ފަލަސްތީނު އާއްމުންނަށާއި އިޒްރޭލުގެ ރައްޔިތުންނަށް ވެސް އަމާންކަމާއި ރައްކާތެރިކަމާއެކު ދިރިއުޅުމުގެ ހައްގު ލިބިގެންވާކަން ފާހަގަ ކުރައްވާފަ އެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަން ވެސް ވަނީ ނަތަންޔާހޫއާ ވަކިން ގުޅުއްވާ ވާހަކަ ދައްކަވާފަ އެވެ. އެއަށްފަހު މީޑިއާއާ ވާހަކަ ދައްކަވަމުން ބައިޑަން ވިދާޅުވެފައިވަނީ ހަމާސް ޖަމާއަތުގެ ހަމަލާތަކުން އެ ގައުމު ދިފާއު ކުރުމުގެ ހައްގު އިޒްރޭލަށް ލިބިގެންވާ ކަމަށެވެ.

ކުރިމަތިލުންތަކުގެ އެންމެ ފަހުގެ ހަބަރުތަކަށް ބަލާއިރު، އިޒްރޭލުގެ ޖެޓުތައް ފަލަސްތީނުގެ އެކި ސަރަހައްދުތަކަށް މެދުކެނޑުމެއްނެތި އަމާޒުވަމުން ދާއިރު ހަމާސް ޖަމާއަތުން ވެސް ވަނީ އެ ހަމަލާތަކުގެ ރައްދުގައި ތެލްއަވީވް އަށް 130 ރޮކެޓް ހަމަލާ ފޮނުވާލާފަ އެވެ.

އެމެރިކާގެ އިތުރުން ބައިނަލްއަގްވާމީ މުޖުތަމައުގެ ގިނަ ގައުމުތަކަކުން ވަނީ މި ކުރިމަތިލުންތަކާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެގޮތުން ގިނަ ގައުމުތަކުން ވަނީ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުގެ ޔަހޫދީން ކުރަމުންދާ އަނިޔާތަކާއި އިޒުރޭލުގެ ސިފައިން ދެމުންދާ ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ.

މިއީ 2014 ވަނަ އަހަރަށްފަހު އިޒްރޭލާއި ފަލްސްތީނުގެ މަސްރަހު މިހާ ހޫނުވެގެން ދިޔަ ފުރަތަމަ ފަހަރެވެ.-- އަލް އަރަބިއްޔާ